ރައީސް ނަޝީދު "އިމޯޝަނަލް ކާޑު" ކުޅުއްވަން ފައްޓަވައިފި ކަމަށާއި އެއިން އެނގެނީ އެމަނިކުފާނު ބަލި ގަބޫލުފުޅުކުރެއްވުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރާން އުޅޭ ވާހަކަތަކެއް އެމަނިކުފާނުގެ ސަޕޯޓަރުން ދައްކާ އަޑު ގަދަވެފައި ވަނިކޮށް، މޫސަ "ވަން" އަށް އިއްޔެ ވިދާޅުވީ އެމްޑީޕީގެ މިހާރު ކުރިޔަށް އެދާ ކެމްޕޭނަކީ އެއްވެސް ހާލެއްގައި ފައްޔާޒް އިސްމާއީލާއި އިމްތިޔާޒު ފަހުމީއާ ދެމެދު ކުރިޔަށްދާ ކެމްޕޭނެއް ނޫން ކަމަށެވެ. މި ކަމުގެ ހަގީގަތް އެއްވެސް ބަޔަކަށް އޮޅިފައިވެސް ނުވާނެ ކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ މިހާރު ފެންނަމުން މިދަނީ މިފަދަ ކަންކަމުގައި ރައީސް ނަޝީދު ވަރަށް ގިނައިން ކުޅުއްވާ ކާޑެއް ކަމަށާއި އެކަމަކު އެކަން އަބަދުވެސް ކުރައްވަނީ ބަލިވެވަޑައިގެންނެވުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފައްޔާޒްގެ ޓީމަކާ އިންތިގެ ޓީމެއް މަންޒަރުން ފެނުނަސް އަސްލު އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު. ފައްޔާޒަކީ ރައީސް ސޯލިހު، އިންތިއަކީ ރައީސް ނަޝީދު. ދެން މިހާ ހިސާބަށް އައި އިރު ރައީސް ނަޝީދަށް އެބަ އެނގިވަޑައިގަންނަވާ މި އިންތިހާބުގަ ވެސް އަދި އެހެނިހެން ކަންކަމުން ވެސް އެމަނިކުފާނަށް ކާމިޔާބެއް ލިބިވަޑައިނުގަންނަވާކަން، މިދެންނެވީ ނިޒާމު ބަދަލުކުރުމާ ބޮޑުވަޒީރު ކަން ފަދަ ކަންކަން ވެސް ރައްޔިތުން އެކަންކަން ބަލައިނުގަންނަކަން އެބަ އެނގޭ. އެހެންވީމަ މިހާރު ދެން ޕާޓީން ނެރެނީއޭ ކިޔައި "އިމޯޝަނަލް ކާޑު" މި ނެންގެވީ. އެއީ ރައީސް ނަޝީދު އަބަދުވެސް ކަން ކުރައްވާގޮތް." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ފައްޔާޒް ގެންގުޅުއްވާ "ހިންގާލަން" ކެމްޕޭން ޝިއާރަކީ އެމްޑީޕީއަށް މިވަގުތަށް އެންމެ ބޭނުންތެރި ޝިއާރު ކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި ޕާޓީކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ ޕާޓީ ހިންގަން ތިބި މީހުން އެޕާޓީ ވަޅުޖައްސާލައިފައި އޮތުމުގެ ސަބަބުން އާންމު މެންބަރުންނާއި އެކްޓިވިސްޓުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވައިގެން، އަދި ޕާޓީގެ އެންމެ އިސް ސަފުގައި ވެސް ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ތިއްބަވައިގެން މިދިޔަ ތިން އަހަރު ޕާޓީގެ ހަރަކާތްތައް ނުބާއްވައި، ޕާޓީ ނުހިންގައި ބޭއްވީ ރައީސް ސޯލިހަށް ކްރެޓިޑް ލިބިދާނެތީ ކަމަށެވެ. އެއީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާތް ބޭފުޅުން ގަސްދުގައި ކުރައްވާ ކަމެއް ކަމުގައި މޫސަ ތުހުމަތު ކުރެއްވިއެވެ.
"އަސްލު އިބޫއަށް ކްރެޑިޓެއް ލިބިދާނެތީ، އިބޫ ޕްރޮމޯޓް ވެދާނެތީ ގަންނާ ކުރައްވާ ބިރެއްގެ ބޮޑުކަމުން ޕާޓީންވެސް އެއްވެސް ހަރަކާތެއް ނުހިންގަނީ. އޭރުން 2023 އަށް އިބޫ ޕްރޮމޯޓް ވެދާނެތީ ރައީސް ނަޝީދު އެގޮތް ބޭނުންފުޅުނުވަނީ. ދެން ތިބެގެން އަމިއްލަ ޕާޓީ ތެރެއިން ސަރުކާރަށް އެއްޗެހި ކިޔައި ޑެމޭޖް މިކުރަނީ. ހެޔޮ ނުވާނެ އެހެން ކަންތައް ކުރަން. އެމްޑީޕީގެ 17 އަހަރުގެ ދިގު ތާރީހުގަ ވެސް ތިން އަހަރު ފުރިގެން ދިޔައިރު ބޮޑު ޖަލްސާއެއް ނުބޭއްވި އިރެއް މިދިޔަ ތިން އަހަރު ނޫނިއްޔާ ނުދާނެ." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެހުރިހާ ފިއްތުންތަކެއް ކުރިމަތިކުރުވައިގެން، ރައީސް ސޯލިހުގެ ތާއީދު ކުޑަކުރަން ރައީސް ނަޝީދު މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދެވި އިރުވެސް، އެންމެ ފަހުން ބޭއްވި ގައުމީ މަޖިލިސް ބޮޑު ތަފާތަކުން މެންބަރުން ދިނީ ރައީސް ސޯލިހަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ޗެއާޕާސަންގެ އިންތިހާބު ދަންމައިލެއްވީވެސް ރައީސް ސޯލިހު ކަމަށާއި އެމަނިކުފާނު އެކަން ކުރެއްވީ ޕާޓީގެ މެންބަރުންނަށް ޓަކައި ކަމަށެވެ. އޭގެ ބޭނުމަކީ ޕާޓީގެ މެންބަރުންނާއި ޕާޓީއާ ދެމެދު ހީނަރު ވެފައި އޮތް ގުޅުން މި ކެމްޕޭންގެ ތެރެއިންވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވުން ކަމަށް މޫސަ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެމްޑީޕީގެ ހަރަކާތްތައް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ބާރަށް ފެށިގެން ދާތަން ފެންނަން ފަށައިފި ކަމަށާއި ޕާޓީގެ ލީޑަޝިޕަށް ވެސް ރަށްރަށަށް ގޮސް އާންމު މެންބަރުންނާ ބައްދަލުކުރަން މަޖުބޫރުވެއްޖެ ކަމަށެވެ. ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް، އަވަސް އަރުވާލައިގެން އިންތިހާބު ބޭއްވި ނަމަ، މިފަހަރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް އާންމު މެންބަރުންގެ ގޭގެޔަށް، ލީޑަޝިޕުން ނުދާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަސްލު މިއަދު ވޯޓުލިޔަސް ފަޔާއަށް ލިބޭ އެއްޗެއް ލިބޭނެ. އެކަމަކު ރައީސް ސޯލިހު ބޭނުންފުޅުވީ ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފަތުރާލަން. 2023 ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގަ ޕާޓީގެ ހަރަކާތްތައް ހިންގަން އިބޫ ބޭނުންފުޅުވީ. އެކަން މިހާރު މި ފެންނަނީ. ކުރުގަޅުވާނުލައި އިންތިހާބަށް ވަގުތު ދިނީމަ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގަ އެދަނީ ޕާޓީގެ ޖަލްސާތައް ބާއްވަމުން، ލީޑަރޝިޕާ އޮންނަން ޖެހޭ ގުޅުންތައް އެއަންނަނީ ރަނގަޅުވަމުން. އެއީ ޕާޓީގެ މެންބަރުން އެދޭގޮތް." މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ރައީސް ނަޝީދު ޕާޓީން ބޭރުކުރުމަކީ ޕާޓީގެ އާންމު މެންބަރުން ކުރާނެ ކަމެއް ނޫން ކަމަށާއި އެފަދަ ވިސްނުންފުޅެއް ރައީސް ސޯލިހުގެ ވެސް އަދި ފައްޔާޒްގެ ވެސް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން އެގޮތަށް ވާހަކަދައްކަން ފެށުމުން އެނގެނީ އެ ޓީމުން މިހާރު ބަލި ގަބޫލުކޮށްފިކަން ކަމަށްވެސް މޫސަ ވިދާޅުވި އެވެ.