ގައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރުމުގެ ކުރިން އެމްޑީޕީ ހަމަމަގަށް އެޅުވުމުގެ މަސައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށްއެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މޫސަ އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރެއްވުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ނުހިންގައި، އެ ޕާޓީގެ އިސް ބައެއް ބޭފުޅުން 2028 ގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާތީ އެކަމަށް ވެސް ފާޑުވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ގައުމުގެ މައްސަލަތަކަށް ވަކާލާތުކުރުމުގެ ބަދަލުގައި ކޮންމެ މީހަކު ބައި ހަދާލާފައި އެމީހަކަށްވީ މީހަކު ގޮވައިގެން ނުކުމެ، ރިޔާސީ ޕްރައިމަރީއަށް ވާދަކުރީމާ ޕާޓީއަށް އޭގެން ގެއްލުންވާ ކަމަށާއި އެކަކު އަނެކަކު ނުކުމެ ރިޔާސީ ކެންޑިޑޭޓުކަމުގެ ތާކިހާ އަޅައިގެން ދުއްވައިގަންނަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ފުރަތަމަ ގައުމު ހަމަމަގަށް އެޅުވުމަށްވުރެ، އެމްޑީޕީ ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކަންނޭނގެ މިހާރު ކުރަން ޖެހޭނީ. އަނެއްކާ ދާދިފަހުން ރައީސް ނަޝީދު ފާޅުކުރައްވާފައި އެބައޮތް ވެރިކަމުގެ ޝައުގުވެރިކަން،" އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ފައްޔާޒް ހުންނަވައިގެން ނަޝީދާ ބައްދަލުކުރެއްވުމަކީ ގޯހެއް ކަމަށާއި މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ސިޔާސީ ކަންކަން ހަމަމަގަށް އެޅުވުމަށް ނަޝީދު އެއްގަލަށް އަރުވަން މަސައްކަތް ނުކުރައްވައި، މިހާރު އެ މަސައްކަތްކުރެއްވުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި އެމްޑީޕީ ފުނޑާލާނެ ކަމަށް ނަޝީދު ވިދާޅުވުމުން، ފުނޑާނުލެވޭނެ ކަމަށް ވިދާޅުވެ ފައްޔާޒް ވަރުގަދައަށް އޭރު ޗެލެންޖުކުރެއްވުމުން ސުވާލު އުފެދޭ ކަމަށް މޫސަ ވިދާޅުވިއެވެ.
"އޭރުގައި ރާއްޖެ ހަމަ މަގަށް އެޅުވޭނެކަން ނުވަތަ މި މަގަށް ނުދާނެކަމުގެ ޔަގީންކަން އޮތީތޯއޭ. އޭރުގައި ފައްޔާޒްގެ ވިސްނުމަކަށް ހުރީ ރައީސް ސޯލިހަށް ވެރިކަން ނުލިބުން ބާއޭ އަޅުގަނޑު ހިތަށް އަރަނީ. ރައީސް މުއިއްޒަށް ފަހިވާގޮތަށް އެކަން ކުރުމަށްޓަކައި ފައްޔާޒް ކުރެއްވި ކަމެއްބާއޭ އަޅުގަނޑު ހިތަށް އަރައޭ އެގޮތަށް މިހާރު އެ ވާހަކަ ވިދާޅުވީމާ،" އޭނާ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ކިތަންމެ ބައިވަރު ކެންޑިޑޭޓުންތަކެއް ނުކުތް ކަމުގައިވިޔަސް، އެމްޑީޕީ ބައިބައިވިޔަ ނުދޭނެ ކަމަށާއި ޕްރައިމަރީގައި ވަކި ބޭފުޅެއްގެ ފަހަތަށް އެރުމުގެ ވިސްނުން ނުގެންގުޅުއްވާނެ ކަމަށެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް