ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެއިން މޮންގޯލިއާ ބަލިކޮށްފިއެވެ.

ބެންކޮކްގެ ޝޯ ޑީސީ އިންޑޯ ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ 3-3 އިން އެއްވަރު ވެފައި އޮތުމުން މޮޅުވި ޓީމު ކަނޑައެޅީ ޕެނަލްޓީގައެވެ. ޕެނަލްޓީގައި ރާއްޖެއިން މޮންގޯލިއާ އަތުން މޮޅުވީ 8-7 ގެ ނަތީޖާއަކުންނެވެ.

މޮންގޯލިއާ ބަލިކޮށް ގައުމީ ފުޓްސަލް ޓީމުން މިއަދު ހޯދި މޮޅަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ. އެ މުބާރާތާއެކު ރާއްޖެ ވަނީ އެންއެސްޑީއެފް މުބާރާތުގެ ފަސް ވަނަ ހޯދައިފައެވެ.

މެޗު ފެށިގެން ކުރީކޮޅުގައި މޮންގޯލިއާގެ ބަޓޫކާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ރާއްޖޭގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މޮންގޯލިއާގެ އަމްގަރާންގް އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނުމުން ވެސް ރާއްޖޭގެ ޝާއްޕެ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖެއަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ހުސެއިން ޝަރީފް (އޮންލީ) ނެގި ހުރަހަކުން މުހައްމަދު ޔަފާއު (ޔާ) އެވެ. މޮންގޯލިއާ އެއްވަރުކުރި ގޯލު ޖެހީ ޕުރެޑޯރްޖޭއެވެ.

ޕެނަލްޓީ ޖެހިއިރު، ރާއްޖޭން ޕެނަލްޓީތައް ކާމިޔާބުކުރީ އަބްދުﷲ ޝައްފާން (ޝާކާ)، އޮންލީ، މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު، އިޝާން އިބްރާހިމް (ސައްޓު) އެވެ. ހުޒައިފަތު ރަޝީދު (ހުޒޭ) ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ޔާ ޖެހި ޕެނަލްޓީ އަމާޒުވީ ކީޕަރު އަތަށެވެ.

މޮންގޯލިއާ އަތުން ތިން ޕެނަލްޓީ ނާކާމިޔާބުވިއިރު، ރާއްޖޭގެ ގޯލުގައި ހުރި ޒައިދާން އަހުމަދު ވަނީ މުހިއްމު ޕެނަލްޓީއެއް މަތަކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ރާއްޖޭގެ ޝާއްޕެއެވެ.

ތައިލެންޑް މުބާރާތުގައި ޖުމްލަ ތިން މެޗު ކުޅުނު އިރު، އޭގެ ތެރެއިން ރާއްޖެއަށް މޮޅެއް ހޯދަން އެންމެ ބޮޑަށް ފުރުސަތު އޮތީ މިއަދުގެ މެޗުންނެވެ. މިއަދުގެ މެޗުގެ ކުރިން މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ވާދަކުރަން ޖެހުނީ މާ ބޮޑަށްވެސް ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ.

ފުރަތަމަ މެޗުން ތައިލެންޑް އަތުން 8-3 އިން ރާއްޖެ ބަލިވިއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން އޮމާން އަތުން ނާކާމިޔާބުވީ 7-4 އިންނެވެ.

ތައިލެންޑްގެ އިންވިޓޭޝަނަލް މުބާރާތުގައި ފުޓްސަލް ޓީމު ބައިވެރިވީ އަންނަ މަހުގެ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުންނެވެ.