ގައުމީ ފުޓްބޯޅަ ޓީމުން މާދަމާ ރޭ ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ސްކޮޑަށް އަލީ އަޝްފާގު (ދަގަނޑޭ) ނުނެގުނީ އޭނާ ނުކުޅެ ހުންނަން ޖެހުމުގެ ސަބަބުން ކަމަށާއި، މިފަހަރު އެގޮތަށް ކަންތައްވި ނަމަވެސް ދަގަނޑޭއަށް އަބަދުވެސް ޓީމުން ފުރުސަތު އޮންނާނެ ކަމަށް ގައުމީ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
މާދަމާ ރޭ ގައުމީ ޓީމުން ބަންގުލަދޭޝްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން މިއަދު ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ކޯޗު މޮރިއޭރޯ ބުނީ ދަގަނޑޭއަކީ ސްމާޓް ކުޅުންތެރިއެއް ކަމަށާއި، ދަގަނޑޭއާ ރޭވެސް ވާހަކަދައްކައި އޭނާގެ ކަންކަމާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
"އަޝްފާގަށް އަބަދުވެސް ގައުމީ ޓީމުގެ ދޮރު ހުންނާނީ ހުޅުވިފައި. އެއީ ސްމާޓް ކުޅުންތެރިއެއް. އަޝްފާގާ އަހަރެން ރޭވެސް ވާހަކަދެއްކިން. އޭނާ އަހަރެން ކައިރީ ބުނި، ކޯޗު ތި ނިންމީ ރަނގަޅަކަށޭ. އަހަރެން މިހުރީ ރަނގަޅު ފިޓްނަސްއެއްގައެއް ނޫނޭ. އެއީ އެކަމަކު މައްސަލައެއް ނޫނޭ،" ކޯޗު މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ ދަގަނޑޭ ޓީމުގައި ނެތުމަކީ ކަންބޮޑުވާ ކަމެއް ނަމަވެސް، ދަގަނޑޭ ޓީމަށް ނުނެގުނީ ލީގުގައި މިހާތަނަށް އަދި ކުޅެފައި ނުވާތީ ކަމަށެވެ.
"އަޝްފާގް ނެތުމަކީ އަހަރެންވެސް ދެރަވާ ކަމެއް. އެއީ މުހިއްމުވެސް ކުޅުންތެރިއެއް. އެކަމަކު ހަމަ އެހެން ހުރިހާ ކުޅުންތެރިންވެސް ވަރަށް މުހިއްމު. އަޝްފާގު ހާއްސަވާނީ އޭނާގެ ވާހަކައަކީ ގައުމީ ފުޓުބޯޅައަށް މުހިއްމު ވާހަކައަކަށް ވާތީ. ދަގަނޑޭ ނުނެގުނީ އޭނާ މިދިޔަ މަހުގައިވެސް އެއްކޮށް ނުކުޅެ ހުރީމަ،" މޮރިއޭރޯ ބުންޏެވެ.
ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ، 36، ވަނީ ގައުމީ ދަނޑުގައި ރާއްޖޭގެ ޓީމުން ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ގޯލު ޖަހައިފައެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހި ދަގަނޑޭ، ގައުމީ ޓީމަށް 100 މެޗު ހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، މިހާތަނަށް އޭނާ ކުޅެފައިވަނީ 89 މެޗެވެ.
ދަގަނޑޭ ނެތުމުން ގައުމީ ޓީމަށް ކުރާނެ އަސަރާ ގުޅޭގޮތުން ބަންގުލަދޭޝް ނޫސްވެރިޔަކު ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާ ސުވާލުކޮށްފައިވެއެވެ. އަކޫ ބުނީ ރާއްޖޭގައި ދަގަނޑޭގެ "ރިޕްލޭސްމަންޓް" އެއް އަދި ނެތް ނަމަވެސް ފުރުސަތު ދީ ޒުވާން ކުޅުންތެރިން ނެރެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އަޝްފާގުގެ ރިޕްލޭސްމަންޓެއް ނެތް. އެ ޔަގީންކަމެއް. އެކަމަކު، އެބަތިބި ހުނަރުވެރި މޮޅު ކުޅުންތެރިން، ހާއްސަކޮށް ޒުވާން ކުޅުންތެރިން ވެސް އެބަތިބި. ކޯޗު ބުނިހެން އަހަރެމެން މި ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭން އެބަޖެހޭ،" މޮރިއޭރޯ ބުންޏެވެ.
ރާއްޖެއާއި ބަންގުލަދޭޝް މާދަމާ ރޭ ކުޅޭ މެޗު އޮންނާނީ 21:00 ގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު