ރާއްޖެއާއި ބަންގްލަދޭޝް މިރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ރާއްޖެއިން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހައިިދިނީ އަލަށް ފުރަތަމަ 11 އަށް ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
މިރޭގެ މެޗުގެ ކުރިން ބަންގުލަދޭޝްއާއި ރާއްޖެއިން އެންމެފަހުން ކުރިމަތިލީ މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ ޓްރައި ނޭޝަންސް ޓޯނަމެންޓްގައެވެ. އެ މުބާރާތުގައި ކުޅުނު މެޗުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރިއެވެ. އެ މެޗުގައި ބަންގްލަދޭޝްއިން ރާއްޖެ 2-1 އިން ބަލިކުރި އިރު، އެއީ 18 އަހަރަށްފަހު އެގައުމުން ރާއްޖެ އަތުން ހޯދި ފުރަތަމަ މޮޅެވެ. މިދިޔަ އަހަރުގެ މެޗުގެ ކުރިން ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވެފައި އޮތީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައެވެ.
މިރޭގެ މެޗަށް ރާއްޖެއިން ނެގި ސްކޮޑުގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމަނާފައެއް ނުވެއެވެ. ދަގަނޑޭ ޓީމުގައި ނުހިމެނީ އޭނާ އެންމެ ރަނގަޅު ފިޓްނެސްގައި ނެތުމުންނެވެ. އެޓޭކް ލައިނުން އާންމުކޮށް ފާހަގަކޮށްލެވޭ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) ސްކޮޑުގައި ހިމެނުނު ނަމަވެސް، އެ ދެކުޅުންތެރިންވެސް އަނިޔާގައި ތިބުމުން މެޗަށް ނުކުމެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުގައި ރާއްޖެއިން ކުރިއަށް ޖެހި އެޓޭކް ކުރަން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. ބަންގުލަދޭޝްއިން ބޮޑަށް ޑިފެންސަށް ފައިބާ ކުޅުނު އިރު، ރާއްޖެއިން ބޯޅަ ހިފަހައްޓަމުން ދިޔައެވެ. ގިނަ ވަގުތު ރާއްޖެއިން ބޯޅަ ހިފަހައްޓަމުން ކުޅުނު ނަމަވެސް މެޗުގެ ކުރީކޮޅުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މެޗުގެ ކުރީކޮޅުގައި ބަންގުލަދޭޝްއިން ގިނަ ފައުލްތަކެއްވެސް ކުރި އިރު، ރާއްޖެއިން ކުޑަކޮށް ނުރައްކާ ކުރީ ކޯނަރުތަކުގައެވެ. ރާއްޖެއިން ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް ދެން ފެނުނީ ބަންގުލަދޭޝްގެ ދެ ކައުންޓާ އެޓޭކެކެވެ. ފުލުފުލުގައި ބަންގުލަދޭޝްއިން އުފެއްދި ދެ ހަމަލާވެސް ފެނުނީ އެޓީމުގެ ވާތް ފަޅިން ކުރިއަށް ކުޅޭ ރާކިބް ހޮސައިންގެ ފަރާތުންނެވެ. އޭނާގެ ބާރު ދުވެއްޔާއެކު ކުރިއަށް ދުވެ ނުރައްކާތެރި ދެ ހުރަހެއް ނަގައިދިން ނަމަވެސް ބަންގުލަދޭޝް ފޯވަޑް ސުމޮން ރެޒާއަށް އެ ބޯޅަތައް ގޯލަށް ފޮނުވައިލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ބޮޑަށް މަތިން ކުޅެން މަސައްކަތް ކުރި ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ގޯލު ޖެހީ މެދުތެރެއިން ކުޅުނު ޕާހަކުންނެވެ. ރާއްޖެއިން ގޯލު ޖެހީ މެދުތެރެއިން މުހައްމަދު އުމައިރު މަތިމަތިން ދިން ޕާހަކަށް އަރިމަތިން ވަދެ ހަންނައެވެ. މިރޭގެ މެޗަކީ ގައުމީ ޓީމުގެ މެޗެއްގައި ފުރަތަމަ 11 ގައި ހިމެނިގެން ހަންނަ ކުޅުނު ފުރަތަމަ މެޗެވެ. އުމައިރުގެ ބޯޅަ ހަންނަ ގޯލަށް ވައްދާލީ ބޯޅައަށް ނުކުތް ބަންގުލަދޭޝްގެ ގޯލްކީޕަރު އަނީސުރު ރަހްމާން ޒީކޯ ދެފައި ދެގޯޅި ދޭތެރެއިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
މިރޭގެ މެޗަށް ދިވެހި ގިނަ ސަޕޯޓަރުންތަކެއް ވަދެފައި ނުވި ނަމަވެސް ބަންގުލަދޭޝް ސަޕޯޓަރުންނަށް އަވޭ ޓީކެޓް ވިއްކި ސިޑިބަރިތައް އޮތީ ފުރިފައެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ ދިހަ ވަރަކަށް މިނެޓުގައި ހަމަލާއެއް ނުފެނުނު ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ރާއްޖެއިން ލީޑު ފުޅާކުރިއެވެ. މެދުތެރެއިން އިބްރާހީމް އައިސަމް މަތިމަތިން ވައްޓާލި ބޯޅައަކަށް ކުރިއަށް ޖެހި އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ކައިރިކަނަށް ދިޔަ ނަމަވެސް ގޯލްކީޕަރު އަނީސުރު ރަހުމާނަށް އުނދަގޫވީ ބޯޅައިގެ ސްޕީޑު ބާރުކޮށް ދިޔުމުންނެވެ. އެ ހިތްގައިމު ގޯލުން ރާއްޖެ ލީޑު ފުޅާކުރިއެވެ.
ރާއްޖެއިން މެޗުގައި ދެ ގޯލުގެ ލީޑެއް ނެގި ހިސާބުން ބަންގުލަދޭޝުން ވަނީ ފަހަތަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެޓީމުން މިރޭގެ މެޗަށް ނުކުތް އިރު، އިތުބާރު ޑިފެންޑަރު ޓޯޕޫ ބާމަން އަނިޔާގައި ހުރުމަކީ ޓީމަށް ލިބުނު ބޮޑު މާޔޫސް ކަމެކެވެ. ޓޯޕޫ މިވަގުތު ހުރީ ކަކުލުގެ ލިގަމެންޓް އަނިޔާއެއްގައެވެ.
ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މެޗުގެ ކުރިން ފާހަގަކުރީ މިރޭ ރާއްޖޭ ޓީމުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެކަން މެޗުގައި ފާހަގަވެސް ވިއެވެ. ހަންނަ ފުރަތަމަ 11 އަށް ނެރުމުގެ އިތުރުން ދެވަނަ ހާފުގައި އޭނާގެ ބަދަލުގައި ކުޅުން ނުކުތީ އަބްދުﷲ ޔާމީން (ޔާން) އެވެ.
މެޗަށް ނުކުތް ގޮތަށް ނުކުމެ ޔާން ނުރައްކާވެސް ކުރިއެވެ. އައިސަމް މެދުތެރެއިން ކުރިއަށް އެއްލި ބޯޅައަކަށް ދުވެ، ބަންގުލަދޭޝް ޑިފެންޑަރު ނައްޓާލައިފައި ޔާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވަން ވެސް މެއެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ އެބޯޅަ ގޯލަށް ވަންނަން ދިޔަ އިރު، ރައްޖޭގެ ނާއިޒް ހަސަން (ދާދު) އޮފްސައިޑް މަގާމެއްގައި ހުރެ ގޯލްކީޕަރަށް ހުރަސް އެޅި ކަމަށެވެ.
މެޗުގެ ފަހުކޮޅުގައި ރާއްޖެއިން ގިނަ ވަގުތު ބޯޅަ ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، ޔާންގެ އިތުރު ދެ ހަމަލާއެއް ގޯލުގެ މަތިން ދިޔަތަންވެސް ފެނިގެން ދިޔައެވެ. އޭގެ އިތުރުން ކައުންޓާ އެޓޭކެއްގައި ރާއްޖޭ ޓީމަށް ބަދަލަކަށް ނުކުތް އަހުމަދު ރިޒުވާން (ރިޒޭ) އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ރާއްޖޭގެ އައިސަމްގެ ހިތްގައިމު ހިލޭ ޖެހުމެއްވެސް ފެނިގެން ދިޔައެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން އައިސަމް ރީތިކޮށް ފޮނުވާލި އިރު، ބޭރަށް ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފަހު މިނެޓު ކޮޅަށް ރާއްޖެއިން ވަނީ އަލަށް ގައުމީ ޓީމަށް ނެގި އަހުމަދު ހަސަނަށާއި، ޒުވާން ތަރި ހަސަން ނަޒީމް (ޗޯޓު)ވެސް ދަނޑު މައްޗަށް ނެރެފައެވެ.
މިރޭގެ މެޗުން ރާއްޖެ މޮޅުވެފައިވާ އިރު، މިއީ މި ބްރޭކްގައި ރާއްޖެއިން ކުޅޭނެ ހަމައެކަނި މެޗެވެ. ޖޫން މަހުގައި އޮންނަ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރުގެ މެޗުތައް ދިވެހި ރާއްޖެއިން ތައްޔާރުވަމުން އަންނަ އިރު، މިރޭ މެޗުގެ ކުރިންވެސް ކޯޗު މޮރިއޭރޯ ބުނީ އަސްލު ޓާގެޓަކީ އޭޝިއަން ކަޕް ކަމަށެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ