ޚަބަރު

61 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމު ކުރުމުގެ ޕްރޮޖެކްޓް އޭޕްރީލް މަހު ފެށޭނެ: އިމްރާން

އިބްރާހިމް ޒަކީ

ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމު ކުރުުގެ މަސައްކަތް އަންނަ އޭޕްރީމަހު ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގައި ޕޮލިސް ސްޓޭޝަން ގާއިމު ކުރުމުގެ މަސައްކަތްތަކާބެހޭ ގޮތުން ތ.ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންނާއި ސިފައިންނަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެންދިޔަތާ 17 އަހަރުވީއިރު ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ރަށްރަށުގައި ގާއިމް ކުރެވިފައިވަނީ ފުލުހުންގެ އަމިއްލަ އެންމެ 17 ސްޓޭޝަން ކަމަށެވެ އެހެންކަމުން މިހާރުވެސް މީހުން ދިރިއުޅޭ 111 ރަށުގައި ފުުހުން ހަރަކާތްތެރިވާއިރު، އެމީހުންނަށްޓަކައި ހުންނަނީ އެންމެ 17 ސްޓޭޝަން ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އިމްރާން ވިދާޅުވީ، ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން ފުލުހުންގެ އަމިއްލަ ސްޓޭޝަންތައް އެކި ރަށްރަށުގައި ގާއިމު ކުރުމަށް ކުރިއަށްގެންދާ ބޮޑެތި މަސައްކަތްތަކުގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުއްމީދު ކުރައްވަނީ ރީޖަން ތަކަށް ނުވަތަ އަތޮޅުތަކަކަށް ބަހާލައިގެން ކައިރި ހިސާބުތަކުގެ ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތްތަކުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ޕްރޮޖެކްޓް ފަށައިގެން އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ މުޅި ޕްރޮޖެކްޓްގެ މަސައްކަތް ހުރިހާ ހިސާބެއްގައި މިއަހަރު ނިމޭއިރު ފެށޭނެ ކަމަށާއި، އަންނަ އަހަރުގެ މެދާހަމައަށްދާއިރު ޕްރޮޖެކްޓްގެ ބޮޑުބައި ނިމި އެއަހަރު ނިމޭއިރު ޕްރޮޖެކްޓްގެ 80 ޕަސެންޓަށްވުރެ ބޮޑުބައި ނިންމާލެވޭވާރު ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.