މިރޭ އޮންނަ މެޗުގައި ރާއްޖެ ބަލިކުރަން ބޭނުންވަނީ ލަންކާގައި ކުޅުނު މެޗަށްވުރެ ރަނގަޅު ނަތީޖާއަކުން ކަމަށް ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާ ބުނެފިއެވެ.
ބަންގްލަދޭޝްއާއި ރާއްޖެއިން އެންމެފަހުން ކުރިމަތިލީ މިދިޔަ އަހަރު ސްރީ ލަންކާގައި ކުޅުނު މަހިންދަ ރާޖަޕަކްސާ ޓްރައި ނޭޝަންސް ޓޯނަމެންޓްގައެވެ. އެ މުބާރާތުގައި ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ރާއްޖެ ބަލިކުރިއެވެ. އެ މެޗުގައި ބަންގްލަދޭޝްއިން ރާއްޖެ 2-1 އިން ބަލިކުރި އިރު، އެއީ 18 އަހަރަށްފަހު އެގައުމުން ރާއްޖެ ކައިރީ ހޯދި މޮޅެކެވެ. މިދިޔަ އަހަރުގެ މެޗުގެ ކުރިން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެފައި އޮތީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައެވެ.
އެ މެޗަށްފަހު މިރޭ ބަންގްލަދޭޝްއިން އެކުވެރިކަމުގެ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ އިރު، މިއީ ކޯޗު ކަބްރޭރާއަށްވެސް ފުރަތަމަ ވާދަވެރި މެޗެވެ. ކުރިން އިންޑިއާގެ ކްލަބެއް ކަމަށްވާ ސްޕޯޓިން ކްލަބް ޑެ ގޯއާ އާއި، ޑެޕޯޓީވޯ އަލާވޭސްގެ އެކަޑެމީގައިވެސް މަސައްކަތް ކުރި ސްޕެއިންގެ ކޯޗު ކަބްރޭރާ، އިއްޔެގެ ޕްރި މެޗު ޕްރެސްގައި ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ކުޅެން ފުރިހަމައަށް ތައްޔާރު ކަމަށެވެ.
"ހަތަރު ދުވަހު ބަންގްލަދޭޝްގައި ތަމްރީނު ކޮށްފަ މިއައީ. މިއީ ރަނގަޅު ޓެސްޓަކަށް ވާނެ. ޓީމު އޮތީ މެޗަށް ތައްޔާރަށް. މޫސުމަށްވެސް ހޭނިފަ މިހާރު މިތިބީ. ޓީމުގެ ކުޅުންތެރިންގެ މަސައްކަތު ރޭޓާއި، ޑިސިޕްލިން އަދި ޓީމުން ދައްކާ ހިތްވަރަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައ މިހުރީ. ޓީމުގެ ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކަށޭނެ ރަނގަޅު ކުޅުންތެރިން އެބަތިބި،" ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ އޭނާގެ "ސްޓައިލް" ޓެސްޓްކޮށްލަން ރާއްޖެ ފަދަ ޓީމަކާ ދެކޮޅަށް ކުޅެން ލިބުމަކީ ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ލަންކާގައި ކުޅުނު މެޗާ ގުޅިގެން މެންޓަލީ ކުޅުންތެރިން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށްވެސް ކަބްރޭރާ ބުންޏެވެ.
"މެންޓަލީ ވަރަށް ބޮޑު ކުރި އެރުމެއް އެއީ (18 އަހަރަށްފަހު) ލަންކާގަ ބަންގްލަދޭޝްއިން ރާއްޖެ ބަލިކުރުން އެއީ. އަދިވެސް ބަލިކުރެވޭނެ ކަމުގެ ހިތްވަރު ލިބިއްޖެ ކުޅުންތެރިންނަށް. އަނެއްކާވެސް އުއްމީދަކީ އެއީ. އެއަށްވުރެ ރަނގަޅަށް ރާއްޖެ ބަލިކުރަން ބޭނުންވަނީ. އެ ކަމުގެ (ކުރިން މެޗުން މޮޅުވުމުގެ) އަސަރު މެންޓަލީ އަދި ސައިކޮލޮޖިކަލީ ވެސް ކުޅުންތެރިންގެ ކިބައިގަ ހުންނާނެ. އުއްމީދަކީ ރާއްޖެ ކައިރީ ރަނގަޅަށް ކުޅެ ކުރިއަށް ވުރެ ރަނގަޅަށް މޮޅުވުން،" ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝް ކެޕްޓަން ޖަމާލް ބުޔާން އިއްޔެގެ ޕްރެސްގައި ބުނީ މިރޭ ކުޅޭ އެކުވެރިކަމުގެ މެޗަކީ ގިނަ ދުވަސްތަކަކަށް ފަހު ކުޅެވޭ އެކުވެރިކަމުގެ މެޗެއް ކަމުން، އެކަމަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެއަށްފަހު ޖަމާލް ބުނީ ޓިކެޓް ވިއްކުމުގައި ހަމަހަމަވާން އެދޭ ކަމަށެވެ.
"އުންމީދުކުރަން މިފަހަރު ބަންގްލަދޭޝް ސަޕޯޓަރުންވެސް ގިނައިން ވައްދާނެ ކަމަށް. އަހަރެންވެސް ގަބޫލުކުރަން މިއީ ރާއްޖޭގެ ހޯމް ގްރައުންޑް ކަން. އެކަމަކުވެސް ސާފް ޗެމްޕިއަންޝިޕްގައިވެސް ބަންގްލަދޭޝް ސަޕޯޓަރުން ފަރާތުން ޝަކުވާ ލިބުނު ޓިކެޓް ގަނެގެންވެސް މެޗަށް ނުވަދެވުމުގެ ޝަކުވާ. ބަންގްލަދޭޝް ރައްޔިތުން ވެގެން ދަނޑަށް ނުވަދެވޭނެ ކަމަށް ގަބޫލު ނުކުރަން. މިއީ އެކުވެރިކަމުގެ މެޗަކަށްވުމުން، އުންމީދުކުރަން އެފްއޭއިންވެސް ބަންގްލަދޭޝް ރައްޔިތުންނަށް ހަމަހަމަކޮށް ޓިކެޓް ވިއްކާނެ ކަމަށް،" ޖަމާލް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓް ކުރާތީ އެ މުބާރާތުގެ އުސޫލު އޮންނަ ގޮތުން އަވޭ ޓީމަށް ވިއްކާފައި ވަނީ މަދު ޓިކެޓެވެ. ޓިކެޓް ނުލިބި ބަންގްލަދޭޝް ރައްޔިތުން ޝަކުވާތައްވެސް އެފަހަރު ކޮށްފައިވާ އިރު، ބަންގްލަދޭޝް ރައްޔިތުން ގަބޫލުކުރި ގޮތުގައި ދިވެހީންގެ ހޯމް ނަމަވެސް އެ ފަރާތްތަކަށް މެޗަށް ވަދެވެން ޖެހެއެވެ. އެހެން ނަމަވެސް ފީފާގެ އުސޫލުންވެސް އަވޭ ޓީމުތަކަށް ޓިކެޓް ވިއްކާނީ އަބަދުވެސް މަދުންނެވެ.
މިރޭގެ މެޗަށްވެސް އެފްއޭއެމްއިން އިއްޔެ ޓިކެޓް ވިއްކަން ފަށާފައިވާ އިރު، ބަންގްލަދޭޝް ރައްޔިތުންނަށް ވިއްކަނީ ވަކި ޓިކެޓްތަކެކެވެ. ދަނޑުގެ ކެޕޭސިޓީގެ ބޮޑު ޕަސެންޓެއްގެ ޓިކެޓް ވިއްކާނީ ދިވެހި ސަޕޯޓަރުންނަށެވެ.
ބަންގްލަދޭޝްއާއި ރާއްޖެ ވާދަކުރާ އެކުވެރިކަމުގެ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު