Close
ޚަބަރު

ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށް މަޝްވަރާކޮށްފި

މުހައްމަދު އިޝާން

ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ބަންޑާރަނައިބު ރިފްއަތު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމަގެ ތެރޭގައި، ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމާއި، ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާކުރުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލު ހޯދުމުގެ ބަދަލުގައި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމާ ގުޅޭގޮތުންނާއި، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.