ރާއްޖޭގައި ހުންނަ އިންޑިއާ ޑިޕްލޮމެޓް އޮފީސްތައް ވެސް ރާއްޖެއިން ބޭރުކުރަން ޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އެމަނިކުފާނު އިސްވެ ހުންނަވައިގެން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަށް މިއަދު ހަވީރު އދ. މަހިބަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ދިވެހި ސަރުކާރުން ކަންކަން ކުރަމުންދަނީ އިންޑިއާގެ ސަފީރު އަންގަވާ ގޮތަށް ކަމަށާއި އެހެންކަމުން އިންޑިއާގެ މުޅި ސިޔާސީ ވިސްނުން ރާއްޖެއިން ބޭރުވާން ޖެހޭ ކަމަށެވެ.

"މިތާގައި ތިބެން ނުޖެހެނީ ހަމައެކަނި މިލިޓަރީ އެކަންޏެއް ނޫން، ސިފައިނެއް ނޫން، އިންޑިއާގެ ސިޔާސީ އުސޫލުތަކާ ނުވަތަ ޑިޕްލޮމެޓިކް އޮފީސްތަށް، އެތާގައި ހުންނަށް ޑަސްބިންތައް ވެސް ބޭރުކުރަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއެކު ގާތްގުޅުމެއް ގާއިމްވެފައިވަނީ މޮޅު ހާރިޖީ ސިޔާސަތެއް އޮވެގެން ނޫން ކަމަށާއި ދިވެހިން އަބަދުވެސް އުޅެން ޖެހިފައިވަނީ އިންޑިއާއަށް ޖިޒީ ދައްކާގޮތަށް ކަމަށެވެ. އަދި އެކަން ވެރިކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކަށް ދޮގު ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އިންޑިއާ ސަރުކާރުން އަންގައިގެން ނެރުނު އަމުރެއް ކަމަށާއި އެ އަމުރު ލިޔުނު މީހާ މިއަދުވެސް އިންޑިއާ އެމްބަސީގައި މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ މި ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބާރު ނެތް ކަމަށާއި އެބާރު މިހާރު އޮތީ އިންޑިއާގެ ސަފީރުގެ އަތްފުޅު މަތީގައި ކަމަށެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ އިތުރުން މުޅި އިންޑިއާ ސަރުކާރުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ތުރާލަކާއި ތަކުލީފެއް ކުރިމަތި ވަމުން އަންނަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ބާރު ދިވެހިން އަތްމަތިން ގޮސްފައިވާ ހާލަތަށް ގައުމު ގޮސްފައިވާއިރު އެމަނިކުފާނު ނިސްބަތްވާ ކޯލިޝަން ނޫން އެހެން އެއްވެސް ސިޔާސީ ބަޔަކު އެކަމާ ކަންބޮނޑުވުން ފާޅުނުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"މި ސިޔާސީ ލީޑަރުން ގުޅިފައި އޮންނަނީ ދިވެހި މަހުޖަނު ވިޔަފާރިވެރިންނާއި، ބައެއް ވިޔަފާރިވެރިން ސިޔާސީ މަސައްކަތުގައި ވެސް އެބަ އުޅޭ، މި އެންމެންގެ ގިނަ ފައިސާ ހުރި އެކައުންޓްތައް ހުޅުވާފައި މި ހުންނަނީ އިންޑިއާގެ ބޭންކްތަކުގައި، އެހެންވެ ނޯވޭ ދެކޮޅު ހެދޭކަށެއް،" ޔާމީން ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަށް ތާއިދުނެތް ކަމަށާއި އެ ހަރަކާތުގައި ބައިވެރިނުވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރަައީސް ޔާމީން ވަނީ އެކަމަށް ވެސް ރައްދު ދެއްވައިފައެވެ. ޔާމީން ވިދާޅުވީ ރައީސް ނަޝީދު ގޮވަނީ ކޮސް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް އިޖާބާދޭނެ ޕީޕީއެމް/ޕީއެންސީ މެމްބަރަކު ނުހުންނާނެ ކަމަށާއި އެވަރު ނުދަންނަ މީހަކު ސިޔާސީ ކަންކަމުގައި އުޅުއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން މިހާރު ރާއްޖެއަށް ހުރިހާ ބާވަތެއްގެ ހަތިޔާރު އެތެރެކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިން އެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖަވާބު ނުދެއްވާނެ ކަމަށެވެ.