އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކު މިިނިސްޓަރު ފައްޔާޒް އިސްމާއީލް، އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ، އެ ޕާޓީގެ ދާއިރާތަކަށް ދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކިފަހަރުމަތިން ކަނޑައެޅި ފައިސާ ނުދިން ސަބަބު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ މަގާމަށް ފައްޔާޒާ ވާދަ ކުރައްވަނީ، އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ރީކޯމޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި، ވިދާޅުވެފައިވަނީ ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަވެސް ކުރުން ލާޒިމް ކަމަކީ ޕާޓީގެ ދާއިރާތަކަށް ދޭން ގައުމީ މަޖިލީހުން އެކިފަހަރުމަތިން ކަނޑައެޅި ފައިސާ ނުދިނީ ކީއްވެތޯ ބެއްލެވުމުގެ އިތުރުން، "ޗެއާޕާސަންގެ ނައިބު މާލީގެ ނަމުގައި މަގާމެއް އުފައްދާފަ ފައިސާ ހަރަދުކުރީ ކިހިނެއްތޯ ބެލުން،" ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ގުޅިގެން ފާޅުކަން ބޮޑު ގޮތެއްގައި، އެމްޑީޕީގެ ދެ ފެކްޝަން ރަނގަޅަށް ދެ ބައިވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތަކުގެ މެދުގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.

މި އިންތހާބުގައި ރައީސް ނަޝީދާއި، އެ މަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔަމުންދާތީ، މޫސަ މީގެ ކުރިން ވަނީ ރައީސް ނަޝީދަށްވެސް ފާޑު ވިދާޅުވެފައެވެ.

އެގޮތުން މޫސަ ވިދާޅުވެފައި ވަނީ މިހާރު މިދާގޮތަށް ބަހުގެ ހަމަލާތައް ކުރިޔަށްދާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މަރާލަން ބޮން ގޮއްވީ ވެސް ސަރުކާރުން ކަމަށް އެމަނިކުފާނަށް ސަޕޯޓު ކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމުން ބުނާނެ ކަމަށެވެ.