ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުމަށް އެ މިނިސްޓްރީން ޖަވާބު ނުދިނުމުން ބައެއް ޓެކްސީ ޑްރައިވަރުން ބޮޑު އަގުގައި ދަތުރުތައް ކުރަން ފަށައިފިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއިން ވެސް ވަނީ ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. އެހެންވެ ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކޮށްދޭން ނުވަތަ ތެލުން ސަބްސިޑީއެއް ދިނުމަށް ހުށަހަޅައިފައެވެ. އަދި އެ ހުށަހެޅުންތަކަށް ޖަވާބު ދިނުމަށް ފަސް ދުވަހުގެ މުއްދަތެއް ވެސް ދީފައެވެ. އެ މުއްދަތު ހަމަވިއިރު ވެސް ޓްރާންސްޕޯޓުން ޖަވާބެއް ނުލިބުމުން އިއްޔެ ޓެކްސީ ސެންޓަރުތަކުން ވަނީ ހުޅުމާލޭ ރުށްގަނޑު ސަރަހައްދުގައި އިހުތިޖާޖުކޮށްފައެވެ.
"ވަން" އަށް މައުލޫމާތުދިން ޓެކްސީ ސެންޓަރެއްގެ އިސްވެރިއަކު ބުނީ، ޓްރާންސްޕޯޓުން ޖަވާބު ނުދިނުމުން ބައެއް ޑްރައިވަރުން އަގުބޮޑުކޮށް ދަތުރުކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ސެންޓަރުތަކުން އެކަމާ ދެކޮޅު ކަމަށެވެ.
އޭނާ ބުނީ، ސެންޓަރުތަކުން މިއަދު ނިންމީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޓްރާންސްޕޯޓުން ހުށަހެޅުންތަކަށް ޖަވާބު ނުދީފިނަމަ އަގުބޮޑުކޮށް ދަތުރުކުރަން ކަމަށެވެ. އަދި ހޯމަ ދުވަހާ ހަމައަށް އިހުތިޖާޖު ކުރުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަންނަ ހޯމަ ދުވަހަށް ބަލާފައި އަޅުގަނޑުމެން އަގުބޮޑު ކުރާނީ، ދެތިން ޑްރައިވަރުން އަގުބޮޑުކޮށް މިހާރު ވެސް އެބަކުރޭ. ދެ ތިން ޑްރައިވަރުންނޭ މި ބުނަނީ އަޅުގަނޑުމެން މި ހަރަކާތުގައި މެޖޯރިޓީ ޓެކްސީތަކުން ދަނީ ބައިވެރިވަމުން، އެ މީހުން އަގުބޮޑުކޮށް ކުރިޔަސް އެއީ ސެންޓަރުތަކުން ރަސްމީކޮށް ނިންމީއެއް ނޫން. ރަސްމީކޮށް ގޮތެއް ނިންމާނީ ހޯމަ ދުވަހު. އަޅުގަނޑުމެން ނިންމީ މި މައްސަލައަކީ ބޮޑު މައްސަލައަކަށްވުމުން ޓްރާންސްޕޯޓުން މަޝްވަރާކުރަން ބޭނުންވާ މީހުންނާ މަޝްވަރާކުރަން ވަގުތުދޭން،" އޭނާ ބުންޏެވެ.
ޓެކްސީ ޑްރައިވަރުން ބޮޑު އަގުގައި ދަތުރުކުރިޔަސް ސެންޓަރުތަކައް ކުރެވޭނެ ކަމެއް ނެތް ކަމަށާއި އެއީ ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ނިންމުމެއް ކަމަށްވެސް އޭނާ ބުންޏެވެ.
މީގެކުރިން ޑްރައިވަރުން ގަވާއިދުގައިވާ އަގަށްވުރެ ބޮޑު އަގެއްގައި ދަތުރުކުރާނެ ކަމަށް ބުނުމުން، ބޮޑު އަގުގައި ދަތުރުކޮށްދޭ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ފުލުހުން ވަނީ ބުނެފައެވެ.
- މާލޭގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ
- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ
- މާލެއިން ހުޅުމާލެ އަށްކުރާ ދަތުރަކަށް 100 ރުފިޔާ
- މާލެ އާއި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ދަތުރަކަށް 80 ރުފިޔާ
- ހުޅުމާލޭގެ ފޭސް ދޭކުން މާލެއަށް ދަތުރެއް 120 ރުފިޔާއަށް
- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދޭކަަށް ދަތުރަކަށް 40 ރުފިޔާ
- މާލެ އާއި ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް ދަތުރަކަށް 100 ރުފިޔާ
- ހުޅުމާލޭގެ ފޭސް ދޭކުން ސީޕްލޭން ޓާމިނަލަށް ދަތުރަކަށް 120ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު