މިމަހު 24 ވަނަ ދުވަހުގޭ ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗަށް ގައުމީ ސްކޮޑު އިއުލާން ކޮށް، ފަރިތަކުރުންތައް ފަށައިފިއެވެ.
ގައުމީ ޓީމުން ގައުމީ ދަނޑުގައި ރޭ ފަރިތަކުރުންތައް ފަށާފައިވާ އިރު، ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ އާ ބައެއް ކުޅުންތެރިންނަށްވެސް މިފަހަރު ގައުމީ ޓީމުން ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ލީގުގެ ފުރަތަމަ ބުރާއި ޕްރެސިޑެންޓްސް ކަޕުން ފާހަގަކޮށްލެވުނު ނަންތައް ހިމެނެއެވެ.
ގައުމީ ސްކޮޑު މިފަހަރު އިއުލާން ކުރި އިރު، މިދިޔަ ޖެނުއަރީ މަހުގެ ފަހު ކޮޅުގައި ކޯޗު މޮރިއޭރޯ ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ތަޖުރިބާކުރި އާ ބައެއް ކުޅުންތެރިންވެސް ފާހަގަވެގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި މާޒިޔާގެ ޑިފެންޑަރު ހަސަން ޝިފާޒު (ޑުންގާ) ފާހަގަވެފައިވާ އިރު، ސީޒަންގެ ފުރަތަމަ ބުރުގައި ކްލަބު އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އަހްމަދު ހަސަން (އަންމަޑޭ) އަށްވެސް ކޯޗު މޮރިއޭރޯ ވަނީ ޓީމުން އަލަށް ފުރުސަތު ދީފައެވެ.
ބަންގްލަދޭޝް މެޗަށް އިއުލާން ކުރި ގައުމީ ސްކޮޑަށް ގިނަ ކުޅުންތެރިންތަކެއް އެނބުރި އައިސްފައިވެއެވެ. އެގޮތުން އަނިޔާއަށްފަހު ފޯމު ރަނގަޅުކުރަމުން އަންނަ އަހުމަދު ރިޒުވާން (ރިޒޭ) އާއި ކްލަބު ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ)ވެސް ގައުމީ ޓީމަށް އެނބުރި އައިސްފައިވާ އިރު، ހަތަރު އަހަރަށްފަހު ރިލުވާން ވަހީދު (ރިލޭ) އަށްވެސް ގައުމީ ޓީމުން ވަނީ ފުރުސަތު ލިބިފައެވެ. އެންޑީއާއި ރިލޭވެސް މީގެ ކުރިން އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއާއެކު މެދުކެނޑުމަކަށްފަހު މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އަށްވެސް ގައުމީ ސްކޮޑުން އަލުން ފުރުސަތު ލިބިފައިވެއެވެ.
އެންޑީގެ ކަކުލަށް 2017 ވަނަ އަހަރު ލިބުނު އަނިޔާގެ ސަބަބުން ސާޖަރީކޮށް، ނުކުޅެ އަހަރެއްހައި ދުވަސް ވަންދެން ހުރެ ރިކަވަރީ ފުރިހަމަކޮށް ނުކުތް ފަހުން ރަނގަޅު ފޯމެއްގައި ކުޅެން ފެށީ މިއަހަރު ޕްރެސިޑެންޓްސް ކަޕްގައި ވެލެންސިއާ ޖާޒީގައެވެ.
ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްގައި އަނިޔާވުމަށްފަހު ލީގުގައި ނުކުޅެ ހުރި އަލީ ފާސިރު (ސެންޓޭ) އަލުން ފިޓްނަސް ރަނގަޅުކޮށްފައިވުމުން ޓީމުން ފުރުސަތު ދީފައިވާ އިރު، ޕްރެސިޑެންޓްސް ކަޕްގައި ވިދާލި މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަށް ގައުމީ ސްކޮޑުގައި ޖާގަ ދީފައެއް ނުވެއެވެ.
ގައުމީ ޓީމުން ނުފެނުނު ބައެއް އިތުރު ކުޅުންތެރިންނަށް ބަލާ އިރު، ފޯމު ރަނގަޅުކޮށް ހުރި ސަސްގެ ކެޕްޓަން، އުމުރުން 37 އަހަރުގެ އަބްދުﷲ ހަނީފް (ބެންޖޯ) ގެ ނަން ފާހަގަވެއެވެ. އަނިޔާގެ ސަބަބުން ޕްރެސިޑެންޓް ކަޕުންވެސް ނުފެނި، ޗެރިޓީ ޝީލްޑް ކުޅުމަށްފަހު ލީގު މެޗުތަކުގައިވެސް ނުފެނި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ވެސް މިފަހަރުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.
އަނިޔާގެ ސަބަބުން ދަގަނޑޭއަށް ފުރުސަތު ގެއްލުން ވާނީ ގައުމީ ޓީމަށް ލިބޭ އުނިކަމަކަށެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހި ދަގަނޑޭ ގައުމީ ޓީމަށް 100 މެޗު ހަމަކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް އޭނާ ކުޅެފައި ވަނީ 89 މެޗެވެ.
މާޒިޔާ: ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް (ޓޯނީ)، އަސަދުﷲ އަބްދުﷲ (އަސައްކޮ)، ހަމްޒާ މުހައްމަދު (ހަމްޕު)، އަކުރަމް އަބްދުލް ގަނީ (އަކޫ)، ހައިޝަމް ހަސަން (ބިޑި)، މުހައްމަދު އިރުފާން (އިރޭ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ)، ހުސައިން ޝަރީފް (ގޯލްކީޕަރު)، ހުސައިން ނިހާން (ނިހާޓް)، ހަސަން ޝިފާޒު (ޑުންގާ)
އީގަލްސް: އަހްމަދު ނޫމާން (ހެލްމެޓް)، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހްމަދު (ހަންނަ)، އަހްމަދު ރިޒްވާން (ރިޒޭ)، އަހްމަދު ހަސަން (އަންމަޑޭ)
ވެލެންސިއާ: އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަމްދާން އަލީ (އެންޑީ)، އަބްދުﷲ ޔާމީން (ޔާން)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް: މުހައްމަދު ޝަފީއު (ޗެކް، ގޯލްކީޕަރު)، ޔޫސުފް މީޝަމް (ގޯލްކީޕަރު)
ގްރީން ސްޓްރީޓްސް: ރިލްވާން ވަހީދު (ރިލޭ)، ހަސަން ނަޒީމް (ޗޯޓް)، މުހައްމަދު ސާއިފް، އަހްމަދު ނާހިލް
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު