ޓޫރިޒަމް މިނިސްޓްރީން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އިންވެސްޓަރުން ހޯދަމަށް އިންޑިއާގައި ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީޑީސީ ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އިންޑިއާގެ މުމްބާއީގައެވެ.
އިންޑިއާގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އިދާރާތަކާއި އެ ދާއިރާއާއި ގުޅޭ ރާއްޖޭގެ ޖަމިއްޔާތަކާއި ރާއްޖޭގެ އެއާލައިންތަކާއި، އުތުރުގެ އަތޮޅުތަކުގެ ބައެއް ކައުންސިލުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ފޯރަމުގައި އިންވެސްޓަރުން ހޯދުމުގެ އިތުރުން ދަތުރުފަތުރު ފަހިކުރުމަށާއި ޓޫރިޒަމް ތަރައްގީކުރަން މަޝްވަރާތައް ކުރަން ވަނީ ހަމަޖެހިފައެވެ.
މި ފޯރަމާ ބެހޭގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި އިވެންޓަކީ އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރާވައިގެން ހިންގާ ހާއްސަ ހަރަކާތެއް ކަމަށާއި މި އިވެންޓުގެ މަގުސަދަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވެ، ނިމެންވާއިރަށްވެސް އެ ސަރަހައްދުގެ ކަނެކްޓިވިޓީތައް ރަނގަޅުކޮށް ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މަގު ފަހިކުރުން ކަމަށެވެ.
މިދިޔަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ގައުމަކީ އިންޑިއާ ކަމަށްވާތީ މި ހަރަކާތުގެ ސަބަބުން އިންޑިއާގައި އިތުރަށް ރާއްޖެ މާކެޓް ކުރެވޭނެ ކަމަށާއި މި ހަރަކާތަކީ އިންޑިއާގެ އިންވެސްޓަރުން ރާއްޖެއަަށް އައިސް ދިވެހިންނާ ބައިވެރިވެގެން އިންވެސްޓް ކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ބޭއްވޭ ހަރަކާތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފޯރަމްގައި ބައިވެރިވާ ޓީމު މިއަދު ވަނީ އިންޑިއާއަށް ދިއުމަށް ފުރައިފައެެވެ. ފޯރަމް ބާއްވަނީ މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދާ އައުޓްބައުންޑް ޓްރެވަލް މާކެޓްގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު