ޗެލްސީގެ ވެރިޔާ، ރަޝިއާގެ ރޯމަން އަބްރަމޮވިޗަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފިއެވެ.
އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒް ވެފައެވެ. ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރި ވެރިއަކަށް ވާތީއެވެ.
އަބްރަމޮވިޗްގެ އިތުރުން އިނގިރޭސިވިލާތުން ވަނީ އެގައުމުގައި ވިޔަފާރިތައް ކުރަމުންދާ ރަޝިއާގެ އިތުރު ވިޔަފާރިވެރިންނަށްވެސް ފިޔަވަޅު އަޅައިފައެވެ. އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ކާމިޔާބު ކްލަބު ޗެލްސީއަށެވެ. އެންމެފަހުގެ ޔޫރަޕިއަން އަދި ދުނިޔޭގެ ޗެމްޕިއަން ޗެލްސީގެ އޮޕަރޭޝަން ހާއްސަ ހުއްދައެއްގެ ދަށުން ކުރިއަށް ގެންދަން އިނގިރޭސި ސަރުކާރުން އަންގާފައިވާ އިރު، އަބްރަމޮވިޗް ކްލަބު ވިއްކާލަން ކުރި މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށް ބަލައި، މާކުރިންވެސް ކްލަބު ވިއްކާލަން އިއުލާންކޮށް އެ ކަމަށް މަސައްކަތް ކުރި ނަމަވެސް، ފިޔަވަޅުތަކުގެ ކުރިން އެކަން ކަމިޔާބު ނުވުން ވެގެންދާނީ ޗެލްސީއަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އެގޮތުން އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޗެލްސީގެ ޓިކެޓް ވިއްކުންވެސް މަނާ ކޮށްފައިވެއެވެ. ހަމައެކަނި މެޗުތަކަށް ވަދެވޭނީ ސީޒަން ޓިކެޓް ހޯލްޑަރުންނަށެވެ.
ހާއްސަ ހުއްދައިގެ ދަށުން ޗެލްސީ އޮޕަރޭޓް ކުރާ އިރު، އެ ހުއްދައިގައި ބުނެފައި ވަނީ ހަމައެކަނި މުސާރަތައް ދިނުމަށާއި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަމަށް އެކަށޭނެ ކުޑަ ހަރަދެއްގައި ކުރުމަށް ހުއްދަ ދެވޭނެ ކަމަށެވެ. އޭގެ އިތުރުންވެސް ޗެލްސީން މެޗުތަކަށް ކުރާ ދަތުރު ތަކަށް ހަރަދު ކުރަން ހުއްދަ ދީފައިވީ ނަމަވެސް ޗެލްސީއަށް ކުޅުންތެރިންގެ ކޮންޓްރެކްޓްތައް އާ ނުކުރެވޭނެ ކަމަށް އިނގިރޭސި ސަރުކާރުގެ ނިންމުމުގައިވެއެވެ.
އެއްބަސްވުންތައް އާ ނުކުރެވުމުގެ އިތުރުން ޗެލްސީއަށް އާ ކުޅުންތެރިން ގެނައުންވެސް މަޑު ޖައްސާލަން ފިޔަވަޅުތަކުގައި ބުނެފައިވެއެވެ. އަދި އޭގެ އިތުރުން ކްލަބުގެ ޖާޒީތައް ވިއްކުން ރަސްމީ ފިހާރަތަކުން ހުއްޓާލަންވެސް ފިޔަވަޅުތަކުގައި އަންގާފައިވެއެވެ.
މީގެ 20 ވަރަކަށް އަހަރު ކުރިން 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަނެފައިވާ އިރު، އޭގެ ފަހުން އެ ކްލަބު ވެގެން ދިޔައީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބަށެވެ. އޭނާ ޗެލްސީ ގަތް ފަހުން ހޭދަވި 19 އަހަރުގެ ތެރޭގައި އެޓީމުން 21 ތަށި ހޯދާފައިވެއެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ އިތުރުން ދެ ޗެމްޕިއަންސް ލީގު ތައްޓާއި ކްލަބު ވޯލްޑް ކަޕެއްވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު