ޔޫއެފާ ޗެމްޕިއަން ލީގުގެ ގަދަ 16 ގެ ފަހު މެޗުތަކުން މޮޅުވެ، އެންމެފަހުގެ ޗެމްޕިއަން ޗެލްސީއާއި ސްޕެއިންގެ ވިލަރެއާލްއިން ކުއާޓާ ފައިނަލްގެ ޖާގަތައް ޔަގީން ކޮށްފިއެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައި އޮތުމުން ހާލަތު ގޯސްކޮށް އޮތް ޗެލްސީން އަވޭގައި ލިލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީން ހޯމް ގައި ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފައި އޮތުމުން ކުއާޓާ ޔަގީންވީ އެގްރިގޭޓް 4-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ ކޮޅަށް ލިލްއިން ގޯލު ޖަހައި ލީޑު ނެގިއެވެ. ލިލްގެ ގޯލަކީ ބުރަކް ޔިލްމާޒްގެ ޕެނަލްޓީއެކެވެ. އެ ގޯލާއެކު ލިލްއިން އުންމީދު އާކޮށްގެން ކުޅެމުން ދަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލާއެކު ޗެލްސީ އަނެއްކާވެސް ކޮންޓްރޯލް ހޯދިއެވެ.
ނަތީޖާ ހަމަހަމަކޮށް އޮވެ ދެވަނަ ހާފަށް ނުކުތް ޗެލްސީން ހާފުގެ ކުރީކޮޅުގައި ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ ޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާއެވެ.
ވިލަރެއާލްއިން ކުއާޓާ ފައިނަލް ޔަގީންކުރީ ރޭ އިޓަލީގެ ޓުރިންގައި 3-0 އިން ޔުވެންޓަސް ބަލިކޮށްގެންނެވެ. މެޗަށް ނުކުތް އިރު، ވިލަރެއާލްގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވެފައި އޮތުމުން ގިނަ ބަޔަކަށް ލަފާކުރެވުނީ ހޯމް ލެގުގައި ޔުވެންޓަސް މޮޅުވާނެ ކަމަށެވެ. އެހެން ނަމަވެސް މެޗުގެ ފަހު ކޮޅުގައި ޖެހި ގޯލުތަކާއެކު ވިލަރެއާލްއަށް ވަނީ ކުއާޓާ ޔަގީން ވެފައެވެ.
ޔުވެންޓަސްއިން މިދިޔަ ތިން އަހަރުވެސް ގަދަ 16 އިން ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ކަޓައިގެން ގޮސްފައިވާ އިރު، ރޭގެ ނަތީޖާއަކީ ވިލަރެއާލްއަށް ތާރީހީ ނަތީޖާއެކެވެ. އެޓީމުން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް މިހާތަނަށް ދިޔައީ އެންމެ ތިން ފަހަރުއެވެ. މި ސީޒަންގެ ކުރިން އެންމެފަހުން ވިލަރެއާލްއިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ކުޅުނީ 2008-09 ވަނަ އަހަރުގެ ސީޒަންގައެވެ.
މެޗުގައި ވިލަރެއާލްގެ ފުރަތަމަ ގޯލު ފެނުނީ 78 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޖެރާޑް މޮރޭނޯ ޖަހައިދިން ޕެނަލްޓީއެކެވެ. އޭގެ އަށް ވަރަކަށް މިނެޓް ފަހުން ޑިފެންޑަރު ޕައު ޓޮރެސް ކޯނަރަކަށް އަރައި ވިލަރެއާލްގެ ނަތީޖާ ފުޅާކޮށްދިން އިރު، ޓީމުން ފަހު ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައި ލިބުނު އިތުރު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އާނައުޑް ޑަންޖޫމާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު