ވަގަށް ކުރުނބާ އެޅި މީހަކު 331 ގަޑިއިރު ވަންދެން މުޖުތަމައަށް ހިދުމަތް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޏ. ފުވައްމުލައް، ލީލީވިލާ، އަހުމަދު އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދިހަ ވަނަ ދުވަހުގެ 10:30 އެހާކަންހާއިރު އެރަށު ދިގުވާނޑު އަވަށުގައި ހުންނަ ނޫމުތީ ގޭގެ ގޯއްޗަށް އެ ގޯތީގެ ވެރިފަރާތުގެ ހުއްދަނެތި ވަނީ ވަދެފައެވެ. އެ ގޯއްޗަށް ވަނުމަށްފަހު އަހުމަދު އަބްދުﷲ ވަނީ އެ ގޯތީގައި ހުރި ދެ ރުކަކުން ބާރަ ކުރުނބާ ވަގަށް އަޅައިފައެވެ. އަހްމަދު އަބްދުﷲ ގެ އެ އަމަލުގެ ސަބަބުން ދައުލަތުން ވަނީ އޭނާގެ މައްޗަށް އެނގިހުރެ، ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
އެ މައްސަލައިގައި އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުން ވަނީ ކުށުގެ ތުހުމަތު އުފުލައިފައިވާ މީހުންނަށް ލިބިދޭ ހައްގުތައް އަހުމަދު އަބްދުﷲ އަށް ސާފުކޮށްދީފައެވެ. އެ އަޑުއެހުމުގައި އަހުމަދު އަބްދުﷲ ބުނެފައިވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދެ ކުށަށް އިއުތިރާފުވާކަމަށް އަހުމަދު އަބްދުﷲ ބުންޏެވެ.
އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަން ސާފުކުރުމުގެ ގޮތުން ޝަރީއަތުން ވަނީ މައްސަލައިގެ ހާދިސާ ކިޔައިދިނުމަށް އެދިފައެވެ. އެ ހާދިސާ އަހުމަދު އަބްދުﷲ ކިޔައިދިނުމުން، ޝަރީއަތުން ކަނޑައެޅީ އެއީ ސައްހަ އިއުތިރާފެއް ކަމަށެވެ. އެއީ މައްސަލައިގައި ދައުވާގައި ފާހަގަކޮށްފައިވާ ކުށުގެ އުންސުރުތަކާ ފުށުއެރުމެއްނެތި ދިމާވާތީއެވެ. ދައުވާލިބޭ ފަރާތުން ކުށަށް އިއުތިރާފުވެފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ގޮތުގައެވެ.
އަވަސް ނިޔާގެ އަޑުއެހުމުގައި ވެސް އަހުމަދު އަބްދުﷲ ވަނީ އޭނާ ކުރިން ވެފައިވާ އިއުތިރާފު ދަމަހައްޓައިފައެވެ. އެހެންވެ ދެން ކުރިއަށް ގެންދިޔައީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާއެވެ.
އެ މަރުހަލާގައި ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވެފައިވަނީ، ގާނޫނުލްއުގޫބާތުގައި އެނގިހުރެ ހުއްދަނޫން ތަނަކަށްވަނުމުގެ ކުށުގެ އަދަބެއް ކަމަށް ކަނޑައަޅާފައިވަނީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދި ވައްކަން ކުރުމުގެ ކުށުގެ އަދަބަކަށް ކަނޑައަޅާފައިވަނީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުން ކަމަށެވެ. ދައުލަތުން ވިދާޅުވެފައިވަނީ ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފުވެފައިވިޔަސް އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ފަރާތުން ކުށަކަށް އަރައިގަތުމުގެ ރިކޯޑު އޮތުމުން އަދަބުގެ މިންވަރު ދަށްކުރެވެން ނެތް ކަމަށެވެ. ދައުވާލިބޭ އަހުމަދު އަބްދުﷲ ގެ ފަރާތުން އެދިފައިވަނީ ވީހާވެސް ލުއިއަދަބެއް ކަނޑައަޅައިދިނުމަށެވެ.
ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު ޝަރީއަތުން ހުކުމްކުރީ އަހުމަދު އަބްދުﷲގެ މައްޗަށް ސާބިތުވި ކުށުގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކުރާ ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުމުގެ ބަދަލުގައި 331 ގަޑިއިރު ވަންދެން މުޖުތަމައަށް ހިދުމަތްކުރުމަށެވެ. އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ އަދަބުވެސް ވަނީ 300 ގަޑިއިރު ވަންދެން މުޖުތަމައަށް ހިދުމަތްކުރަން ޖެހޭގޮތަށް ބަދަލުކޮށްފައެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ސަފްއަތު ހަބީބުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު