ޅ. މާފިލާފުށިގައި ސިފައިންގެ ތަމްރީނު ހަދަމުންދަނިކޮށް މަރުވި ރާފިލް ރަބީލް ހާލު ދެރަވެގެން އެކަން ރިޕޯޓު ކުރުމަށް އެތައް ފަހަރަކު ގުޅާފައި އޮތެވެ. މެސެޖުކުރުމުން އެ މެސެޖަށް ޖަވާބެއް ނުލިބުމުން މި މަހުގެ ހަވަނަ ދުވަހުގެ ރޭ މެންދަމު 3:31 ގައި ރާފިލްވަނީ އޭނާއާއި ހަވާލުވެ ހުރި އެމްއެންޑީއެފްގެ ބޭފުޅާއަށް، ވަރަށް ގަދަޔަށް ހުންއައިސްގެން އުޅޭ ކަމާއި ދެން ހަދަންވީ ކިހިނެއްތޯ ސުވާލުކޮށް މެސެޖުކޮށްފަ އެވެ. އެ މެސެޖަށް ޖަވާބެއް ނައުމުން 3:49 ން ފެށިގެން ޖުމުލަ 11 ފަހަރު ރާފިލް ވަނީ އެ ނަންބަރަށް ގުޅާފަ އެވެ. އެހެން ނަމަވެސް ފޯނަށް ޖަވާބުދީފައިވަނީ 5:49ގަ އެވެ. އަދި 31 ސިކުންތު ވަންދެން ވާހަކަވެސް ދައްކާފައި އެބަހުއްޓެވެ.

ނަމަވެސް ދެކެވުނީ ކޮން ވާހަކަތަކެއް ކަމެއް ނޭނގޭ ކަމަށް ރާފިލްގެ ބައްޕަ އަހުމަދު ރަބީލް "ވަން" އަށް ބުންޏެވެ.

"މިމަހުގެ ފަސް ވަނަ ދުވަހުގެރޭ ފަތިހު ފުރަން އޮތީ. އެއީ ދެން ހަ ވަނަ ދުވަސްތާ. ފުރައިގެން ގޮސް މާފިލާފުށީގަ ހުރެ އަޅުގަނޑަށް ގުޅި. ގުޅާފަ ބުނީ ބައްޕާއޭ ޓްރެއިނިން އަށް މި ޖޮއިން ކުރީއޭ. ދެން ނުގުޅޭނެޔޭ. އިމަޖެންސީއެއް ދިމާވެއްޖެއްޔާ ގުޅާނެ ނަންބަރެއް އެބަ ފޮނުވަމޭ. ދެން އެހެން ބުނެފަ ފޯނު ބޭއްވީ. އެ ނަންބަރުވެސް ފޮނުވި." ދަރިފުޅާ ދެކެވުނު އެންމެ ފަހުގެ ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

ރަބީލް ބުނީ މާފިލާފުއްޓަށް ދަތުރުފެށުމުގެ ކުރިންވެސް އޭނާގެ ދަރިފުޅު ހުން އައިސްގެން އެކަން ރިޕޯޓު ކުރި ނަމަވެސް ހަތް ވަނަ ދުވަހުގެ ތަމްރީނުތަކުގައި އޭނާ ބައިވެރިކުރުވި ކަމަށެވެ. ތަމްރީނުތައް ހަދަން ހުއްޓާ ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ފަރުވާދިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ރަބީލް ބުނީ ދަރިފުޅުގެ މަރާއި ގުޅިގެން ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި މި މަރުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކޮންމެ މީހަކުވެސް މަރުވާނެ. ހަމަ ކުއްލިއަކަށްވެސް މަރުވެދާނެ. އެކަމަކު ކަން ހިނގައިދިޔަ ގޮތް އެވަގުތު އެ ތާނގައި ތިބި ބަޔަކު ސާފުކޮށްދޭން ޖެހޭނެ ނޫންތޯ؟ އެކަމަކު ސުވާލުކޮށްކޮށް ވަރުބަލިވާއިރުވެސް ޖަވާބެއް ނުލިބޭ. އިހުމާލު އެބަހުއްޓޭ މި ބުނަނީ އެހާ ވަރަށް އެ ކުއްޖާ ގުޅީމަ ފޯނެއްވެސް ނުނަގާ. އޭނަ ކުރި މެސެޖުވެސް އެއޮތީ ބަލާފަ. އެކަމަކުވެސް ތަމްރީނުތަކުގަ ބައިވެރި ކުރުވީ. އެތައް ބައިވަރު ކުދިން އެއްފަހަރާ ތަމްރީނަށް ނެރޭ އިރު މެޑިކަލް މައްސަލައެއް ހުރިތޯ ބަލަން ޖެހޭނެ. އެތަނަށް ދެވޭނީ މެޑިކަލް މައްސަލައެއް ނެތި، އެކަމަކު ކުއްލިއަކަށް ދިމާވެދާނެ ކަންކަން ގާތުން ބަލަންޖެހޭނެ." އޭނާ ބުންޏެވެ.

ކުޑައިރުއްސުރެން ދަރިފުޅުދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ދަތުރުފެށީ ހިތްހަމަޖެހިގެންނެވެ. ވަޒީފާ ލިބުނު ދުވަހުން ފެށިގެން އެ އުފާވެރިކަން އާއިލާއާ އެކީ ހިއްސާކުރީ ވަޒީފާގައި ދެމިހުރުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތައް އެނގިގެން ކަމަށް ރަބީލް ބުންޏެވެ. ޓްރެއިނިން އަކީ ކިހާވަރެއްގެ އެއްޗެއްކަން ދަރިފުޅަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެކަމަކު މި އުފާވެރިކަން މާގިނަ ދުވަހު ނުހިފެހެއްޓުނީ ގިނަ ބައެއްގެ އިހުމާލުން ކަމަށް ރަބީލް ދެކެ އެވެ.

"ދަރިފުޅު ނޭވާއަށް އުނދަގޫވެގެން ފަރުވާ ދެމުން އަންނަކަމަށް ބުނެ އަޅުގަނޑަށް ހަތް ވަނަ ދުވަހު ހެނދުނު ގުޅީ. ދެން އަޅުގަނޑު އެހިން ސީރިއަސް ކަމެއްހޭ. ބުނީމަ އެކޮޅުން (މާފިލާފުށިން) ބުނީ ނޫނެކޭ. އޭގެ ފަހުން ގުޅާފަ ބުނީ މިދަނީ ނައިފަރު ހޮސްޕިޓަލަށޭ އިތުރު ފަރުވާއަށް. އަނެއްކާވެސް އެހިން ސީރިއަސް ވާންޖެހޭ ކަމެއް ހޭ. ސީރިއަސްހޭ. ބުނީމަވެސް ބުނީ ނޫނެކޭ. ދެން ޓަރެއިނިން ހަދާއިރު ދިމާވެދާނެ ކަމަކުން މާބޮޑަށް ވަރުބަލިވެ ނޭވާއަށް އުދަނގޫ ވެދާނެ. ސީރިއަސް ނޫނޭ ބުނީމަ އެކަހަލަ ކަމެއް ކަމަށް ހީކޮށްގެން އަޅުގަނޑު ހުރީ." ރާފިލް އަށް ދިމާވި ކަންތައް އޭނާއަށް އެންގި ގޮތް ހިއްސާ ކުރަމުން ރަބީލް ބުންޏެވެ.

ރަބީލް ބުނީ އޭގެ ފަހުން އައީ ދަރިފުޅުގެ މަރުގެ ހަބަރު ކަމަށާއި އެއާކު ވީގޮތެއް ނޭނގޭ ކަމަށެވެ. ހަމަހޭވެރިކަން އައީ ގދ. ގައްދޫ ސިއްހީ މަރުކަޒުގައި އޮއްވައި ކަމަށެވެ.

"ހަނދާން ވަނީ ބާރަގަޑި ކޮންމެވެސް އެއްޗެއްގަ ގުޅާފަ މި ބުނީ ދަރިފުޅު މަރުވެއްޖެއޭ. ދެން އަޅުގަނޑު ބުނިން ވެރިޔާ ތިޔަ ވިދާޅުވި އެއްޗެއް އަޅުގަނޑަކަށް ސާފެއް ނޫނޭ. ދެން ވީ ގޮތެއް ނޭނގެ. ހޭ އެރީ ގައްދޫ މަރުކަޒުގައި އޮއްވާ. ދެން އަޅުގަނޑުގެ އަންހެނުން (ރާފިލްގެ މަންމަ) ބޭސްފަރުވާއަށް މާލެ ގޮސްވީ. ގައްދޫ މަރުކަޒަށް މީހުންތަކެއް އަޅުގަނޑު ގެންދިޔަ އިރު ބުނެވުނު ކަމަށްވޭ ދަރިފުޅު މަރުވެއްޖެއޭ. ދެން އެހިސާބުން ބަޔަކު ރާފިލް މަންމައަށް ގުޅާފަ ބުނީ." ދަރިފުޅު މަރުވި ހަބަރު ލިބުނު ގޮތް ހިއްސާކުރަމުން އޭނާ ބުންޏެވެ.

މަރުކަޒުން ދޫކޮށްލުމާއެކު އަވަސްވެގަތީ މާލެ ދިޔުމަށް ކަމަށާއި ރާފިލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ގޮވައިގެން އެންމެ ކައިރީގައި ހުރި އެއާޕޯޓަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އޭރުއްސުރެން އެމްއެންޑީއެފުން ބަރާބަރަށް މައުލޫމާތު ހިއްސާ ކުރަމުން އަންނަ ކަމަށާއި އަދި ދަރިފުޅުގެ ހަށިގަނޑު މާލެ ގެނެވޭނެ ވަގުތާއި ދަރިފުޅު ގޮވައިގެން އަންނަ ލޯންޗު ގާތްކުރާ ޖެޓީއާއި ޖަނާޒާގެ ކަންކަން ކުރިއަށްދާނެ ގޮތް ހިއްސާ ކުރި ކަމަށް ރަބީލް ބުންޏެވެ.

"ފުރަތަމަ ބުނީ ހަވީރު 6:45 ހާއިރު ރާފިލްގެ ހަށިގަނޑު މާލެ ގެންނާނެޔޭ. އެއް ނަންބަރަށޭ ގާތް ކުރާނީ. ރަސްމީ އިއްޒަތުގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގައޭ. ދެން ފްލައިޓުގަ އިންދާ ގުޅާފަ ބުނީ ރާފިލް ކޮވިޑަށް ޕޮޒިޓިވް އޭ. ހުޅުމާލެ ސަހަރާއަށޭ ގެންދާނީ. ދެން އަޅުގަނޑުވެސް މިކޮޅުގަ ފްލައިޓު ލޭންޑު ކުރުމާއެކު ފައިބައިގެން ދިޔައީ ހުޅުމާލެ ސަހަރާއަށް. ދެން އަވަސްވެގަތީ ދަރިފުޅުގެ ޖަނާޒާގެ ކަންކަން އަވަހަށް ކުރިއަށްގެންދިޔުމަށް. ދެން ކޮވިޑަށް ޕޮޒިޓުވް ވުމާ ހިސާބުން ރަސްމީ އިއްޒަތުގައި ޖަނާޒާ ކުރިއަށް ނުގެންދަން ނިންމީ." އޭނާ ބުންޏެވެ.

ރަބީލް ބުނީ ދަރިފުޅުގެ ޖަނާޒާގެ ކަންކަން ނިންމާފައި މަރުފޯމު ލިބުނު އިރު އޭގައި ދަރިފުޅު މަރުވި ސަބަބެއް ކަމަށް އޮތީ ހިތް ހުއްޓިގެން ކަމަށާއި މިއީ ނޭވާލާން އުނދަގޫވެގެން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ފޯމުގައި ކޮވިޑަށް ޕޮޒިޓިވް ވި ކަމަށްވެސް ޖަހާފައި ނެތް ކަމަށާއި ކޮވިޑު މަރެއް ނަމަ ނުވަތަ ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް އެ ފޯމުގައި ހުރިހާ ތަފުސީލެއް ހުންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ދެން ގުޅާލިން ޅ. އަތޮޅު ހޮސްޕިޓަލް މެނޭޖަރަށް. ގުޅާފަ ކަންވީ ގޮތް އޮޅުން ފިލުވިން. އެބޭފުޅާ ވިދާޅުވީ އެ ހޮސްޕިޓަލަށް ރާފިލް ގެންދިޔައިރު އޮކްސިޖަން ހުރީ ޒީރޯގަ އޭ. އައިވީއެއްވެސް ނެތޯ ގުޅާފައެއް. އެހެންވީމަ އޭގެ މާނައަކީ މާފިލާފުށިން އެކުއްޖާއަށް އެއްވެސް ފަރުވާއެއް ނުދެޔޭ ނޫންތޯ. ކުޑަމިނުން އޮކްސިޖަންވެސް ގުޅާނުލާ. ނޭވާލާން އުނދަގޫވާނަމަ އޮކްސިޖަން ފުރަތަމަ ދޭނީވެސް. އެކަމަކު އެވަރުވެސް ކޮށްނުލައޭ. ދެން ލޯންޗު މަތީގަ ދެ ފަހަރަކަށް ޕަންޕު (ސީޕީއާރް) ކުރިއޭ ބުނި. އެއީ އެއްކޮށް ވިންދު ދިޔައީމަ. ހޮސްޕިޓަލް މެނޭޖަރު ބުނީ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައޭ އޮތީ." ލިބުނު ތިން ދަރިންގެ ތެރެއިން ދޮށި ދަރިފުޅު ކުއްލިގޮތަކަށް ވަކިވި ގޮތް ހިއްސާކުރަމުން އަސަރާއެކު އޭނާ ބުންޏެވެ.

ހާދިސާ ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ބޭނުންވާ ކަމަށް އެތައް ފަހަރަކު އެމްއެންޑީއެފްގައި ބުނި ނަމަވެސް އެ ރިޕޯޓު ދީފައި ނުވާ ކަމަށާއި ދަރިފުޅަށް އޮކްސިޖަން ދިންތޯ ނުދީވާނަމަ ނުދިނީ ކީއްވެތޯ އެތައް ފަހަރަކު ސުވާލު ކުރިނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށްވެސް ނުލިބޭ ކަމަށް ރަބީލް ބުނެއެވެ. އެހެން ކަމުން މި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމަށާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެމްއެންޑީއެފް ޓްރެއިނިން ހަދަމުން ދަނިކޮށް މީހަކު މަރުވެފައިވާކަމުގެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރާ ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި މި ތުހުމަތުތަކާ ގުޅިގެންވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.

މިކަމާ ގުޅިގެން ރާފިލް މެސެޖު ކުރި އެމްއެންޑީއެފްގެ އޮފިސަރަށް "ވަން" އިން ގުޅުމުން ވިދާޅުވީ ތިކަމާ ގުޅިގެން ޖަވާބެއް ދެވޭނީ އެމްއެންޑީއެފުން އޭނާއަށް އެންގުމުން ކަމަށެވެ. އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތް ވިދާޅުވެ ފޯނު ކަނޑާލީ އެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މަރުގެ މައްސަލަތަަކަކީ ފުލުހުންގެ އިދާރާއިން ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށެވެ. އެކަމަކު އާއިލާގެ ފަރާތުން މަރުވި މީހާގެ ބައްޕަ މި މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި މިފަދަ ހައްސާސީ މައްސަލައެއް ވަރަށް ގާތުން ބަލާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ފަރާތުން މަރުވި ޒުވާނާގެ އާއިލާ މީހުންނާވެސް ބައްދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅެނިކޮށް އެކަކު މަރުވެފައިވާއިރު ދެ މީހަކަށް މިހާރުވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓިއެއް އުފައްދާފައިވާ ކަމަށެވެ.