ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ތިން ދައުވާއެއް އުފުލި ނ. މަނަދޫ، ރެޑްސްޓާ، މުހައްމަދު ޝިފާއު، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އިހުމާލުން ސަލާމަތްވުމުން ސުޕްރީމް ކޯޓުން ހޫނު ރައްދުތަކެއް މިއަދު ދީފިއެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށާއި މީހަކު ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު 21ގައި މި މައްސަލަ ޕީޖީގެ ފަރާތުން ފުރަތަމަ ހުށަހެޅީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
ނަމަވެސް އެއީ ދައުވާ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ފަހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބަލައި އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމިއެވެ. އެއީ އެފަދަ މައްސަލަތަކަށް ދައުވާކުރަން އޮންނަ 45 ދުވަހުގެ މުއްދަތުގައި ހިމެނޭ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑީގެ ފަހުން ހުށަހެޅުމުންނެވެ.
އެ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލުކޮށް އެ މައްސަލައާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއި ކަންކަން ފުރިހަމަކުރުމާއެކު ޕީޖީ އޮފީހުން އެ މައްސަލަ އަލުން މަނަދޫ ކޯޓަށް ހުށަހަޅައިފިނަމަ، މައްސަލަ ބަލައިގަނެ ކުރިއަށްގެންދަން ޖެހޭނެ ކަމަށް 11 ފެބްރުއަރީ 2020ގައި ހައިކޯޓުން ހުކުމް ކުރިއެވެ.
އެހުކުމާ ގުޅިގެން ދެވަނަ ފަހަރަށް އެ މައްސަލަ ޕީޖީގެ ފަރާތުން މަނަދޫ ކޯޓަށް ހުށަހެޅީ 22 ޖުލައި 20202 ގައެވެ. އެ ފަހަރުވެސް އެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނުގައި ބުނާ 45 ދުވަހަށްވުރެ މާފަހުންނެވެ. އެހެންކަމުން ޝަރީއަތުގެ ކުރިން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި އެ މައްސަލަ ރައްދުވާ ޝިފާއުގެ ފަރާތުން އެކަން ފާހަގަކޮށް ކޯޓަށް ހުށަހެޅިއެވެ.
އެ ދައުވާ އުފުލުމުގައި އެކަށީގެންނުވާ ދިގު މުއްދަތެއް ފާއިތުވިފަހުން ދައުވާ އުފުލާފައިވާއިރު، ދައުވާ އުފުލުން ލަސްވި ސަބަބު ޕީޖީގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނުވާތީ އެ މައްސަލައިގައި މައުލޫއީ ގޮތުން ގޮތެއް ކަނޑައެޅެން ނެތް ކަމަށް އެކޯޓުން ނިންމިއެވެ.
މަނަދޫ ކޯޓުގެ އެ ނިންމުން ޕީޖީގެ ފަރާތުން އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ހައިކޯޓުގެ ނިންމުމާ އެއްގޮތަށް އެ މައްސަލަ މަނަދޫ ކޯޓަށް ހުށަހެޅުމަށް 162 ދުވަހުގެ ދިގު މުއްދަތެއް ހިނގާފައިވާއިރު، މިއީ މިފަދަ މައްސަލައެއް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ދަށު ކޯޓުން ބަލާފައިވާގޮތް ގާނޫނީގޮތުން ގޯސްކަމަށް ބަލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މިފަހަރު ހައިކޯޓުން ހުކުމްކުރީ މަނަދޫ ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.
ހައިކޯޓުން އެގޮތަށް ނިންމާފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށްބުނެ އެ މައްސަލަ ޕީޖީ ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލަ ބަލައި، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، މަނަދޫ ކޯޓުގެ ނިންމުމާއި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ގާނޫނީ ހުއްޖަތެއް ޕީޖީ އޮފީހުން ހުށަހަޅާފައިނުވާ ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުގައި ޕީޖީ އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުންވެސް ގިނަ ކަންތައްތަކެއް ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މި މައްސަލަ ފުރަތަމަ ކޯޓަށް ވައްދަން މަސައްކަތް ކޮށްފައިވަނީވެސް ގާނޫނުގައި ބުނާ މުއްދަތުގެ ރަސްމީ ގަޑީގެ ފަހުންކަމުގައިވާއިރު، އެކަންވެސް އެއް ފަރާތްކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ދައުލަތުން ހައިކޯޓުން ފުރުސަތު ދިނުމުން، ވެސް ޕީޖީން މައްސަލަ ހުށަހަޅާފައި ވަނީ އޭގެ ފަސް މަސް ދުވަސް ފަހުންކަން ވަނީ ފާހަގަ ކޮށްފައެވެ.
އެއީ ޔަގީނާ ގާތަށް، އެއްވެސް ކޯޓަކުން އެ މައްސަލަ ބަލައިނުގަންނާނެ މުއްދަތެއްގެ ފަހުން ހުށަހެޅި މައްސަލައެއް ކަމަށާއި ސަބަބުވެރި އިންސާނެއްގެ މިންގަނޑުން ދައުވާއެއް ފެއިލްކޮށްލަން ބޭނުންވާ ނަމަ އަމަލުކުރާނީ އެފަދަ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ބެއްލެވި ފަނީޑޔާރުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓިގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ "މިކަމެއް ހިނގާފައިވަނީ ޕީޖީގެ މުވައްޒަފެއްގެ އިހުމާލެއްގެ ސަބަބުން ކަމަށް ވިޔަސް، ނުބައި ނިޔަތެއް އޮވެގެން ކަމަށް ވިޔަސް، ނުވަތަ ބައެއްގެ ނުފޫޒުން ކަމުގައި ވިޔަސް، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދައުވާ ނުއުފުލައި އޮތް އޮތުމަކީ އެކަމެއް ފޫބެއްދުމަށްޓަކައި ކޯޓުތަކަށް އިތުރަށް ކޮށްދެވޭނެ ކަމެއް ނޫން،" ކަމަށެވެ.
ގާނޫނުގައިވާ ގޮތަށް އަދަބު ދެވި އިންސާފު ގާއިމުކޮށްދެވޭނީ ހަމައެކަނި ކޯޓުތަކަށް ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށާއި ކޯޓްތަކަކީ ވެސް ގާނޫނުތައް ނަގަހައްޓައި ކުށްކުރާ މީހުންނަށް އަދަބު ދީ، އިންސާފު ގާއިމުކުރުމުގައި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ އެއް އަމާޒެއްގައި މަސައްކަތްކުރާ ތަނެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކުށްކުރުން ހުއްޓުވައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން ގާނޫނުތައް އެއްފަރާތްކޮށް، އެއްވެސް ފަރުވާލެއް ނެތި އަމަލުކުރުމުން، ތާއަބަދު ކޯޓުތަކުން އެކަންތައްތައް ފޫބައްދައިދިނުމުގެ ނަތީޖާއަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކެނޑިގެންދިއުން ކަމަށްވެސް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު