ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ، ޝަރީއަތުގެ މަރުހަލާގެ އަޑުއެހުންތައް ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ގާޒީ ޝަކީލް މިހެން ވިދާޅުވީ، ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ އަޑުއެހުމުގައެވެ. ކޯޓުގައި މިހާރު ކުރިއަށްދަނީ އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބާއްވަން ޖެހޭ އިބުތިދާއީ އަޑުއެހުންތަކެވެ.
ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް މީގެކުރިންވެސް އެމަނިކުފާނުގެ ފަރާތުން ކުރިމިނަލް ކޯޓުގައި ތަކުރާރުކޮށް ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން އިސްގާޒީ މީގެކުރިން ވިދާޅުވެފައި ވަނީ، މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާތަނަށް ޝަރީއަތް ލައިވް ނުކުރެވި އޮތީ ކޯޓުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ނެތިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައިވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ނަންގަވައިފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އެ މައްސަލަ ނެންގެވުމުން އިސް ގާޒީ ވިދާޅުވީ، ޝަރީއަތްތައް ލައިވްކުރުމަށް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މައްސަލައިގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުހަލާ ނަމަވެސް، މައްސަލައިގެ ޝަރީއަތުގެ މަރުހަލާތައް ފެށެންވާ އިރަށް، ޝަރީއަތް ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު