ލިވަޕޫލުން ހުށަހަޅާފައިވާ އެއްބަސްވުމުގައި ސޮއިކުރަން މުހައްމަދު ސަލާހު އިންކާރު ކުރާ ކަމަށް ހަބަރުތައް ބުނެފިއެވެ.
އަންނަ ސީޒަންގެ ނިޔަލަށް ސަލާހާއެކު ލިވަޕޫލުން މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ އިރު، ކްލަބުން ދަނީ އާ އެއްބަސްވުމަކަށް މަސައްކަތް ކުރަމުންނެވެ. ސަލާހަކީ ލިވަޕޫލަށް އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ އިރު، ސަލާހުގެ އެއްބަސްވުން އާކުރުމަކީ ލިވަޕޫލަށް އެންމެ މުހިއްމުވެސް އެއް ކަންތަކެވެ. އެހެންކަމުން މިދިޔަ އަހަރުން ފެށިގެން ސަލާހުގެ ޓީމާ ލިވަޕޫލުން ދަނީ ވާހަކަވެސް ދައްކަމުންނެވެ.
އިއްޔެ ނޫސްތަކުން ބުނެފައި ވަނީ ޑިސެންބަރު މަހުން ފެށިގެން ސަލާހާއި ލިވަޕޫލުން އެއްބަސްވުން އާކުރުމާ މެދު ހިޔާލު ތަފާތުވެފައިވާ ކަމަށާއި، އެއިރުން ފެށިގެން މިއަދާ ހަމައަށްވެސް އެއްބަސްވުމަށް ކުރިއެރުންތަކެއް ލިބިފައި ނުވާ ކަމަށެވެ.
ޔޫރަޕްގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި ލިވަޕޫލުން މިހާރު ހުށަހަޅާފައިވާ ގޮތަށް އެއްބަސްވުން އާކުރަން ސަލާހާއި އެޖެންޓް ބޭނުން ނުވާ ކަމަށެވެ. ޑިސެންބަރު މަހުން ފެށިގެން ސަލާހުގެ އެޖެންޓާ ލިވަޕޫލް ދެބަސްވެފައިވާކަން ފަބްރީޒިއޯ ޔަގީން ކޮށްދީފައިވެއެވެ.
ފަބްރީޒިއޯ ބުނެފައި ވަނީ ސަލާހު ބޭނުންވަނީ ލިވަޕޫލުގައި މަޑުކުރަން ނަމަވެސް، ލިވަޕޫލުން އެއްބަސްވުމަށް ބަދަލު ނުގެންނަ ނަމަ، ސަލާހު ކްލަބު ދޫކޮށްލުން ގާތް ކަމަށެވެ.
ސަލާހުގެ އެއްބަސްވުން އާކުރުމާ ގުޅޭގޮތުން ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފައި ވަނީ ކްލަބަށް ކުރޭވެނެ ވަރު ކޮށްފައިވާ ކަމަށާއި، ލިވަޕޫލް ދޫކޮށްލުން، ނޫނީ މަޑުކުރުމުގެ ބާރު މިވަގުތު އޮތީ ސަލާހު އަތުގައި ކަމަށެވެ. ކްލޮޕް ބުނެފައި ވަނީ ސަލާހާއި ލިވަޕޫލާ ދެމެދު މާ ބޮޑު ނުތަވަސްކަމެއް އުޅޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި، މިވަގުތު ވާހަކަތައް އޮތް ހިސާބަށް ބަލައި، މަޝްވަރާ ކުރުން އެއީ ގޯހެއް ކަމަށް ނުދެކޭ ކަމަށެވެ.
އުމުރުން 29 އަހަރުގެ މިސްރު ފޯވަޑް ސަލާހު، ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރުއެވެ. އެއިރުން ފެށިގެން ލިވަޕޫލާއެކު މޮޅަށް ކުޅެމުން އަންނަ ސަލާހު ވަނީ މިހާތަނަށް ލިވަޕޫލް ޖާޒީގައި ކުޅުނު 237 މެޗުން 152 ގޯލު ޖަހައިދީފައެވެ. ލިވަޕޫލުގައި ހޭދަކުރި ކަމިޔާބު ދުވަސްތަކުގައި އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގުގެ އިތުރުން ފީފާ ކްލަބު ވޯލްޑް ކަޕާއި ލީގު ކަޕްވެސް ކްލަބާއެކު ކާމިޔާބުކޮށްފައެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް