ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) އަދި މެރިން ޕޮލިސް ގުޅިގެން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަތް 12.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ނ. ވެލިދޫ / މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމް (30އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިހަ ދުވަހުގެ މުއްދަތު މުހައްމަދު އަބްދުއްލަތީފަށް ދީފައިވާ ކަމަށެވެ. އަދި ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި ކަވްސަރު އަލަމް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ އިންޑިއާގެ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ މީގެކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓުގައެވެ. މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. މުހައްމަދު އަބްދުއްލަތީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.

އެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ވަނީ މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައެވެ.