އިނގިރޭސި ސަރުކާރުން ޗެލްސީއަށް އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިއެއް ދީ، ބައެއް މެޗުތަކަށް ޓިކެޓް ވިއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ބިލިއަނަރު، ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ވަނީ ފިޔަވަޅު އަޅައިފައެވެ. އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒް ކޮށްފައެވެ. ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރި ވެރިއަކަށް ވާތީއެވެ.

ޗެލްސީއަށް އެޅި ފިޔަވަޅުތަކާއެކު އެ ކްލަބަށް މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި އޮތް އިރު، ކްލަބު ހިންގަން ހުއްދަ ދީފައި ވަނީވެސް ވަކި ލައިސަންސެއްގެ ދަށުންނެވެ. އެ ލައިންސަންސުގެ ސަބަބުން ގިނަ ކަންތައްތަކަކަށް ޗެލްސީއަށް ހުރަސް އެޅިފައި އޮތް އިރު، ޓިކެޓް ވިއްކުމަށްވެސް އޮތީ ހުރަސް އެޅިފައެވެ.

އެ ފިޔަވަޅުތަކަށް ލުއިއެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކްލަބު ވިއްކާލަން އަބްރަމޮވިޗް މަސައްކަތް ކުރަމުންދާ އިރު، ޗެލްސީގެ ބޯޑުން ވަނީ ސަރުކާރާ މަޝްވަރާތައް ކޮށްފައެވެ. އެ މަޝްވަރާތަކުގެ ތެރެއިން ޗެލްސީއަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް މިހާރު ލިބިފައިވެސް ވެއެވެ. އެގޮތުން އަވޭ މެޗުތަކަށް ކުރެވޭނެ ހަރަދު ނިސްބަތް ބޮޑުވުމުގެ އިތުރުން ކަޕް މެޗުތަކަށާއި އަވޭ މެޗުތަކަށް ޓިކެޓް ވިއްކޭނެ ގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެ މެޗުތަކުގެ ޓިކެޓްތައް ޗެލްސީއަށް ވިއްކުނު ނަމަވެސް ޓިކެޓް ވިއްކައިގެން ލިބޭ ފައިދާ އެއްކޮށް ދާނީ ޕްރިމިއާ ލީގުގެ ބެލުމުގެ ދަށަށެވެ. އެ ފައިދާ އިތުރު ފަރާތްތަކަށް ދޭނީ ޕްރިމިއާ ލީގުންނެވެ. އެގޮތަށް އިންތިޒާމްތައް ހަމަޖެހިފައި ވަނީ ޗެލްސީގެ ވެރިޔާ އަބްރަމޮވިޗަށް އެއްވެސް ފައިދާއެއް ޗެލްސީން ނުނެގޭނެކަން ޔަގީން ކުރުމަށެވެ.

ސަރުކާރުން ދިން ލުއިތަކާއެކު ޗެލްސީއަށް ޗެމްޕިއަންސް ލީގުގައި ރެއާލްއާ ދެކޮޅަށް ކުޅެން އޮތް ކުއާޓާ ފައިނަލް ހޯމް މެޗާއި ވެމްބްލީގައި އޮތް އެފްއޭ ކަޕް ސެމީ ފައިނަލް މެޗަށާއި ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ސަޕޯޓަރުންނަށް ޓިކެޓް ވިއްކޭނެއެވެ. އެ ހުރިހާ ޓިކެޓެއްވެސް ވިއްކާނީ ޕްރިމިއާ ލީގުގެ ބެލުމުގެ ދަށުންނެވެ.

ޗެލްސީގެ ހާލަތު ރަނގަޅު ކުރުމަށް ކްލަބު ވިއްކާލަން މިހާރު ވަނީ އިއުލާން ކޮށްފައެވެ. މިދިޔަ ހުކުރު ދުވަހާ ހަމައަށް ޗެލްސީ ގަތުމަށް ބިޑް ހުށަހެޅުމަށް ފުރުސަތު އޮތް އިރު، ގިނަ ފަރާތްތަކަކުން ވަނީ ކްލަބު ގަންނަން ބިޑް ކޮށްފައެވެ. މިހާރު ކުރިއަށް ދަނީ ބިޑްތައް ބަލައި، ކްލަބު ވިއްކާލާނެ ފަރާތެއް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތެވެ.