ޚަބަރު

ޕޮންޒީ ސްކީމް ހިންގަނީ އޭނާ ނޫން ކަމަށް ވިދާޅުވެ އަލްހާންގެ ބޮޑެތި ތުހުމަތުތަކެއް މާލީ އިދާރާތަކަށް

މުހައްމަދު ޖަމްޝަތް ވަހީދު

"ކިންގްސް ފޮރެކްސް ޓްރޭޑިން" އިން ހިންގާ އިންވެސްޓްމަންޓް ފަންޑަކީ ޕޮންޒީ ސްކީމެއް ނޫން ކަމަށާއި އެފަދަ ކަންކަން ހިންގަނީ ރާއްޖޭގެ މާލީ އިދާރާތަކުން ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް އަލްހާން ފަހުމީ ކުރައްވައިފި އެވެ.

އަލްހާން ފަހުމީގެ "ކިންގްސް ކެޕިޓަލް ހޯލްޑިން" ކުންފުނިން މިއަދު ބޭއްވި ނޫސް ކޮންފަރެއްސެއްގައި އޭނާގެ ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ކުންފުނިން ހިންގަނީ ޕޮންޒީ ސްކީމެއް ނޫން ކަމަށާއި އެކުންފުނިން ކުރާ ކަމަކީ ފޮރެކްސް ޓްރޭޑް ކުރުން ކަމަށެވެ. އަދި އެކުމުގައި ހިއްސާވާން ޝައުގުވެރިވާ ފަރާތްތަކުގެ އަތުން ނެގޭ ފައިސާ އިންޖެކްޓްކުރަނީ ކިންގްސް ކެޕިޓަލް އިން ޓްރޭޑް ކުރަން ބޭނުންކުރާ ކެޕިޓަލްގެ ތެރެއަށް ކަމަށާއި އެއަށްފަހު ޓްރޭޑް ކޮށްގެން ލިބޭ ފައިދާއިން އިންވެސްޓް ކުރި ފަރާތަށް ފައިދާ ދެނީ ކަމަށް އަލްހާން ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް އެކަކު އަތުން ލާރި ނަގައިގެން އަނެކަކަށް ދީގެން އެބުނާ ޕޮންޒީ ސްކީމެއް ނޫން. އަޅުގަނޑުމެން އެއްގޮތަކަށްވެސް މިކަން މިކުރަނީކީއެއް" އަލްހާން ވިދާޅިވިއެވެ.

އަލްހާން އިތުރަށް ވިދާޅުވީ އޭނާގެ ކުންފުނިން ކުރާ ފޮރެކްސް ޓްރޭޑިން އާއި އިންވެސްޓްމެންޓް ފަންޑަކީ ގާނޫނީ ގޮތުން މަނާކަމެއް ނޫން ކަމަށާއި އެކަމަކީ ޕޮންޒީ ސްކީމެއް ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެފަދަ ޕޮންޒީ ސްކީމް ހިންގަނީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި ބީއެމްއެލް އިން ކަމަށާއި ސަރުކާރުން ބޮންޑު ވިއްކައިގެން ހިންގަނީ ޕޮންޒީ ސްކީމް ކަމަށް އަލްހާން ވިދާޅުވިއެވެ.

"އެތަންތަން އެ ހިންގަނީ ޕޮންޒީ ސްކީމަށް. ޕޮންޒީ ސްކީމަކީ ބޭންކްއޮފް މޯލްޑިވްސް. ޕޮންޒީ ސްކީމެއް މި ހިންގަނީ ދިވެހި ދައުލަތުން. ސިޔާސީ މީހުން ވައުދުވެގެން އަންނަ ގޮތަށް އައިސް ސަރުކާރާ ހަވާލުވާގޮތަށް ފުރަތަމަވެސް ލިޔަނީ ބޮންޑެއް. އެބޮންޑު ވިއްކާލަނީ ޗަމްޕާ އުއްޗުއަށް. ވިއްކީމަ އެ ބޮންޑު ދެން ގެންދަނީ ބީއެމްއެލް އަށާއި އުއްޗުގެ ބޭންކަށް. ގެންގޮސްގް ދައުލަތުގެ ނެތް ލާރިއަކަށް ކަރުދާހެއް އުފައްދައިގެން ރައްޔިތުންގެ މުސްތަގުބަލު ވިއްކާލައިގެން ޕޮންޒީ ސްކީމް މިހިންގަނީ ދައުލަތުގެ ވެރިންނާއި ދައުލަތުން ނޫންތޯ؟"
އަލްހާން ފަހުމީ

ކިންގްސް ކެޕިޓަލް ހޯލްޑިން އަކީ އަލްހާންގެ ހިއްސާ އޮންނަ އަދި އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ކުންފުނިން ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށް ބަލައި، ބީއެމްއެލުން ވަނީ އެކުންފުނީގެ އެކައުންޓުވެސް ފްރީޒްކޮށްފައެވެ. އަދި މަނީލޯންޑާ ކުރާކަމުގެ ތުހުމަތުގައި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން އެކުންފުނީގެ އިންވެސްޓްމަންޓް ސްކީމްގެ މައްސަލަ ބަލަމުން އަންނަ އިރު އެ އިންވެސްޓްމަންޓް ފަންޑުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްގެން، އެ މައްސަލަ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.

އަލްހާންގެ ކިންގްސް ކެޕިޓަލް އިން މިމައްސަލައިގައި ކޯޓަށް ދާންވެސް ވަނީ ނިންމާފައެވެ. މިއަދުގެ ނޫސްކޮންފަރެންސުގައި މިކުންފުނީގެ ގާނޫނީ ވަކީލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.