ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ މިންވަރުގެ ތަފާސްހިސާބުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަރުވަންޖެހޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި ވަނީ އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަށް ގާއިމުކުރާ ނިޒާމު މެދުވެރިކޮށް އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ މައުލޫމާތާބެހޭ ތަފާސްހިސާބު ހިމެނޭ ރިޕޯޓެއް ފުލުހުންގެ ފަރާތުން ކޮންމެ ތިން މަހަކުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާއަށާއި ހޯމް މިނިސްޓަރަށް ހުށަހަޅަން ވާނެ ކަމަށެވެ.
މީގެ ކުރިން ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު ވަނީ ރިޕޯޓު ހުށަހަޅަން ޖެހޭނީ ހަމައެކަނި ހޯމް މިނިސްޓަރަށް ކަމަށެވެ.
ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާ ނިޒާމުގައި ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނެއެވެ.
ރައީސްޖުމްހޫރިއްޔާއަށް އިންޓެލިޖެންސް ހިއްސާކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެގޮތަށް އިރުޝާދުދީފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު