ސްޕެނިޝް ލަލީގާ

އެލް ކްލެސިކޯ: ރެއާލަށް ބޮޑު ލަދެއް، ޒަވީ އާއި ބާސާގެ މޫނުމަތިން ހިނިތުންވުން

ސްޕެނިޝް ލީގުގައި މިރޭ ކުޅުނު އެލް ކްލެސިކޯގައި ބާސެލޯނާއިން ރެއާލް މެޑްރިޑް ލަދުގަންނަވާލައިފިއެވެ.

ރެއާލްގެ ދަނޑު، ސަންތިއޭގޯ ބާނަބޭއޫގައި މިރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި މޮޅަށް ކުޅުނު ބާސާއިން ފަސް މެޗަށް ފަހު ފުރަތަމަ ފަހަރަށް އެލް ކްލެސިކޯއެއް ކާމިޔާބު ކޮށްފައިވާ އިރު، މިރޭގެ މެޗުން ބާސާ ހޯދި މޮޅަކީ އެލް ކްލެސިކޯގައި އެޓީމުން ހޯދި 97 ވަނަ މޮޅެވެ. މިހާތަނަށް ރެއާލުން ކްލެސިކޯގައި 100 މެޗުން މޮޅުވެފައި އޮތް އިރު، ދެޓީމު ކުޅުނު 62 މެޗެއް ވަނީ އެއްވަރުވެގެން ނިމިފައެވެ.

މިރޭގެ މެޗަކީ 2020 ވަނަ އަހަރުގެ މާޗު މަހަށްފަހު ރެއާލްގެ ރަސްމީ ހޯމް، ބާނަބޭއޫގައި ކުޅުނު ފުރަތަމަ ކްލެސިކޯއެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ރެއާލްގެ ދަނޑު އާބާތުރަ ފިލުވުމަށް ބަންދުކޮށްފައި އޮތް އިރު، އެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމެއެވެ. އެހެންކަމުން މިރޭގެ މެޗަށްވެސް ވައްދާފައި ވަނީ 60،000 ސަޕޯޓަރުންނެވެ. އެއީ ރެއާލް ދަނޑުގައި 80 ޕަސެންޓް ކެޕޭސިޓީއެވެ.

ބާސާއިން ސީޒަން ފެށީ ދަށްކޮށެވެ. އެޓީމުން މި ސީޒަންގައި ކުޅުނު ފުރަތަމަ ކްލެސިކޯގައި އަމިއްލަ ދަނޑުގައި ރެއާލް ކައިރީ 3-2 ގެ ނަތީޖާއަކުން ބަލިވެފައި އޮވެގެން މިރޭގެ މެޗަށް ބާސާ ނުކުތީ ރެއާލްގެ ސިލްސިލާއަށް ނިމުން ގެންނާށެވެ. އެ ސިލްސިލާ ނިންމަން ބާސާ މިވަގުތު އޮތީވެސް ރަނގަޅު ފޯމެއްގައެވެ. ޒަވީ ހެނާންޑޭޒް ކްލަބުގެ ކޯޗުކަމާ ހަވާލުވި ފަހުން ޓީމުގެ ކުޅުމަށް އައި ހެޔޮ ބަދަލު މިދިޔަ މެޗުތަކުގައި އައީ ފެންނަމުންނެވެ.

ރެއާލުން ޖެހިޖެހިގެން ހަވަނަ ކްލެސިކޯ ކާމިޔާބުކުރަން މިރޭ ނުކުތް އިރު، އެޓީމަށް އެންމެ ބޮޑަށް ގެއްލުން ދެއްކީ ޓީމުގެ ކެޕްޓަން، މުހިއްމު ފޯވަޑް ކަރިމް ބެންޒެމާ އަނިޔާގައި ހުރުމުންނެވެ. އެތަން މެޗުގައި ވަރަށް ބޮޑަށް އެޓީމަށް ދެއްކިއެވެ.

ބާސާއިން ރަނގަޅު ޓެމްޕޯއެއްގައި މެޗު ފަށައި ރެއާލް ކޮޅަށް ފުލުފުލުގައި ހަމަލާތައް އުފެއްދިއެވެ. މެޗުގެ ކުރީކޮޅުގައިވެސް އުސްމާން ޑެމްބޭލޭއާއި ޕިއޭ އެމެރިކް އޮބަމިޔާންގެ ނުރައްކާ ރެއާލަށް ކުރިމަތިވި އިރު، މެޗުގައި ރެއާލް ގޯލްކީޕަރު ތީބޯ ކޯޝުއާގެ ފަރާތުން ވަނީ ގިނަ ސޭވްތަކެއް ފެނިފައެވެ.

ކޯޝުއާ މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ބާސާ ފެނުނީ މާ ބޮޑަށްވެސް މޮޅުކޮށެވެ. މެޗުގެ 29 ވަނަ މިނެޓުގައި އޮބަމިޔާން ބާސާއަށް ލީޑު ނަގައިދިން އިރު، އޭގެ އިރުކޮޅެއް ފަހުން ބާސާއިން ލީޑު ފުޅާކުރީ ރޮނާލްޑް އަރޫހޯ ކޯނަރަކަށް އަރައި ބޮލުން ޖެހި ގޯލުންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ބާސާ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. ޕާސްތައް ގިނަކޮށް، ބާސާގެ ރަސްމީ ސްޓައިލްގައި އެޓީމުން ކުޅެމުން ދިޔަ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ބާސާއިން ފުލުފުލުގައި ދެ ގޯލުވެސް ޖެހިއެވެ. ބާސާގެ އެ ގޯލުތައް ޖަހައިދިނީ ފެރަން ޓޮރެސްއާއި އޮބަމިޔާންއެވެ.

ބާސާގެ އިތުރު ހަމަލާތަކުގެ ތެރޭގައި ޑެމްބޭލޭގެ ހަމަލާއަކާއި ބަދަލަކަށް ނުކުތް މެމްފިސް ޑިޕޭގެ ފުރުސަތުތައް ފާހަގަވިއެވެ. އެ ބޯޅަތައް މަތަކޮށް ނަތީޖާގެ ފަރަގު ދަމަހައްޓައިދިނީ ކޯޝުއާއެވެ.

މެޗުން ބަލިވި ނަމަވެސް ރެއާލް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ރެއާލްއަށް 29 މެޗުން 66 ޕޮއިންޓް ލިބިފައި އޮތް އިރު، ބާސާ އޮތީ ތިންވަނައިގައެވެ. އެޓީމަށް 28 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ. 29 މެޗުން 57 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސެވިއްޔާއެވެ.