ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީން އެއްކަހެރިކުރަން މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު އެހެން ވިދާޅުވީ، އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ތާވަލުކުރި ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ސަރުކާރު ހިންގުމަށް މަޖިލީހުގެ ބައެއް މެމްބަރުން ޖެއްސުން ކުރައްވާ ކަމަށް ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމުންނެވެ.
އެ ވާހަކައަށް ރައްދުދެއްވައި ހަސަން ލަތީފު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ރައްޔިތުންގެ މަޖިލީހު މެޖޯރިީ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވާ އިރު، މަދު ވަޒީރުންކޮޅެއް ނުކުމެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ވިދާޅުވާ ވާހަކަ އަމާޒުވަނީ ރައީސް ނަޝީދަށް ކަމަށެވެ. އަދި އެއީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުން އެބޭފުޅުން ކުރަން ބޭނުންވާ ކަންކަން ނުކުރެވޭތީ ދައްކާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ.
"ރަށް ރަށަށް ދިޔައިމާ އަޅުގަނޑުމެން ކައިރީގައި ހަސަން ލަތީފޭ އެމީހުން އެ އުޅެނީ ކީއްކުރަންހޭ؟ ރައީސް ނަޝީދު މި ޕާޓީން އެއްކައިރި ކުރަންހޭ؟ އާދެ! ވަރަށް ސާފުކޮށް މިއަދު އަޅުގަނޑަށް އެނގޭ ބޭނުންވެގެން މިއުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވާތީ ސަރުކާރުގެ ތެރޭގައި ނާޖާއިޒް ފައިދާ ނަގަން ތިބި މީހުން އެކުރާ ކަންކަން ހުއްޓުވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާތީ އެމްޑީޕީން އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަންކަން،" ހަސަން ލަތީފު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ހަސަން ލަތީފަކީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރެކެވެ. އެހެންކަމުން ޗެއާޕާސަންކަމުގެ އިންތިހާބުގައި އޭނާ ތާއީދުކުރައްވަނީވެސް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ.