އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްއިން ވެލެންސިއާ ބަލިކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މިރޭގެ މޮޅާއެކު އީގަލްސްއިން ވަނީ ލީގު ތާވަލުގައި ވެލެންސިއާ ފަހަތަށް ޖައްސާލައި، ދެވަނަ މަގާމަށް ޖެހިލައިފައެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުންވެސް މޮޅުވެ، 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ވެލެންސިއާ ތިން ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ވެލެންސިއާއިން މިރޭ މެޗުގެ ފުރަތަމަ 11 އަށް ނެރެފައިވާ ގޯލްކީޕަރަކީ ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މެޗަށް ނުނިކުތީ އަމިއްލަ ސަބަބަކާ ހުރެއެވެ. އޭގެ އިތުރުން ޖަލު ހުކުމެއް ތަންފީޒުކުރުމަށް ފަހު ދާދި ފަހުން ޓީމާ ގުޅުނު ވެލެންސިއާގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފައެވެ. މި ސީޒަނަށް ވެލެންސިއާއަށް ބަދަލުވެ، މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އައި އަބްދުﷲ ޔާމީން (ޔާން) މިރޭގެ މެޗަށް ނުކުތީ ބެންޗުންނެވެ.
އީގަލްސް އިން މެޗުގެ 12 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލަކީ އިޓަލީ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ ޖެހި މޮޅު ގޯލެކެވެ. އިމްރާން ނަޝީދު (އިންމަ) ދިން ބޯޅަ، އޭރިއާބޭރުން ފަވޭރޯ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ. އެ ގޯލަކީ މިހާތަނަށް ލީގުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ.
އީގަލްސްއިން ގޯލު ޖެހުމުން ވެލެންސިއާއިން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހުނު ނަމަވެސް ހާފު ނިމެން ދަނިކޮށް އީގަލްސްއަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ޖެހި ބޯޅަ މަތަކުރީ ވެލެންސިއާގެ ކީޕަރު ޓޮޕްލަކެވެ.
ހާފުގައި ވެލެންސިއާގެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސްޕެއިން ފޯވާޑް ބޯހާސް މާޓިން އަށެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތާހާ ވަނީ މަތަކޮށްފައެވެ.
ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތުގައި ހުސެއިން ހަނާން (ޖޯ) ޖެހި ބޯޅައެއްގެ އިތުރުން އަޑުބަރޭ ފޮނުވާލި ހަމަލާވެސް ފާހަގަކޮށްލެވުނެވެ. އެ ހަމަލާތައް މަތަކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީގަލްސްގެ ގޯލްކީޕަރު ތާހާއެވެ. އެ ހަމަލާތަކުގެ އިތުރުން ވެލެންސިއާއަށް ލިބުނު ކޯނަރެއްގައި އަމްދާން އަލީ (އެންޑީ) ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ލީގުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ އިރު، މާދަމާރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު