ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެލްސީއާއި ރެއާލް މެޑްރިޑް ކުރިމަތިލާން ޖެހިއްޖެއެވެ.
މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައިވެސް ކުޅުނު ރެއާލްއާއި ޗެލްސީ މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހޭކަން އެނގުނީ މިއަދު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައެވެ. ސްވިޒަލޭންޑްގެ ނިޔޯންގައި ނެގި ގުރުއަތުލުމުގައި ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗުތަކާއި، ސެމީ މެޗުތަކަށްވެސް ވަނީ ގުރުއަތުލައިފައެވެ.
ޗެލްސީއާއި ރެއާލް ވާދަކުރަން ޖެހުމުގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކުއާޓާ ފައިނަލް ކުރިމަތިލުމަކަށްވާނީ މެންޗެސްޓާ ސިޓީން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އޭގެ އިތުރުން ކުއާޓާގައި އޮތް އިނގިރޭސި ޓީމު ކަމަށްވާ ލިވަޕޫލުން ބެނިފީކާއާ ދެކޮޅަށް ނުކުންނާނެ އިރު، ވަރުގަދަ ބަޔާން މިއުނިކް ކުއާޓާގައި ނުކުންނަން ޖެހޭނީ ވިލަރެއާލްއާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ޗެލްސީ ކުޅުނު ދެމެޗަކީ އެ ދެޓީމު މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުރިމަތިލި ފުރަތަމަ މެޗުތަކެވެ. އޭގެ ތެރެއިން ރެއާލް ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، ޗެލްސީ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މިހާތަނަށް ރެކޯޑު 13 ފަހަރު ޗެމްޕިއަންސް ލީގު ހޯދައިފައިވާ ރެއާލްއިން މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިޔައީ ގަދަ 16 ގައި ޕީއެސްޖީ ކަޓުވައިލައިފައެވެ. ޗެލްސީ ކުއާޓާއަށް ދިޔައީ ފްރާންސްގެ ލިލް ބަލިކޮށްފައެވެ. ޗެލްސީ ވަނީ މިހާތަނަށް ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ޓީމަކީ މިވަގުތު ޔޫރަޕްގެ ޗެމްޕިއަން އަދި ދުނިޔޭގެ ކްލަބު ޗެމްޕިއަންޝިޕްވެސް ހޯދައިފައި އޮތް ޓީމެވެ.
ޗެމްޕިއަންސް ލީގުން މިއަދު ނެގި ގުރުއަތުގައި ސެމީ ފައިނަލް ސްލޮޓުތަކަށް ޓީމުތަކަށް ދާނެ ގޮތްވެސް ވަނީ ކަނޑައަޅައިފައެވެ. ޗެލްސީއާއި ރެއާލް މެޗުން މޮޅުވާ ޓީމު ސެމީގައި ކުޅެން ޖެހޭނީ ސިޓީއާއި އެތުލެޓިކޯ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަނެއް ސެމީއަށް ދާނީ ލިވަޕޫލާއި ބެނިފީކާ ކުޅޭ މެޗުގެ އިތުރުން ބަޔާންއާއި ވިލަރެއާލް ވާދަކުރާ މެޗުން މޮޅުވާ ޓީމުތަކެވެ.
މިއަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހުއެވެ. ޗެލްސީއާއި ރެއާލް ކުޅޭ ފުރަތަމަ ލެގުގެ މެޗު ޗެލްސީ ދަނޑުގައި އޮންނާނި އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު އޮންނާނީ ރެއާލް ދަނޑުގައި އަންނަ މަހުގެ 14 ގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު