ރަހީނުކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލައި ފޮށިގަނޑަކަށް ލައި، މޫދަށް އެއްލާލާފައި އޮތް 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ޖަލަށް ބަދަލުނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ގޯސް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
އެ މައްސަލައަކީ ތުހުމަތުކުރެވޭ ކުޑަކުއްޖާ އާއި އިތުރު މީހަކު ވެގެން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް، އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާ ތަނެއްގައި ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކޮށް މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ފޮށްޓަކަށްލައި، މޫދަށް ފައްތާލާފައިވާ މައްސަލައެވެ.
ތުހުމަތުކުރެވޭ ކުޑަކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން އަމުރުކުރީ އެ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެގޮތަށް އަމުރުކުރީ ކުޑަކުދިން ބަންދުކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައި ވުމުންނެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ހައްލުކޮށް ހޯމް މިނިސްޓްރީން ވަނީ ކ. ހިންމަފުށީގައި ޑިޓެންޝަން ސެންޓަރެއް ހުޅުވައިފައެވެ. ދައުލަތުން ވަނީ އެ ކުއްޖާ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްދިނުމަށް ހައި ކޯޓުގައި އެދިފައެވެ.
ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަނޑައެޅީ އެ ކުއްޖާ ހިންމަފުށީ ޑިޓެންޝަން ސެންޓަރަށް ބަދަލު ނުކުރުމަށެވެ. ހައި ކޯޓުން އެގޮތަށް ކަނޑައެޅީ އެ ކުއްޖާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބެމުންދާތީއެވެ. ހައި ކޯޓުގެ އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ވަނީ މިމަހުގެ ދެވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލަ ބެލުމަށްފަހު މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ގޭ ބަންދުކުރަން އެންގުމުގެ ބާރު ފަނޑިޔާރަށް އޮތަސް، އެއީ އެއްވެސް ގައިދެއް ނެތި އޮންނަ ބާރެއް ނޫން ކަމަށެވެ. އަދި ކުއްޖާ ބަންދުކުރާނެ ތަނެއް ނިންމަން ޖެހޭނީ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ، ތުހުމަތުކުރެވޭ ކުއްޖާ ކޯހެއްގައި ބައިވެރިވެގެން ކިޔަވަމުން ދިޔަޔަސް، އެއީ ގޭ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
މީގެ އިތުރުން ހުކުމުގައި ބުނީ، ކުއްޖާ ގެއަށް ބަދަލުކުރި ކުރުން ރަނގަޅު ކަމަށް ހައި ކޯޓުން ނިންމީ އެފަދަ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމަށްފަހު ނޫން ކަމަށްވާތީ އެ ނިންމުން ބާތިލުކުރާ ކަމަށެވެ. އެކަަމަކު އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނެރުނު އަމުރުގެ މުއްދަތު މިހާރު ހަމަވެފައި އަދި އެ ކުއްޖާ ގޭ ބަންދުކުރުމުގެ އިިތުރު އަމުރުތަކެއް މިހާރު ނެރެފައިވާތީ ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖުވެނައިލް ކޯޓުގެ އަމުރު މިހާރު ބާތިލުކުރެވެން ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު