ޚަބަރު

މަހުލޫފް މައްސަލަ ބޭރުކޮށްލުމުގައި ހެކި ވަޒަން ކޮށްފައިވަނީ އުސޫލާ ހިލާފަށް: ދައުލަތް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި އެކޯޓުން މައްސަލަ ބޭރުކޮށްލުމުގައި، ދައުލަތުން ހުށަހެޅި ހެކިތައް ވަޒަން ކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ދައުލަތުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން، ކުރިމިނަލް ކޯޓުގައި މަހުލޫފްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ގައި ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށް ބުނެއެވެ.

ނަމަވެސް އެއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށްބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.

މިމަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލަމުން، މައްސަަލަ ބެއްލެވި އެ ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ 33،000 ޑޮލަރު މަހުލޫފަށް ލިބުނުކަން ސާބިތު ކުރެވެން އޮތް ނަމަވެސް އެއީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެ ދައުވާ ކުރިއަށް ނުގެންދަން ނިންމުމަށްފަހު ދައުވާ ބާތިލުކުރެއްވީ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެ ނިންމުމުގައި ގާޒީ ނިންމެވީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ކުރައްވައެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މިއަދު ހައިކޯޓުގައި ކުރިއަށްދިޔައީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުުގައި މި މައްސަލައިގެ އިސްތިއުނާފް ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ، ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، އެ މައްސަލަ ކުރިއަށް ނުގެންދެެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމީ މަހުލޫފުގެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ވަކިވަކި ހެކިތައް ވަޒަންކުރެއްވުމަށްފަހު ކަމަށެވެ. އެއީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި ދައުލަތުން ބުނީ، ހެކި ވަޒަންކުރުމަކީ އެ މަރުހަލާގެ ކަމެއް ނޫން ކަމަށާއި އެކަން ހައިކޯޓުން މައްސަލައެއް ނިންމި ގަޒިއްޔާއެއްގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް މަހުލޫފު މައްސަލަ ބެއްލެވި ގާޒީ، ކަންތައް ކުަރައްވާފައި ވަނީ އެ އުސޫލާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެގޮތަށް ނިންމާފައިވަނީ، ދައުލަތުން ހުށައެޅި ޝަފަވީ ހެކިން ހާޒިރުވެސް ނުކޮށްކަން ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މި މައްސަލައަކީ އަލުން އެ ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދައުލަތުން ހުށަހެޅި އިސްތިއުނާފަށް ޖަވާބުދެއްވަމުން މިނިސްޓަރު މަހުލޫފުގެ ވަކީލު ޝީނާ މުހައްމަދު ވިދާޅުވީ، ކުރިމިނަލް ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ބަލާ އިރު، ކުށުގެ އުންސުރުތަކާއި ހުށަހަޅާފައިވާ ހެކިތަކުން އުންސުރުތައް ސާބިތުވޭތޯ، މައްސަލަ ބެއްލެވި ގާޒީ ރަނގަޅަށް ބައްލަވާފައިވާކަން ހާމަވާ ކަމަށެވެ. އަދި އެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ތުހުމަތުކުރާ 33،000 އެމެރިކާ ޑޮލަރަކީ އެސްއީޒެޑްގެ ވޯޓާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާކަން ސާބިތުކޮށްދޭން ދައުލަތުން ހުށަހެޅީ އެންމެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ހެއްކަކީ އަދީބުގެ ހެކިބަސްކަން ވެސް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ، އެ ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

މިއަދުގެ އަޑުއެހުމުގައި އިތުރު ކަންތައްތައް އޮޅުން ފިލުއްވުމަށް ދެފަރާތާވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.