މާދަމާ ރޭ ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުގެ ޓިކެޓް މިއަދު ހަވީރު 4:00 ގައި ވިއްކަން ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް އިއްޔެ ބަންގުލަދޭޝް ރާއްޖެ އައިސްފައިވާ އިރު، އެ މެޗަށް ރާއްޖޭގެ ގައުމީ ޓީމުންވެސް ދަނީ ފަރިތަކުރަމުންނެވެ.
އެފްއޭއެމުން ބުނެފައިވާ ގޮތުގައި މާދަމާ ރޭގެ މެޗަށް ދިވެހީންނާއި ބަންގުލަދޭޝްއަށް ޓިކެޓް ވިއްކާނީ ވަކި ދެ ގޭޓަކުންނެވެ. އެގޮތުން އޮލިމްޕަސް ފަޅި ގޭޓުން ދިވެހީންނަށް ޓިކެޓް ވިއްކާ އިރު، ބަންގުލަދޭޝްގެ ރައްޔިތުންނަށް ޓިކެޓް ވިއްކާނީ ތިންވަނަ ގޭޓުންނެވެ.
މާދަމާ ރޭގެ މެޗަށް ވިއްކާ ޓިކެޓުގެ، ސިޑިބަރި ޓިކެޓެއްގެ އަގަކީ 75 ރުފިޔާއެވެ. ގޮނޑިބަރި ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.
ރާއްޖެއިން އޭޝިއަން ކަޕްގެ ފައިނަލް ބުރަށް ތައްޔާރުވަމުން އަންނަ އިރު، ފައިނަލް ބުރުގައި 24 ޓީމުން ވާދަކުރާނެއެވެ. އެ 24 ޓީމުގެ ތެރެއިން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ދާނީ 11 ޓީމެވެ.
މިދިޔަ އަހަރު ރާއްޖެއިން ވަނީ ދެ މުބާރާތެއްގައި ބަންގުލަދޭޝް ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅެފައެވެ. ފުރަތަމަ މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބަންގުލަދޭޝް ބަލިކުރި ނަމަވެސް އޭގެ ފަހުން ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައި ބަންގުލަދޭޝް ވަނީ 2-1 އިން ރާއްޖެ ބަލިކޮށްފައެވެ. ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް އިން ހޯދި މޮޅަކީ މިދިޔަ 18 އަހަރު ތެރޭގައި އެގައުމުގެ ސީނިއާ ޓީމުން ރާއްޖޭގެ ސީނިއާ ފުޓުބޯޅަ އަތުން ހޯދި ފުރަތަމަ މޮޅުވެސް މެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު