"ވީ ޑިސައިޑް" ގޮތް ނިންމާނީ އަހަރެމެން، މިޝިއާރުގެ ދަށުން މިއަދު ދުނިޔޭގެ “ޑައުން ސިންޑްރޯމް”ދުވަސް ފާހަގަ ކުރަމުން އަންނައިރު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު މިއީ ކިހިނެއްވާ ކޮން ކަމެއްކަން އެނގޭ އަދި މިކަމަށް އެހީވާ ހާއްސަ ފަރާތްތައްވެސް ތިބިކަން އުފަލާއެކު ފާހަގަ ކޮށްލަން ޖެހެއެވެ. އިރެއްގައި ދިވެހިންގެ ތެރޭގައި މިފަދަ ކުދިންނަކީ ދިމާވާ ދެރަ އުނދަގުލެއްގެ ގޮތުގައި މީހުން ދުށް ކަމުގައިވިޔަސް މިއަދު ދިވެހިންގެ ތެރޭގައިވެސް މިކުދިންނަށް ދެވޭ ނަޒަރާއި ގަދަރު މިވަނީ ބޮޑުވެފައެވެ. ޑައުންސިންޑްރޯމް ކުދިންނަކީ މިއަދު ހުރިހާ ގޮތަކުންވެސް ގާބިލު ކުދިންނަށް ހެދުމަށް މަސައްކަތް ކުރާ ފަރާތްތައްވެސް ރާއްޖޭގައި ގިނަ އަދަދަކަށް ހަރަކާތްތެރިވެއެވެ.
މިއީ ކުއްޖާ 21ވަނަ ކްރޮމޮޒޯމްގެ އިތުރު ކޮޕީއަކާއެކު އުފަންވުމުން ދިމާވާ ހާލަތެކެވެ. ޓްރައިސޮމީ21އޭ ވެސް މިކްރޮމޮޒޯމަށް ކިޔައެވެ. މީގެ ސަބަބުން ވިސްނުމާއި ހަށިގަނޑު ހެދިބޮޑުވުމުގައި ލަސްވުމާއެކު އިތުރުއެހީއަށް ބޭނުންވާ ކަންތަކެއް ކުއްޖާގެ ގައިގައި ހުރެއެވެ. މިއީ އެއްވެސް ހާލެއްގައި ދެމަފިރިންގެ ތެރެއިން އެކެއްގެވެސް މައްސަލައެއް ހުރުމާ ގުޅުން ހުރި ކަމެއް ނޫނެވެ.
ކޮންމެ އެއްހާހަކުން އެއް ކުއްޖަކީ ޑައުންސިންޑްރޯމް ކުއްޖަކަށް ވުމުގެ ފުރުސަތު ބޮޑެވެ. މިއީ ގުދުރަތީ ގޮތުން ސެލްތައް ބެހިގެން ދިއުމުގައި ދިމާވާ ކަމެކެވެ. އާދައިގެ މީހެއްގެ ގައިގައި 46ކްރޮމޮޒޯމް، މަންމަގެ 23 އަދި ބައްޕަގެ 23، ހުންނައިރު ޑައުންސިންޑްރޯމް ކުއްޖާގެ ގައިގައި 47ކްރޮމޮޒޯމް ހުންނާނެއެވެ. މިއީ ޓްރައިސޮމީ21، ނުވަތަ 21ވަނަ ކްރޮމޮޒޯމްގެ ނަކަލު ކްރޮމޮޒޯމެއް އުފެދިފައި ހުރުމުން ޖުމުލަވާ 47އެކެވެ.
މިފަދަ ކުދިން ފާހަގަވާ ސިފަތަކެއް މޫނާއި ކަދުރާގައި ހުރެއެވެ. އަދި މިކުދިންނަކީ ހެދިބޮޑުވުމުގައި ލަސްތަކެއް ހުންނަ ކުދިންނެވެ. މިގޮތުން ކަނދުރާ ހަރުލުމާއި ހިނގަން ފެށުން އަދި ހާއްސަކޮށް ވާހަކަ ދައްކަން ފެށުން ލަސްވާގޮތް މެދުވެރިވެއެވެ. ވާހަކަ ދެއްކުން ވަރަށް ބޮޑަށް ލަސްވާ ކުދިންވެސް ތިބެއެވެ. ބައެއް ބަސްތައް ކިޔުމުގައި ދަތިތައް ހުރުން ފަދަ ކަންތައް އާންމެވެ. ނަމަވެސް ވަރަށް ރީތިކޮށް ވާހަކަދައްކާ ކުދިންވެސް ތިބެއެވެ. މިފަދަ ކުދިންނަކީ އެހެންމީހުން ހިތަށްވެސް ނާރާފަދަ "ސްމާޓް" އަދި މޮޅެތި ކުދިންނެވެ.
2011 ޑިސެމްބަރު ގައި ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 21 ކަމުގައި ވަނީ ހަމަޖައްސާފައެވެ. މިދުވަސް 21 މާޗުގައި ފާހަގަ ކުރުމަށް ހަމަޖެހުނު ސަބަަބަކީ ޑައުންސިންޑްރޯމްގެ އަސްލަކީ 21ވަނަ ކްރޮމޮޒޯމްގެ ނަަކަލު ވުމެއް ނުވަތަ 21ވަނަ ކްރޮމޮޒޯމްގެ އަސްލާއެކު އިތުރު 21އެއް އުފެދި 46އިން 47 ކްރޮމޮޒޯމްވުމެވެ. އެހެންކަމުން މިތަފާތުކަންތައް ފާހަގަ ކުރުމަށްޓަކައި މިއަދު، 21މާޗުގައި ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަ ކުރަނީއެވެ.
މިއަދު ރާއްޖޭގައިވެސް މިދުވަހާ ގުޅޭ ތަފާތު އެކި ހަރަކާތްތައް ކުރިއަށް އެބަ ގެންދެއެވެ. މިގޮތުން ރާއްޖޭގައި ޑައުންސިންޑްރޯމް އެސޯސިއޭޝަނެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ އެންޖީއޯ، "ބިއުޓިފުލް އައިސް" އިން މިއަދުގެ މުނާސަބާއާ ގުޅޭ ތޮފިތަކެއް ބެހުމާއެކު ސުކޫލުތަކުގައި ހޭލުންތެރިކަމުގެ އެސެމްބްލީތަކެއް އަންނަނީ ބާއްވަމުންނެވެ.
ބިއުޓިފުލް އައިސްއަކީ ރާއްޖޭގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައި ޑައުންސިންޑްރޯމް ކުދިންނަށް ވަރަށް ހާއްސަ އެހީތަކެއް ވެދީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އަދިވެސް ކުރިއަށް ގެންދާ، އެންޖީއޯއެކެެވެ.
މި އެންޖިއޯގެ ފައުންޑަރު އަދި ޗެއާޕާސަން އަހުމަދު އަންސާމް 'ވަން' އަށް މިއަދު ވިދާޅުވީ، ކޮވިޑު19އިގެ ހާލަތާ ގުޅިގެން މާބޮޑު ކަންތައްތަކެއް ކުރިއަށް ނުގެންދެވުނު ނަމަވެސް ހަމަޖެހިފައިވާ ހާއްސަ ކަންތައްތަކެއް ކުރިޔަށް ދާނެ ކަމަށެވެ.
ނޮވެމްބަރު 2012މ. އިން ފެށިގެން މިހާތަނަށް ހޭލުންތެރިކުރުވުމާއި އެހީތެރިކަމުގެ ޕްރޮގްރާމްތަކާއި ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންގޮސްފައިވާ އިރު މިއަހަރުގެ ޑައުންސިންޑްރޯމް ދުވަހުގެ މުނާސަބާގައި މާލޭގެ ކޮންމެ ސުކޫލަކުން އެއް މުދައްރިސަކު ހިލޭ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އަންނަ ހަފުތާގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ބިއުޓިފުލް އައިސް އިން މައުލޫމާތު ދިނެވެ. މިއީ "ބިހޭވިއާސްތެރަޕީ" ތަމްރީނު ޕްރޮގްރާމެކެވެ. އަދި އިތުރު އެހެނިހެން ހަރަކާތްތައްވެސް ކުރިއަށްދާނެކަމަށް މައުލޫމާތު ދެއްވިއެވެ.
މިގޮތުން ޔޫއެންގެ ޖެނީވާގެ ވޯލްޑް ޑައުންސިންޑްރޯމްޑޭ އޮންލައިން އިވެންޓެއް މިއަދު މެންދުރު ރާއްޖޭގެ ގަޑިން 2:30ގައި ބާއްވާއިރު، ބައިވެރިވާ ހަ ގައުމުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. އެހެންކަމުން މިއިވެންޓުގައި 10މިނެޓްގެ ޕްރެޒެންޓޭޝަނެއް "ބިއުޓިފުލް އައިސް" އިން ހުށަހަޅާނެ ކަމަށް އަންސާމް މައުލޫމާތުދެއްވިއެވެ.
ކޮންމެއަކަސް މިފަދަ ޖަމިއްޔާތަކުންނާއި އަދި ހަމަ އެހެންމެ އަމިއްލަ ފަރުދުން އެހެނިހެން ގޮތްގޮތުންވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް އަދި މިނޫންވެސް ގޮތްގޮތަށް މިއަދު ރާއްޖޭގައި ޑަައުންސިންޑްރޯމްއާ ބެހޭ އެކިކަހަލަ ކަންތައްތައް ކުރިއަށް ގެންދާކަމީ ފާހަގަ ކޮށްލަންޖެހޭ އުފާވެރި ކަމެކެވެ. މީގެ އަހަރުތަކެއް ކުރިން މީހުންނަށް މިއީ ކިހިނެއްވާ ކޮންކަމެއްކަން ނޭނގޭއިރު، އިރު މިފަދަ ކުދިންނަކީ މައިންބަފައިންގެ ކޮންމެވެސް ކަހަލަ އިހުމާލަކުން ނުކުންނަ ނަތީޖާއެއްގެ ގޮތުގައިވެސް ދެކެވެމުންދިޔައެވެ. އަދި ކައިވެނި ކުރާއިރު ބަލައިނުލައި ކޮންމެކޮންމެ މީހަކާ އިނުމުން ލިބޭ ކުދިންގެ އުނިކަންކަން ހުންނަނީ ކަމަށްވެސް ބައެއް މީހުން ދެކެފައި ވެއެވެ.
ނަމަވެސް މިއަދު ތަރައްގީވެ ތަމައްދުންވެ ތަހުޒީބުވެފައިވާ ދުނިޔޭގައި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ޑައުންސިންޑްރޯމް ހުންނަ ކުދިންނަކީ ހާއްސަ ސަމާލުކަމެއް ދީ ހަމަ އެހެނިހެން ކުދިންނާ އެއްހަމައެއްގައި ތިބޭ ކުދިންގެ ގޮތުގައި ބެލެވޭކަން އުފަލާއެކު ފާހަގަ ކޮށްލަން ޖެހެއެވެ. އަމިއްލަ ތަޖުރިބާގެ އަލީގައި ހަމަލޮލުން ފެނި ހިއްސާ ކުރެވިފައިވާ އެތައް ދެރަކަމެއް މިއަދު މާޒީއާ އެކުވެ ގޮސް މިފަދަ ކުދިން އެކަހެރިކޮށް ބާކީކޮށްލުމުގެ ނިކަމެތިކަންތައް މިހާރު ގާތްގަނޑަކަށްހެން ނެތޭ ބުނުން ގޯހަަކަށް ނުވާނެއެވެ.
"ގޮތްނިންމާނީ އަހަރެމެން" މިޝިއާރުގައިވާ ގޮތަށް އަމިއްލަ ކަންތައްތަކުގައި އަމިއްލައަށް ގޮތްނިންމުމުގެ ގާބިލުކަމާއި ހައްގު ޑައުންސިންޑްރޯމް ކުދިންނަށް މިއަދުގެ ދުނިޔޭގައި އަންނަނީ ލިބެމުންނެވެ. މިއީ މުޖުތަމައުގެ ބައެއްކަން ހިތުގެ އަޑިން ގަބޫލުކޮށް މިކުދިންނަށް އުނގަންނައިދިނުމާއި ކުރިއަށް ގެންދިއުމުގައި ތަފާތު ނުކޮށް ހަމަހަމަކަން ގެންގުޅުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެކެވެ. މިޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރެވިދާނެއެވެ. އަދި އޭގައި އޮންނާނީ އެންމެންގެވެސް ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް