ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކާއެކު ލިވަޕޫލާއި ބަޔާން މިއުނިކުން ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އިންޓަ މިލާން އަތުން 1-0އިން ބަލިވި ނަމަވެސް އެޓީމަށް ކުއާޓާ ޔަގީންވީ އެގްރިގޭޓް ނަތީޖާގައި 2-1އިން ކުރި ހޯދައިގެންނެވެ. ބަޔާނުން ރޭގެ ދެވަނަ ލެގަށް ނުކުތް އިރު، ރަށުން ބޭރުގައި ސާލްސްބާގާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު އޮތީ 1-1 އިން އެއްވަރުވެފައެވެ. ނަމަވެސް ރޭ އަމިއްލަ ދަނޑުގައި ބަޔާނުން ސާލްސްބާގު ބަލިކުރީ 1-7ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލާއި އިންޓަ މިލާން ރޭ ކުޅުނު މެޗުގައި ހަމަލާތައް ގިނަކޮށް ފެނުނީ ލިވަޕޫލްގެ ފަރާތުންނެވެ. މެޗުގެ ކުރީކޮޅުގައި އެލެކްސެންޑްރާ އާނޯލްޑްގެ ނުރައްކާތެރި ހުރަސްތައް ފާހަގަވެގެން ގޮސްފައިވާ އިރު، ޖޮއެލް މަޓިޕާއި ވާޖިލް ވެންޑައިކް ކުރިއަށް ޖެހި އުފައްދި ހަމަލާތައް ފާހަގަވިއެވެ. އާނޯލްޑްގެ ހުރަހަކުން މަޓިޕް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ނުރައްކާ ކުރީ ހަމަ ލިވަޕޫލުންނެވެ. މުހައްމަދު ސަލާހުގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، މާނޭއާއި ލުއިސް ޑިއާޒްއަށް ލިބުނު ފުރުސަތުތައްވެސް ލިވަޕޫލުން ނަގައިލިއެވެ.

އިންޓައިން މެޗުގައި ޖެހި ހަމައެކަނި ގޯލު 61 ވަނަ މިނެޓުގައި ފެނުނީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒްގެ ފަރާތުންނެވެ. އޭރިއާ ރޮނގުކައިރިން މާޓިނޭޒް ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތްމަތިން ވަނީ ގޯލުގެ މަތީ ކަނަށެވެ. އިންޓައިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އަނެއްކާވެސް އުންމީދު ގެއްލުނީ އެލެކްސިން ސަންޗޭޒްއަށް ރަތް ކާޑު ދެއްކުމުންނެވެ. ސަންޗޭޒްއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑަކާ އެކުގައެވެ.

ސާލްސްބާގުން ބަޔާން ކައިރީ ފުރަތަމަ ލެގުގައި އެއްވަރު ކުރި ނަމަވެސް ރޭގެ މެޗުގައި ބަޔާން ފެނުނީ މާބޮޑަށްވެސް ވަރުގަދަ ކޮށެވެ. ބަޔާން ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓާއި 23 ވަނަ މިނެޓާ ދެމެޗު ލެވަންޑޯސްކީ ހެޓްރިކް ފުރިހަމަކޮށްފައިވާ އިރު، އޭނާ ފުރަތަމަ ޖެހި ދެ ގޯލަކީ ދެ ޕެނަލްޓީއެވެ. ދެ ޕެނަލްޓީ އަކީވެސް ލެވަންޑޯސްކީއަށް ކުރި ފައުލުތަކަށް ދިން ޕެނަލްޓީތަކެކެވެ.

ލެވަންޑޯސްކީ ރޭގެ މެޗުގައި ހެދި ހެޓްރިކް ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް މެޗެއްގެ ފުރަތަމަ 23 މިނެޓް ތެރޭގައި ފުރިހަމަ ކުރި ފުރަތަމަ ހެޓްރިކަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 24 މިނެޓު ތެރޭ ހެޓްރިކް ހެދި މާކޯ ސިމޯނޭ އަތުގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާޖް ގްނަބްރީ ވަނީ ބަޔާންގެ ހަތަރު ވަަނަ ގޯލު ޖަހައިފައެވެ. ދެ ވަނަ ހާފުގައި ބަޔާންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ތޯމަސް މުލާއެވެ. އަނެއް ގޯލު ޖެހީ ލެރޯއި ސާނޭއެވެ. މެޗުގައި ސަލްޒްބާގުގެ ހަމައެކަނި ގޯލު ޖެހީ ބްރެންޑެން އާރޮންސަންއެވެ.