ދުނިޔެ

އަދުގެ ދުނިޔެ: އިނގިރޭސިވިލާތް ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ ދެންވާނީ ކިހިނެއް؟

އިމާދު ލަތީފު

ޔުކްރޭނަށް އެހީވުމުގެ ގޮތުން އިނގިރޭސިވިލާތުން ރަޝިޔާއާ ދެކޮޅު ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެއްޖެނަމަ އެންމެ ގަޑިއެއްހާއިރު ތެރޭގައި ރޫސީންގެ މިސައިލްތަކުގެ އަމާޒުފަތްގަނޑަކަށް އިނގިރޭސިވިލާތް ބަދަލުވެގެން ދިޔުމުގެ ބިރަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ބިރެކެވެ. ސީދާގޮތެެއްގައި ޔުކްރޭނުގެ ހަނގުރާމައިގައި އިނގިރޭސިވިލާތް ބައިވެރިނުވާހައި ހިނދަކު މިއީ މާކަބޮޑު ބިރެއް ނޫނެވެ. ޔުކްރޭނުގެ ހަނގުރާމައިގައި އަމަލީ ގޮތުން އިނގިރޭސިވިލާތް ބައިވެރިވެއްޖެނަމަ އޭގެ ރައްދުގައި ރޫސީން ހަމަލަދޭނޭކަން ކަށަވަރެވެ. އެގޮތަށް ހަމަލަދިނުމުގައި ބޭނުންކުރާނޭ ކަމަށް އެންމެ ބޮޑަށް ގަބޫލުކުރެވޭ ހަތިޔާރަކީ ކްރޫޒް މިސައިލެވެ. އަޑަށްވުރެ ދެ ގުނަ ނުވަތަ ތިންގުނަ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ ކްރޫޒް މިސައިލެވެ.

އިނގިރޭސިވިލާތުން މިހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ އޭގެ ރައްދު ފެންނާނީ ކޮން ގޮތަކަށްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އިނގިރޭސި ސިފައިންނާބެހޭ ވަޒީރު ޖޭމްސް ހީޕޭ ވިދާޅުވެފައިވަނީ ކްރޫޒް މިސައިލްގެ ވިލާގަނޑެއް ކަމުގައެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ޓޮމަހޯކް ކްރޫޒް މިސައިލާ ވާދަޔަށް ރޫސީވިލާތުން އުފައްދާފައިވާ ހަތިޔާރަކީ ކެލިބާރއޭ ކިޔުނު ކްރޫޒް މިސައިލެވެ. މިއީ އަދި ނިއުކުލިއަރ ހަތިޔާރެެއް ނޫނެވެ. މި ވައްތަރުގެ މިސައިލް ތިން ގޮތަކަށް ލޯންޗު ކުރެވިދާނެއެވެ. އެއްގޮތަކީ މަނަވަރުތަކާއި ސަބްމެރީންތަކުންނެވެ. ދެވަނަ ގޮތަކީ މަތިންދާބޯޓުތަކުންނެވެ. ތިންވަނަ ގޮތަކީ އެއްގަމުންނެވެ. ތަޖުރިބާކާރުން ބޮޑަށް ގަބޫލުކުރަނީ އިނގިރޭސިވިލާތަށް ހަމަލާއެއް ދޭން ވެއްޖެނަމަ ރޫސީން އެކަންކުރާނީ އިހަށް ބުނެވުނު ދެގޮތުންކުރެ ގޮތަކަށް ކަމުގައެވެ.

ކެލިބާރޭ ކިޔުނު ކްރޫޒް މިސައިލަކީ އޭގެ ދުވެލި ބާރުވުމާއި ޓެކްނޮލޮޖީގެ ފުރިހަމަ ކަމުން އެއިން ދިފާއުވުން ނޭޓޯގެ ގައުމުތަކަށް އެންމެ އުނދަގޫވާނޭ މިސައިލެވެ. މިސައިލުން ދިފާއުވުމަށްޓަކައި ކިތަންމެ ވަރުގަދަ މިސައިލް އައްޑަނަޔެެއް ގާއިމުކުރެވިފައިވިޔަސް ހުރިހާ މިސައިލްތަކެއް ނުހުއްޓުވޭނޭ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އެހެންވީމާ ދިފާއަށްޓަކައި ކުރެވިދާނޭ އެންމެ ބޮޑު އެއްކަމަކީ ރޫސީންގެ މަނަވަރުތަކާއި ސަބްމެރީންތަކާއި މަތިންދާބޯޓުތަކަށް ރޭންޖު ލިބޭ ހިސާބު ކައިރިޔަަށް އައުމުގެ ފުރުސަތު ނުދިނުމެވެ. މިއީވެސް ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. ކުރަން ދިމާކޮށްފިނަމަ ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ފުޅާވެގެން ބިރުވެރިވެގެން ދާނޭ ކަމެކެވެ. ކޮންމެ ގޮތަކަށް ދިފާއު ރޭވިޔަސް ގަޑިއެއްހާއިރު ތެރޭގައި އިނގިރޭސިވިލާތަށް ހަމަލާ ނާރައި ފަރުޖެއްސޭނެ އެއްގޮތެެއްވެސް ނެތެވެ.

ކުރިން ބަޔާން ކުރެވުނު ވައްތަރުގެ މިސައިލް ރޫސީ ސިފައިންގެ އަތުގައިހުރީ ކިހާ އަދަދަކަށް ބާވައެވެ. އެކަން އެއްވެސް ބަޔަކަށް ކަށަވަރެއް ނޫނެވެ. އެމެރިކާޔާއި އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ބުނަނީ ދެހާހެއްހައި މިސައިލް ހުންނާނޭ ކަމުގައެވެ. ޖާސޫސީ މައުލޫމާތުގެ މައްޗަަށް ބިނާކޮށް ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ރޫސީވިލާތުން އުފައްދާފައިވަނީ ނުވަތަ އެއަހަރު އުފެއްދުނީ މިވައްތަރުގެ އެންމެ 120 މިސައިލެވެ. އެހެންވީމާ މިވައްތަރުގެ މިސައިލް ގިނަ އަދަދަކަށް އުފައްދައި ގުދަންކުރުމުގައި ރޫސީންނަށް ދަތިތަކެއް ހުރިކަން ވަނީ ހާމަވެގެން ގޮސްފައެވެ. ކެލިބާރު ކްރޫޒް މިސައިލްގެ ރޭންޖަކީ 1500 މޭލެވެ. ވީމާ މި މިސައިލް މައިގަޑުގޮތެއްގައި ބޭނުން ކުރެވެން އޮތީ މަތިންދާބޯޓާއި މަނަވަރުގެ އެހީގައެވެ.

ނޭޓޯއާއި އިނގިރޭސިވިލާތުން ޔުކްރޭނުގެ ހަނގުރާމައިގައި އަމަލީގޮތުން ޝާމިލްވުމަށްވުރެ ކައިރިގޮތަކީ ނުވުމެވެ. އެއީ މިކަމުގެ ނަތީޖާ ފެންނާންއޮތް ގޮތުންނެވެ. އެހެންނަމަވެސް ކަންކަން ފުރޮޅެމުން މިދާގޮތަށް ވިސްނާއިރު ނުވާނެޔޭ ނުކުރާނެޔޭ ހީކުރެވުނު ކިތަންމެ ކިތަންމެ ކަމެއްވެސް ކޮށްފައިވާތަން އެބަފެނެއެވެ. އެގޮތުން ނޭޓޯއިން މިހަނގުރާމައިގެ ތެރެއަށް ވަނުން މުސްތަހީލޭ ބުނާކަށްވެސް ނުވާނެއެވެ. އެއީ ވެދާނޭ ކަމެކެވެ. ހަނގުރާމައިގެ ތެރެއަށް ނޭޓޯ ވަނުމުގެ މާނަޔަކީ އެންމެ ފުރަތަމައިނުންވެސް ނިއުކުލިއަރ ހަތިޔާރުގައި އަތްލުމެއް ނޫނެވެ. އެންމެ ފުރަތަމަ ހަމަލާދޭނީ ކޮންވެންޝަނަލް ހަތިޔާރުންނެވެ. އޭގެތެރެއިންވެސް ކްރޫޒް މިސައިލުންނެވެ. އެގޮތަށް ކްރޫޒް މިސައިލް ބޭނުންކުރާނީ ރޫސީން އެކަންޏެއް ނޫނެވެ. ނޭޓޯގެ ބާރުތަކުން ރަޝިޔާއަށް ވެސް ހަމަލަދޭނެއެވެ.

އިނގިރޭސިވިލާތާއި ދެކޮޅަށް ރޫސީން ކްރޫޒް މިސައިލުން ހަމަލާދޭން ނިންމައިފިނަމަ ހަމަލާދޭނީ ކޮން ތަންތަނަކަށްކަންވެސް ނިންމާނެއެވެ. ހަނގުރާމައިގެ ހާލަތުގައި އަމާޒު ކަނޑައަޅަނީ ގިނަފަހަރަށް ހަތިޔާރާއި ސިފައިންނާއި ގުޅޭ މަރުކަޒުތަކާއި އިގްތިސާދަށް ލޮޅުންއަރުވައި އުފެއްދުންތެރިކަން މަޑުޖައްސައިލެވޭނެ ތަންތަނަށް ބަލައިގެންނެވެ. ލިބޭނޭ ގެއްލުމެއްގެ ކުޑަބޮޑުމިން ބިނާވާނީ ހަމަލަ އަމާޒުވާ ތަނެއްގެ ގޮތުންނެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ކްރޫޒް މިސައިލަކީ ގޮނޑުދޮށުގައި ވެލިހުންނަ ފަދައިން އަދަދެއްނެތް ގޮތަށް ހުރި އެއްޗެއް ނޫނެވެ. އޭގައި އަދަދުތަކެއް އެބަހުއްޓެވެ. އެއީ ޕްލާސްޓިކް ފުޅި އުފައްދާ ބީދައިން އެއްފަހަރާ ގިނަ އަދަދަކަށް އުފެއްދޭ އެއްޗެއްވެސް ނޫނެވެ. އެހެންވީމާ ޓާގެޓް ކަނޑައަޅާނީ ވަރަށްވެސް ބޮޑަށް ވިސްނައި ދިރާސާކުރުމަށްފަހުގައެވެ.