ރިޕޯޓް

"ހަމަ ބޯހަރީ! ދުވަހަކުވެސް ބުނާގޮތެއް ނުހަދާނެ" މިކިޔެނީ ކީކޭ؟ ދަރިފުޅަކީ ޑިސްލެކްސިއާ ގެ ޝިކާރައެއް؟

ޑިސްލެކްސިޔާ އަކީ ކޮބާ؟

ޑިސްލެކްސިއާ އަކީ ދަސްކުރުމުގައި ހުންނަ ދަތިކަމަކަށް ކިޔާނަމެކެވެ. މިއީ ޑިސްއެބިލިޓީއެއް ނުވަތަ ދަސްކުރުމުގައި ހާއްސައެހީއަކަށް ބޭނުންވާ ކުދިންނެވެ. މިފަދަ ކުދިންނަށް ކިޔުމުގައާއި ލިޔުމުގައި އަދި ބަސްތަކުގެ އަކުރުތައް ލިޔުމުގައި، ސްޕެލިންލިޔުމުގައި، ދަތިތަކެއް އުނދަގޫތަކެއް ހުންނާނެއެވެ. މިއީ ސްކޫލުތަކަށް ކިޔަވަން ދާ ކުދިންގެތެރޭގައި، ފެންނަ އަދި ހިމެނޭ 'ދަސްކުރުމުގައި ހާއްސަ އެހީއަށް ބޭނުންވުމުގެ އެންމެ އާންމު އެއްވައްތަރެވެ. ޑިސްލެކްސިއާގެ ސަބަބަކަށް މިހާތަނަށް ހޯދިފައިވާ ގޮތުން މިއީ އާއިލީ ވާރުތައިން ނުވަތަ ދިރިއުޅޭ މާހައުލުގެ ތެރެއިން ވާރުތަވާ ބައްޔެކެވެ. މި މައްސަލަ ހުންނަ ކުދިންނަށް ގުރުއާނުގެ އަކުރުތައް ކިޔުމުގައިވެސް ދަތިތައް ހުރެއެވެ.

ޑިސްލެކްސިއާގައި މިމައްސަލަ ދިމާވާ ކުއްޖާގެ ސިކުނޑިއަށް މެސެޖް ފޯރުމުގައާއި މެސެޖު ފަހުމުވުމުގައި އަދި ދެނެގަތުމުގެ އިތުރުން އެއި ސިކުނޑީގެ ކޮން ދާއިރާއަކަށް ފޮނުވަން ޖެހޭ މެސެޖެއްކަން ދެނެގަނެ އޭގެ މައުލޫމާތު ހޯދައި އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. މިފަދަ ކުދިންނަށް އިނގިރޭސި އަދި ދިވެހިތާނަ ވިޔަސް އަކުރުތައް ވަކިކޮށް ތަފާތު ދެނެގަންނާކަށް ފަސޭހައެއް ނުވެއެވެ. އަދި ބަހުގައި ހިމެނޭ އަކުރުތަކާއި ފިލިތައް ތަފާތު ކުރުމަށާއި އެއަޑުތައް ނަގައިގަނެ ދެނެގަނެ ކިޔަންވެސް ދަތިވެއެވެ.

ޑިސްލެކްސިއާ އެންމެ ފުރަތަމަ ފެނުނީ 1986 ގައެވެ. ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް މިހާރު މިއީ އާންމު މައްސަލައެކެވެ. އަދި ގިނަ ބެލެނިވެރިންނާއި މައިންބަފައިންނަށާއި އެހެންވެސް އާއިލާތަކުގެ މީހުންނަށް މިއީ ގަބޫލު ކުރަން ދަތިވާހަކައަކަަށް ވިޔަސް މިކަމަކީ ކުރިމަތިލާން ޖެހޭ ކަމެކެވެ.

އެންމެ ބޮޑަށް މިކަމާ ދެކޮޅު ހަދައި، ދަރިފުޅު ގައިގައި މިފަދަ ކަމެއް ހުންނާނެ ކަމަށް ގަބޫލު ކުރަން ދަތިވާ ސަބަބަކީ ބޭރުފުށުން އެއްވެސް ކަހަލަ އުނިކަމެއް ކުއްޖާގެ ގައިން ފެންނަން ނުހުންނާތީއެވެ. އަދި އެހެންކުދިންނާވެސް ބަރާބަރަށް މުއާމަލާތްކޮށް އުޅޭތީއެވެ. އެހެންނަމަވެސް ޑިސްލެކްސިއާ ހުންނަ ކުދިން އާންމުކޮށް ކަންތައްތައް ފަހުމުވުން ނުވަތަ ދަސްކުރުން ލަސްވާނެއެވެ. މީގައި ޔަގީނުންވެސް އެންމެ ފަސޭހައިން ދެނެގަނެވޭނެ އެއް އަލާމާތަކީ ލަހުން ކަންތައްތައް ދަސްވުމެވެ.

ޑިސްލެކްސިއާގެ މައްސަލައަކީ ވާރުތަވުމުގެ ތެރެއިންނާއި އާއިލާގެ ތެރެއިން، ލޭގެ ގުޅުމުގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމުން މިބަލީގައި އެންމެ އަވަހަށް އަދި އެންމެ ފުރަތަމަ އަސަރު ކުރާ ގުނަވަނަކީ ކޮބައިތޯ ހޯދުންތަކުގެ އެހީގައި ވަނީ އާންމުކޮށް ހާމަކޮށްފައެވެ. އެގޮތުން ސިކުނޑީގެ އެއްފަޅި، އަނެއްފަޅިއާ ދެމެދު ހެދި އުފެދުމުގައި އުނިކަމެއް ހުންނަކަމަށާއި ސިކުނޑީގެ ވާތްފަޅީގައި މަސައްކަތްކުރާބައެއް މަދުކަން ހާމަކޮށްފައިވެއެވެ. މިކަމުގައި، ނާރުތައް އުފެދުމުގައި ދިމާވާ އުނިކަމަކީ އާއިލީ ވާރުތައިން ވެދާނެ ކަމަށްވާއިރު، މިއީ އުޅެމުން އަންނަ މާހައުލެއްގެ ސަބަބުން އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ނިންމައިފައެވެ. އެގޮތުން ސިނގިރޭޓް ދުމާއި ވިހަގޭހުގެ އަސަރާއި ބަލިވެ އިނުމުގައި ބޭނުން ކުރެވޭ ބައެއް އެއްޗެހީގެ ސަބަބުން، ބަނޑުގައި އުފެދެމުން އަންނަ ތުއްތު ދަރިފުޅު ޑިސްލެކްސިއާގެ ޝިކާރައަކަށް ވެދެއެވެ.

ޑިސްލެކްސިއާ އާންމުކޮށް ހުންނަ ކުދިންނާއި މެދު ވަރަށް ބޮޑަށް ސަމާލުވެ އޯގާތެރިވާން ޖެހެއެވެ. ސަބަބަކީ މިއީ އާއިލީ ވާރުތަ އަދި ވިހާއިރު ޖެހިފައި ހުންނަ ކަމަކަށް ވާތީއެވެ. އެކަމަކު މިފަދަ ކުދިންނަށް ދޭނެ ވަކިހާއްސަ، މުޖައްރިބު ފަރުވާއެއްވެސް މިހާތަނަށް ހޯދިފައެއް ނެތެވެ. ފަރުވާދީގެން މި މައްސަލަ ރަނގަޅު ނުކުރެވުނަސް އަމިއްލަ އަޅައިލުމާއި އޯގާތެރިކަމުން ކުއްޖާ ކުރިއަރުވައި ގެންގުޅެވިދާނެއެވެ.

ތަފާތު މީހުންނަށް ތަފާތު ކުދިންނަށް ތަފާތު ގޮތްގޮތަށް މި ކަމުގެ އަސަރުފޯރައެވެ. ވަރަށް މޮޅަށް ކިޔަވަމުން އަންނަ ކުއްޖެއްގެވެސް ޑިސްލެކްސިއާގެ ދަތިތައް ހުރެދާނެއެވެ. މިފަދަ ކުދިން ވަރަށް މޮޅަށް ކިޔވަމުން އަންނަ އިރުވެސް އެކިޔާ ފޮތްތައް ނުވަތަ ކިޔާ ފިލާވަޅު ސިކުނޑިއަށް ވިސްނައެއް ނުގަނެވެއެވެ. ނުވަތަ ވިސްނޭނީ، ނަގައިގަނެވޭނީ އެތައް ފަހަރަކު ކިޔައިގެން އެތައް މަސައްކަތަކުންނެވެ. މިއީ ނާރުތަކަށް ދިމާވާ މައްސަލައަކަށް ވުމުން މިއީ އެއްވެސް ހާލެއްގައި ސުކޫލުގައި ނުވަތަ ކިޔަވައިދޭ ޓީޗަރުގެ މައްސަލައެއް ނޫންކަން ބެލެނިވެރިން ދަންނަންވާނެއެވެ. ކުއްޖާގެ ކިޔެވުމުގައި ލަސް، އުނދަގޫ ގޮތްތަކެއް ހުުރުމުން އެކަމުގައި ޓީޗަރާއި ސުކޫލު ކުށްވެރި ނުކޮށް ދަރިފުޅުގެ މައްސަލަ ދެނެގަންނާން އިސްކަން ދިނުންވެސް ވަރަށް މުހިންމެވެ.

ޑިސްލެކްސިއާގެ އަލާމާތްތައް

ޑިސްލެކްސިއާގެ ޝިކާރައަކަށް ކޮންމެ އުމުރެއްގައިވެސް މީހާ ވެދާނެއެވެ. ބައެއް ފަހަރު އެކްސިޑެންޓެއް ކަހަލަ ހާދިސާތަކުގައި ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންވެސް މިމައްސަލަ ޖެހިދާނެއެވެ. އެހެންނަމަވެސް އާންމުކޮށް މިއީ ޅައުމުރުގައާއި ވިހައި ހެދިބޮޑުވުމުގެތެރޭގައި މީގެ އަލާމާތްތައް ފެންނަ ކަމެކެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައް ފާހަގަ ކުރެވޭނެއެވެ.

ހެދިބޮޑުވުމުގައި ލަސްތަކެއް ހުރުން


ޑިސްލެކްސިއާ ހުންނަ ކުއްޖެއްނަމަ ފިރުކެން ފެށުމާއި، ހިނގައިގަތުން، އަދި ވާހަކަ ދައްކަން ފެށުން އާދައިގެ އެހެން ކުދިންނަށްވުރެ ލަސްވާނެއެވެ. އަދި އެހެން ކުދިންހެން ކުޅިވަރު ކުޅުމުގައާއި ބައިސްކަލު ދުއްވުން ކަހަލަ ކަންތަކުގައިވެސް އެހެން ކުދިންނާ ހިލާފަށް ލަސްގޮތެއް ހުންނާނެއެވެ. މިކަހަަލަ ކުދިންނާމެދު ބައެއް ފަހަރަށް އަދި ވަރަށް އާންމުކޮށްވެސް 'ހަމަ ބަސްނާހާ ބޯހަރުކަމުން ބުނާ ގޮތް ނަހަދަންވެގެން' މިފަދަ ބަސްތައް ބުނެވޭ ގޮތްވަނީ މިކަހަލަ މައްސަލަތަކާމެދު ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންނެވެ.

ބަސް ކިޔުމުގައާއި ފަށައިގަންނަ ބަސްތައް ބުނުމުގައި ދަތިތައް ހުރުން

ޑިސްލެކްސިއާ ދެނެގަތުމަށް އެންމެ ފަސޭހަ ދުވަސްވަރަކީ ކުއްޖާ ބަސްކިޔަން ފަށައިގަންނަ ހިސާބެވެ. މިއީ ކުދިންގެ އެންމެ ލޯބިވެތި އަދި އެންމެ ހަނދާން ނައްތައިނުލެވޭނެ ފަދަ ލޮބުވެތި މައުސޫމު ވާހަކަތަކާއި ދޫފުރޮޅި ބަސްތައް ކުއްޖާގެ ފަރާތުން އިވޭ ދުވަސްތަކެވެ. އެހެންނަމަވެސް ޑިސްލެކްސިއާ ހުންނަ ކުއްޖެއްނަމަ ވާހަކަ ދައްކަން ފަށާނީ އުނދަގުލުން ލަސްލަހުންނެވެ. އަދި އަކުރުތައް ކިޔުމުގައި ވަރަށް ކޮށިގޮތެއް ހުންނާނެއެވެ. ހަމައެހެންމެ ވަރަށް ނުރަނގަޅު ބަސްތައް ކިޔުން ކަހަލަ ކަންތައް ބައެއް ކުދިންގެ ފަރާތުން ފެންނާނެއެވެ. އެއީ އެގޮތަށް ދަތިތަކެއް ކަންތައްތަކުގައި ހުންނަނަމަ ގާތުގައި ތިބޭ މީހުން ސިއްރުސިއްރުން ކުއްޖާއަށް ބަސްބުނެ ހެދުމުގައި ބޭނުން ކުރާ ބަސްތައް ކުއްޖާއަށް ދަސްކުރެވެނީއެވެ. އަދި ބައެއް އަކުރުތަކުގެ އަޑު ދެނެގަތުމުގައި ކުއްޖާ އޮޅުން ބޮޅުން ވެފައި ހުރެ ނުބައިކޮށް ކިޔެނީއެވެ.

ކިޔަން ދަސްކުރުމުގައި ދަތިތަކެއް ލަސްތަކެއް ހުރުން

ޕްރައިމަރީ ގްރޭޑުތަކުގައި ކިޔަވަން ފެށުމުން ޑިސްލެކްސިއާގެ ކުދިން ފާހަގަވާ ގޮތް ފަސޭހަވެފައި މައްސަލަ ހުންނަކަން ދެނެގަނެވޭނެއެވެ. މިއުމުރުގައި ކުދިން ކިޔުމަށް ފަރިތަ ކުރުމުގައި ފޮތް ބަލައިގެން ކިޔަން އުޅޭނެއެވެ. މިއުޅޭ އުޅުމުގައި މިފަދަ ކުދިންނަށް އަކުރުތަކުގެ އަޑާއި ބައެއް ބަސްތަކުގެ އަޑު ރަނގަޅަށް ނުކިޔޭނެއެވެ. އެފަދަ ކުދިންނަށް އެންމެ އުނދަގޫ ވާނީ ލިޔެފައި ހުންނަ އެއްޗެހި ކިޔަން އެކަންޏެއް ނޫނެވެ. ކުލާސްތަކުގައި މުދައްރިސުންނަށް ފަސޭހަކޮށްދިނުމަށް ތިބޭ ހާއްސަ ޓީޗަރުންނަށް މިފަދަ ކުދިން ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެއެވެ. އެކުދިން ބަހުގެ ގަވާއިދު ދަސްކުރުމުގައި ވަރަށް ބޮޑު ތަކުލީފެއް އުފުލާނެއެވެ.

އަޑުއަޑު ފާހަގަކުރުން، ލިޔުމުގެ ގަވާއިދާ އެއްގޮތަށް ލިޔުން އަދި ފަސޭހައިން ހަނދާން ނެތުން

ޑިސްލެކްސިއާގެ މައްސަލަ ހުންނަ ކުދިންނަށް ލިޔަން ދަސްކުރުމުގައި އަކުރުތަކުގެ ގަވާއިދު ދެނެގަތުން ވަކީން އުނދަގޫވެއެވެ. އަދި ވަރަށް ފަސޭހައިން ހަފުތާގެ ދުވަސްތަކުގެ ނަންތައް އަހަރުގެ މަސްތަކުގެ ނަންތައް ކަހަލަ އާންމު މައުލޫމާތުގެ ވާހަކަތައް ދެނެގަތުން އުނދަގޫ ވެއެވެ. އެހެނެއްކަމަކު މިކުދިން ބައެއް ފަހަރު ވަރަށް ރީއްޗަށް އަޑުއަހާ ގޮތަށް އަކުރުތައްވެސް ކިޔާނެއެވެ. ހަމަ އަނެއް ނޭވާގައި އަކުރުތައް އޮޅުން ބޮޅުންވެ އުނދަގޫވެގެން ގޮސް ރޮވިފައި ހުރެދާނެއެވެ.

މިފަދަ ކުދިން ބޮޑެތި ވެގެން އަންނައިރު ނޭވާ ހިއްލުން، ހާސްވުން، މައިގްރެއިން، ލޮލުގެ ފެނުމަށް ބާރުކުރުން ކަހަަލަ ބަލިތަކުގެ ޝިކާރައަކަށްވެސް ވެފައި އެބަހުއްޓެވެ.

ރާއްޖޭގައިވެސް މިއީ މިހާރު ވަރަށް އާންމުކޮށް ފެންނަ މައްސަލައަކަށް ވެފައިވާއިރު މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެނެގަތުން ވަރަށް މުހިންމެވެ. އަދި މިބައްޔަށް ދޭނެ ސީދާ ފަރުވާއެއް ހޯދިފައިނުވާއިރު މިފަދަ ކުދިންނާ ކުރިމަތިލައި އެހީވެވޭނެ ގޮތްތައް ދެނެގަތުންވެސް ވަރަށް މުހިންމެވެ. މިފަދަ ހުރިހާ ކަމަކަށް ހޭލުންތެރިވެ މުޖުތަމައު ހޭލުންތެރި ކުރުވުން ކޮންމެހެންވެސް މުހިންމެވެ.

ޑިސްލެކްސިއާ ހުންނަ ކުދިންނަށް ދޭނެ ހާއްސަ ވަކި ފަރުވާއެއް ނެތަސް އަންނަނިވި ކަންތައް ކުރުމުގެ ސަބަބުން ކުއްޖާގެ މިމައްސަލަ ބޮޑުވެ އެހެނިހެން ބަލިތަކުގެ ޝިކާރައަކަށް ކުއްޖާ ވުމުން ދުރުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

  • ފިލާވަޅު ބުނެދިނުމުގައި، އަކުރު އުނގަންނައި ދިނުމުގަ އަދި ބަސްތައް ކިޔައިދީ ގަވާއިދުތައް ބުނެދިނުމުގައި ކިޔަވައިދިނުމުގައި ބޭނުންކުރާ އެހެނިހެން ސާމާނު ބޭނުން ކުރެވޭނެ. މިސާލަކަށް: ކާޑު، ޕޯސްޓަރު، އެކިކަހަލަ އެކްޓިވިޓީތައް، ހަރަކާތްތަކުން ކިޔަވައިދިނުން.
  • އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅި ކިޔައިދީ ލައިފްސްކިލް ކުލާސްތަކެއް ގެންދިއުން.
  • އަޑު އިއްވާ ނަންތަކުގެ މަންޒަރު ނުވަތަ އެފަދަ ތަކެތީގައި އަތްލައްވާ އިހުސާސް ކުރުވުމުގެ ތެރެއިން ދަސްކޮށްދިނުން.
  • ކައުންސެލިން ދިނުމާއި ކުއްޖާއާ ވާހަކަ ދައްކާ ކުއްޖާގެ ފަރާތުން ވާޙަކަ ދެއްކުވުން.
  • ކިޔަވައިދިނުމަށް، އުނގަންނައި ދިނުމަށް އަޑުމަޑު މާހައުލެއް ހަމަޖެއްސުން، އަދި އެފަދަ ތަނެއްގައިވެސް އެހެނިހެން އަޑު އިވޭނަމަ ކަންފަތުގައި ހެޑްފޯނު އަޅައިދިނުން.
  • ކުއްޖާއަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރާ ކުއްޖަކަށް ހެދުން އެންމެ މުހިންމު ކަމަކީ ކުއްޖާގެ ކެރުމާއި ހުޝިޔާރުކަން ގަދަކުރުން.

ހަތަރު ވައްތަރެއްގެ ޑިސްލެކްސިއާ ހުންނަކަމަށް ހޯދުންތަކުން ފެނިފައިވާއިރު އަދިވެސް މިމައްސަލައަށް އެއްވެސް ކަހަލަ ދާއިމީ ފަރުވާއެއް ބޭހެއް ވެކްސިނެއް، އެކައްޗެއްވެސް އުފެއްދިފައެއް ނެތެވެ. ގިނައިން ކުޑަކުދިންނަށް ޖެހޭ މިބަލީގެ ސަަބަބުން ކުއްޖާއަށް އެންމެ ބޮޑު ކުރިމަތިލުމެއް ޖެހޭނީ ސްކޫލުތެރެއިންނާއި ކުލާސްތަކުގެ ތެރެއިންނެވެ. ދިމާކުރުމާއި މަލާމާތްކޮށް ހީނ ހަދާނެއެވެ. ފާޑުފާޑުގެ ބަސްތަކުން ހަމަލާދީ ކުއްޖާ ނަފުސާނީ ބައްޔެއްގެ ޝިކާރައަކަށް ވެދާނެކަމަށް ބިރުގަންނަ ވަރަށް މިކަންތައް ހިނގައެވެ.

ބެލެނިވެރިންވެސް އަދި ޓީޗަރުންވެސް އަދި އާންމުންވެސް މިފަދަ ކަންތައްތަކަށް ހޭލުންތެރިވެ ޑިސްލެކްސިއާ އާ ބެހޭ ގޮތުން އެހެން މީހުންނަށްވެސް އެނގޭނެ ފަދައިން ކަންތައްތަކެއް ކުރެވިދާނެއެވެ. އަދި ލަހުން ދަސްވާ، ނުވަތަ އަކުރު ކިޔުމުގައި ވަކިކުރުމުގައި މައްސަލަ ހުންނަ ކުދިންނަކީ "ގަސްދުގައި ނުލަފާ ކަމުން ނުކުރަންވެގެން، ހަމަ ބަސްނާހަނީ، ބޯހަރުކަމުން." މިހެން ބުނެ އެކުދިންނަށް އިތުރު ހިތްދަތިކަމެއް ދިނުމުގެ ބަދަލުގައި އެކުދިންގެ ކިބައިގައި މައްސަލައެއް ހުރިކަމާއި އެކަންތަކާއެކު އުޅެވޭނެ ވަކި ގޮތެއް ހޯދިދާނެކަމުގެ ޔަގީންކަން އެކުދިންނަށް ބުނެދިނުން މުހިންމެވެ. އަހަރެމެން އެންމެން މިތިބީ ހިއްސު ސަލާމަތުން ކުޅެދޭ ބައެއްގެ ގޮތުގައި ނަމަވެސް މިއަދުގެ މުޖުތަމައުގައި ޑިސްލެކްސިއާ ބަލީގައި ގުރައިދޫގައި ހުންނަ ހާއްސައެހީގެ މަރުކަޒާ ހަމައަށް ގެންގޮސްފައި އެބަހުއްޓެވެ. އެއީ ކުދިންގެ ލަހުން އަކުރު ކިޔުމާއި ދެނެގަތުމުގައާއި ދަސްކުރުމުގައި ލަސްވުމެއް އުޅޭތީ، އެކުދިންގެ ބެލެނިވެރިން އެކުދިން ފޮނުވާލާފައިވާ ތަންތަނެވެ.

މިފަދަ ކިތަންމެ ފާޑެއްގެ މައްސަަލަތައް ހުންނާނެއެވެ. ތަރައްގީގެ މަގުގައި ނުހަނު ހަލުވި މިނެއްގައި ދާއިރު މިފަދަ ސޭކު މޮޔަ ކަންތައް އަހަރެމެން ކޮށްގެން ވާކަށް ނޯންނާނެއެވެ. އެހެންކަމުން ރާއްޖޭގެ އެކިރަށްރަށުގައި މިފަދަ ބަލިތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ކަންތައް ބާއްވައި، ގިނަމީހުންނަށް ދަރިންނާ ބެހޭ ގޮތުން މައުލޫމާތު ލިބޭނެ ގޮތް ހެދުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއަކަށް ހަދަމާތޯއެވެ. މައުސޫމު ކުޑަކުދިންނަށް ދިމާވާ މިފަދަ މައްސަލަތައް ދެނެގަތުމަކީ ފާގަތި މުސްތަގުބަލެއްގައި ރަނގަޅު ޖީލެއް ބިނާވާނެ ކަމެއްކަން ޔަގީނެވެ.