ޚަބަރު

އަނބިމީހާ ގަޔަށް ވަޅި ހެރި ފިރިމީހާ އަށް ދައުވާ ކުރަން ފޮނުވައިފި

ރިފާ ހަލީލު

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީ ދެމަފިރިއެއްގެ ދެމެދުގައި ހިނގި މާރާމާރީގައި އަންހެންމީހާ އަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ފިރިހެން މީހާ އަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

މައްޗަންގޯޅި ގެއެއްގެ ތެރޭގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ހިނގި މި މާރާ މާރީގައި އަންހެން މީހާގެ ފަލަމަސްގަނޑަށް ވަނީ ވަޅި ހަރައިފަ އެވެ. ވަޅި ހަރާފައިވަނީ އެ އަންހެން މީހާ ގޭގެ ސިޓިން ރޫމުގައި ނިދާފައި އޮއްވައި އޭނާގެ ފިރިމީހާ އެވެ. އަދި އޭގެ ފަހުން ފިރިހެންމީހާ ބަނޑަށް ޒަހަމްތަކެއް ލިބި ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.

އެހެން ނަމަވެސް ފިރިހެން މީހާގެ ބަނޑަށް ލިބިފަ ހުރި ޒަހަމްތަކަކީ ފުލުހުން އެ ގެއަށް ދިޔުމުން އޭނާ އަމިއްލައަށް ބަނޑަށް ވަޅި ހަރައިގެން ލިބުނު ޒަހަމްތަކެއް ކަމަށް ތުހުމަތު ކުރެވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި އިންޑިއާ ރައްޔިތެއްކަމަށްވާ ސްރިނިވަސަން ސުބްރަމަނި، މިދިޔަ ފެބްރުވަރީ މަހުގެ ދެވަނަ ދުވަހު، މާލޭ ގެއެއްގެ ތެރޭގައި، އޭނާގެ އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި އޭނާގެ މައްޗަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކުރުމަށް މިމަހުގެ 10 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ސްރިނިވަސަން ސުބްރަމަނި ހުރީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައި ކަމަށެވެ. އަދި މަހުގެ 10 ވަނަ ދުވަހު ބޭއްވުނު ބަންދު އަޑުއެހުމުގައި ދައުލަތުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދުނު ކަމަށެވެ. ނަމަވެސް ކޯޓުން ބަންދަށް ދިނީ 10 ދުވަސް ކަމަށާއި އަދި އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު މައްސަލަ ބައްލަވާ ގާޒީ ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަންހެން މީހާއަށް އައިޖީއެމްޗް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު އެމީހާ އެގެއިން ނެރެގެން ގެންދާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ވީޑިއޯއިން ފެނަން ގޮތުގައި ފޫކޮޅު މަސްގަނޑާ ދިމާލުން ފަލަމަސްގަނޑަށް ހަރާފައިވާ ވަޅިއާއެކު ފުލުހުންގެ އެހީގައި ހަނި ސިޑިއަކުން އެ އަންހެންމީހާ ބޭރަށް ނެރެ އެވެ. އަދި އޭރު އަންހެން މީހާގެ މުޅި ހެދުމުގެ ފަސްބައި ލެއިން ތަތްތެޅިފައިވާއިރު އަންހެންމީހާގެ ގިސްލުމުގެ އަޑު އިވެ އެވެ.