މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ)، ގދ. ހޯނޑެއްދޫ، އަލޯރާ، އަހްމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (25އ) އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން ވިދާޅުވީ އެ ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އެޅުމަށް ދަބަހާއި ފޮށިގަނޑުތައް ގަތުމަށް ސުނައިނާއި ޒުބައިރު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ލިބިފައިވާނެ ކަމަށާއި އަދި މަސްތުވާތަކެތި ފެނުނު ކާރަކުން ދައުވާ ލިބޭ މުޖާހިދުއާ ގުޅޭ ލިޔުންތަކެއް ފެނިފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. މީގެ އިތުރުން އެ ކާރުގައި މުޖާހިދު ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކައް ރިއާޔަތްކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަމުރުކުރެއްވީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ފޯނުގެ ލޮކް ކޯޑާއި ޕާސްޕޯޑުގެ ދިނުމަށް އެދި ފުލުހުން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެދޭން ކުރިމިނަލް ކޯޓުން ވަނީ ދެކޮޅު ހަދައިފައެވެ. އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައި ކޯޓުން އަމުރުކުރީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަަމަށެވެ. އަދި ފުލުހުން އެދުނު ގޮތަށް ފޯނު ހުޅުވުމުގެ އަމުރެއް ހައި ކޯޓުން ވަނީ ނެރެދީފައެވެ.

މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު (26އ) ވަނީ އެތަކެތި އަތުލައިގަތުމުގެ އެއްރޭ ކުރިން ރާއްޖެއިން ބޭރަށް ފުރައިފައެވެ. 119 ކިލޯގެ އެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ވަނީ މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލެއް ބަލައި ފާސްކޮށްފައެވެ. ނަމަވެސް ޑްރަގް ފެނުނީ މާލެއިން ހުއްޓުވި ޓެކްސީއެއްގެ ތެރެއިންނާއި ސައިކަލެއްގެ މަޑިދަށުންނާއި ހުޅުމާލެއިން ހުއްޓުވި ކާރެއްގެ ތެރެއިންނެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އަރުޝަދަކީ ޑްރަގް ނެޓްވޯކު ހިންގުމުގައި އިސްކޮށް ހުންނަ ފަރާތެވެ.