ޕޯޗުގަލްގެ ލެޖެންޑަރީ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ ޓޮޓެންހަމް ކޮޅަށް ހެދި ހެޓްރިކާއެކު މެންޗެސްޓާ ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ބެލުންތެރިންނަށް ޝައުގުވެރި މެޗަކަށް ރޭގެ މެޗު ވެގެން ދިޔަ އިރު، ހުރިހާ ސަމާލުކަމެއް ހުއްޓުނީ ރޮނާލްޑޯގެ ހެޓްރިކަށެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ހެދި ހެޓްރިކަކީ 2008 ވަނަ އަހަރަށްފަހު ޔުނައިޓެޑް ޖާޒީގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. ކެރިއަރުގައި ޔުނައިޓެޑުން ވިދާލި ރޮނާލްޑޯ މި ސީޒަނަށް އެނބުރި ކްލަބަށް ދިޔައީ އިޓަލީ އާއި ސްޕެއިންގައި ކުޅެ، އެތައް ގޯލުތަކެއް ޖެހުމަށްފަހުއެވެ. ރޭގެ ހެޓްރިކާއެކު ރޮނާލްޑޯ ކެރިއަރުގައި ޖެހި ގޯލުގެ އަދަދު ވަނީ 807 އަކަށް އަރާފައެވެ. އެއީ ރެކޯޑެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޕްރިމިއާ ލީގުންވެސް ގަބޫލުކުރާ ގޮތުގައި، މިހާރު ރޮނާލްޑޯއަކީ ދުނިޔޭގެ ޕްރޮފެޝަނަލް ފުޓުބޯޅަ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

"އަހަރެންގެ އެނބުރި އައުމަށްފަހު ހެދުނު ފުރަތަމަ ހެޓްރިކަށް ވަރަށް ބޮޑަށް އުފާވެއްޖެ،" ރޭގެ މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ޔުނައިޓެޑަށް "ލިމިޓެއް ނެތް" ކަމަށާއި، ކޮންމެ ކްލަބެއްވެސް ބަލިކުރުމުގެ ގާބިލުކަން ޓީމުގައި އެބަހުރި ކަމަށެވެ.

ރޮނާލްޑޯ ރޭގެ މެޗަށް ނުކުތީ އަނިޔާއަކަށް ފަހުއެވެ. އަނިޔާގެ ސަބަބުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅެފައި ނުވާއިރު، ރޭގެ މެޗުގެ ކުރިން ރޮނާލްޑޯ ވަނީ ކުޑަ ޗުއްޓީއަކަށް އުފަން ގައުމު ޕޯޗުގަލްއަށް ގޮސްފައެވެ. އުމުރުން 37 އަހަރު ރޮނާލްޑޯ ރޭގެ މެޗުގައި "ފްރެޝް" ކޮށް ފެނުނު އިރު، ކޯޗު ރާފް ރަންގްނިކް ބުނީ ހެޓްރިކާއެކު ފެނުނީ އެންމެ ފޯމު ރަނގަޅު ރޮނާލްޑޯ ކަމަށެވެ.

ގިނަ ބައެއްގެ ނަޒަރުގައި ރޮނާލްޑޯ ރޭ މުގުރާލީ ޗެކް-އޮސްޓްރިއަން ފޯވަޑް ޖޯސެފް ބިކަންގެ ރެކޯޑެވެ. އޭނާގެ ކެރިއަރުގައި 805 ގޯލު ޖެހި ކަމަށް ފީފާގެ ބައެއް ލިޔުންތަކުގައި ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ އެއްވެސް އިރެއްގައި ރަސްމީ ރެކޯޑެއް ނޫނެވެ. ޗެކް އެފްއޭއިން އެންމެ ކުރިން ބުނެފައި ވަނީ ބިކަންސްގެ ގޯލު އަދަދަކީ 805 ކަމަށެވެ. އޭގެ ފަހުން ބިކަންސް 821 ގޯލު ޖެހި ކަމަށްވެސް ޗެކްގެ އެފްއޭއިން ބުނެފައިވާ އިރު، އެ އަދަދު 950 އަށްވެސް މައްޗަށް ޖައްސާފައިވެއެވެ.

އެ އަދަދުތައް ޗެކް އެފްއޭއިން ބަލަނީ ޕްރޮފެޝަނަލް ނޫން ލެވެލްގައިވެސް ބިކަން ޖެހި ގޯލުތަކާ އެކުގައެވެ.

ބްރެޒިލްގެ ލެޖެންޑުން ކަމަށްވާ ޕެލޭއާއި ރޮމާރިއޯ އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް ފެރެންކް ޕުސްކާސްވެސް ރަސްމީ މެޗުތަކުގައި ޖަހާފައި ވަނީ 700 އެއްހާ ގޯލެވެ. އަދި މިހާރުވެސް ކުޅެމުން އަންނަ މެސީ ކެރިއަރުގައި 759 ގޯލު ޖަހާފައިވާ އިރު، ޔަގީނުންވެސް ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ ގޯލު، ޕްރޮފެޝަނަލް ލެވެލްގައި ޖެހި ކުޅުންތެރިޔާއެވެ. އެއި ފީފާގެ ހިސާބުތަކުންވެސް ޔަގީންވާ އަދަދެކެވެ.

ތަފާސް ހިސާބުތައް ބެލެހެއްޓުމަކީ ކުރިން އުނދަގޫ ކަމަކަށްވެފައި އޮތް އިރު، ރަސްމީ މެޗުތައް ނުލައި ގުނާފައިވާ އަދަދުތަކަކީ ދިމާވާނެ އަދަދުތަކެއް ނޫނެވެ. އެ އަދަދުތަކުން ބަލައި ޖަރުމަނުގެ އެރްވިން ހެލްޗެން އާއި އިންގްލެންޑްގެ ރޮނަލްޑް ރޯކް ވެސް ވަނީ 900 އަށްވުރެ ގިނަ ގޯލު ޖަހައިފައެވެ. އެއީ އަންދާޒާއެވެ. އަދި އެއީ ޕްރޮފެޝަނަލް ލެވެލްގައި ޖެހި ގޯލުތައް އެކަންޏެއްވެސް ނޫނެވެ.

އެ ހުރިހާ ހިސާބުތަކަށް ބަލައި، ރޮނާލްޑޯއަކީ ރެކޯޑު ގޯލު ޖެހުންތެރިޔާ ކަމަށް ނިންމި ދާނެއެވެ.