މީގެ 13 އަހަރު ކުރިން ޑިސެމްބަރު 31، 2009ގައި ގެއްލިގެން ހޯދަމުން ދަނިކޮށް، ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި، އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ދެންމެ ތާއީދުކޮށްފިއެވެ.
ލ.ގަމު، ތުނޑީ، ހުރަވީ، މަރިޔަމް ޝީރީނާއި އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހު މ. ކުރަހާގޭ އެޕާޓްމެންޓުގެ ކޮޓަރިއެއްގެ ތެރޭގައި އުޅުމުގެ ތެރޭގައި، ޝިރީން މަރައިލުމަށްފަހު ފޮއްޓަކަށްލައިގެން ގެންގޮސް ހަދަމުންދިޔަ އިމާރާތެއްްގެ ތެރެއަށް އެއްލައިލި މައްސަލައިގައި، ގަސްތުގައި މީހަކު މެރުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ނަޖާހުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރީ 18 ޖުލައި 2010 ގައެވެ.
ނަމަވެސް އެ މައްސަލަ ބެލުމަށްފަހު 12 މެއި 2015 ގައި ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ގަސްތުގައި މީހަކު މަރައިލުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ވަރުގެ ހެކި ހުށަހަޅާފައިނުވާތީ އޭނާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
ޝީރީން މަރުވެފައިވަނީ ގުދުރަތީ މަރަކުން ނޫން ކަމަށް އެ ހާދިސާ ތަހުގީގު ކުރި ފަރާތުން ބުނެފައިވާ އިރު، އަދި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އާއި އެ ވީޑިއޯއިން ފެންނަ ފޮއްޓާއި އެފޮށިން ފެނިފައިވާ ޑީއެންއޭ ޕްރޮފައިލް ނަޖާހުގެ ޕްރޮފައިލާ ދިމާވުމާއި، އެ މައްސަލައާ ގުޅިގެން އިތުރަށް ހުށަހަޅާފައިވާ އެހެނިހެން ކަންކަމަކީ ހަރުދަނާ ގަރީނާތަކެއް ކަމަށް ވިޔަސް ޝީރީން މަރުވެފައިވާ ގޮތުގެ ހަގީގަތް އެނގޭނެ ފަދަ ހެތްކެއް ހުށަހަޅާފައިނުވާތީ، އޭނާގެ މައްޗަށް ދައުވާކުރި، ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުކުރަން ބޭނުންވާ އެއްރުކުން ފުރިހަމަނުވާ ކަމަށްވެސް ކުރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
ކުރިމިނަލް ކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ނަޖާހުގެ މައްޗަށް ކޮށްފައިވާ ގަސްތުމަރު، ގަތުލުއަމްދުގެ ކުށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް އެ ހުކުމުގައިވާ ގަތުލުގެ ގަރީނާތަކުން، ގަތުލު ޝިރުކުގެ އަމަލުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އަދި އެ ކުށުގެ ތައުޒީރީ އުގޫބާތެއްގެ ގޮތުން ނަޖާހު 12 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، ޝީރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މައާފު ނުކުރާހާ ހިނދަކު މަރުގެ ދިޔައަކީ ނަޖާހުގެ އާއިލާއިން ނުވަތަ ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއް ކަމަށާއި، އެ ދިޔަ ލިބިގަތުމަށް ދަށުކޯޓުގައި ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ކައްފާރާއެއްގެ ގޮތުގައި ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން އެއީ ނަޖާހު ކުރި ބޮޑުފާފައިން ތައުބާވުމަށް އޮތް މަގެއްްކަމަށްވާތީ ހައިކޯޓުގެ ހުކުމްގައި އެކަމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ހުކުމް ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގެ އަސްލު ދައުވާ ސާބިތު ނުވި ނަމަވެސް، އެ ކުށުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮންނާތީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަށް މި މައްސަލަ ބެއްލެވި ފަނޑާރުންގެ އިއްތިފާގުން ތާއީދުކުރައްވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ސުޕްރީމް ކޯޓް