އަންހެނުންގެ ދުވަހާ ގުޅުވައިގެން ފީފާއިން ފީޗާކުރި ހާއްސަ އާޓިކަލްއެއްގައި ދިވެހި އަންހެން ފުޓުބޯޅަ ޓީމަށް ވަނީ އަލިއަޅުވާލައިފައެވެ. އެ އާޓިކަލް ހާއްސަކޮށްފައިވަނީ ރާއްޖޭގައި ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކަކަށެވެ. އެ މެޗުތަކަކީ ރާއްޖެއާއި ސައުދީ އަރަބިއްޔާ އަދި ސީޝެލްސްގެ އަންހެން ޓީމުތަކުން ވާދަކުރި އެކުވެރިކަމުގެ ޓްރައި ނޭޝަންސް ޓޯނަމެންޓެކެވެ. އެއީ ތާރީހީ މެޗުތަކަކަށް ވެގެން ގޮސްފައިވާ އިރު، ފީފާގެ އާޓިކަލްގައި ރާއްޖޭގެ އަންހެން ޓީމުގެ ދަތުރަށް ކޮންމެވެސް ވަރަކަށް ވަނީ ނަޒަރު ހިންގާލައިފައެވެ.

ފީފާއިން ފީޗާކުރި އާޓިކަލްގައި ރާއްޖޭގެ ހިތްގައިމު ކަމުގެ ވާހަކަތަކާއެކު ދެން ގެނެސްފައިވަނީ ރާއްޖެއަށް އެކުވެރިކަމުގެ މެޗު ކުޅުމަށް އައި ސައުދީއާއި ސީޝެލްސްގެ ނަޒަރުގައި ރާއްޖޭގެ ހިތްގައިމު ކަމާއި، ފުޓުބޯޅައިގެ އެ ތަޖުރިބާއެވެ. އާޓިކަލްގެ ފެށުން ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ ދަތުރަށް ހާއްސަކޮށްފައިވާ އިރު، ފީފާއިން ވަނީ ރާއްޖޭގެ ކުރިއެރުމަށް ތައުރީފުކޮށްފައެވެ.

ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު 2003 ވަނަ އަހަރު ވުޖޫދުވެގެން އައިސް އެންމެ ފުރަތަމަ މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުން 17-0 އިން ބަލިވެފައި އޮތް ނަމަވެސް، އެ ތަޖުރިބާ ކަޑައްތުކޮށް، 2012 ވަނަ އަހަރު ހޯދި ފުރަތަމަ މޮޅަށް ފީފާއިން ތައުރީފު ކޮށްފައިވެސް ވެއެވެ. އަދި މިއަދު ރާއްޖެ އޮތީ ވޯލްޑް ރޭންކިންގައި ހިމެނިފައިވެސް މެއެވެ. ފީފާ ވުމަންސް ފުޓްބޯލް ވޯލްޑް ރޭންކިން 152 ވަނައިގައި ރާއްޖެ މިއަދު ހިމެނިފައިވާ އިރު، ސައުދީއާއި ސީޝެލްސްއިން ވެސް އެ ރޭންކިންއަށް ކުރަމުން އަންނަ ދަތުރަށް ފީފާއިން ބަލާލައިފައިވެއެވެ.

"ހޯދި ފުރަތަމަ މޮޅާއެކު އަހަރެމެންނާ ދޭތެރޭ މީހުން ދެކޭ ދެކުން ތަފާތު ވެއްޖެ. އޭރު، 2012 ވަނަ އަހަރު އޮތީ ވަރުގަދަ ޓީމެއްވެސް މެ. އޭރު ކުޅުނު މެޗުތަކުން އެއްވަރުވެ، ބަލިވެ ގޮސް ދެން މޮޅެއް ލިބުންވީ އެންމެ އުފާވެރި ތަޖުރިބާއަކަށް. 2004 ގައި 17-0 ބަލިވި ނަމަވެސް މިހާރު ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުރިއަރައިގެން ގޮސް، 100 ކުދިން އެބަތިބި އެފްއޭއެމްގެ އަންހެން ފުޓުބޯޅަ އެކަޑެމީގައިވެސް. އެއީ ކުރިއެރުމެއް. ދެން އޮތީ ލީގަކަށް ކުރެވޭ އުންމީދު. އެއީ މަދުވާ ތަޖުރިބާއެއް،" ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މަރިޔަމް މިރުފަތު ފީފާއަށް ބުނެފައިވެއެވެ.

މިހާރު ގައުމީ އަންހެން ޓީމުގައި މުހިއްމު ދައުރެއް އަދާކުރާ ޝަހުލާ ތައުފީގް ފީފާއަށް ބުނެފައި ވަނީ ދާއިމީކޮށް ތަމްރީނުކޮށް، ލީގު މެޗުތަކެއް ކުޅެ، ބައިނަލްއަގުވާމީ މެޗުތައްވެސް ގަވާއިދުން ކުޅުމަކީ ގައުމީ އަންހެން ޓީމަކަށް މުހިއްމު ކަންކަން ކަމަށެވެ. ހާއްސަކޮށް އެކުވެރިކަމުގެ މެޗުތަކަށް ފުރުސަތު ފަހިވާން ޖެހޭ ކަމަށް ޝަހުލާ ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މިދިޔަ މަސް ތެރޭގައި ކުޅެވުނު ޓްރައި ނޭޝަންސް އަންހެން ފުޓުބޯޅައިގެ އެކުވެރިކަމުގެ މެޗުތަކަކީ ހަމައެކަނި ރާއްޖެއަށް މުހިއްމުވި މެޗުތަކެއްވެސް ނޫނެވެ. ސީޝެލްސްއާއި ސައުދީއަށްވެސް އެއީ ތާރީހީ މެޗުތަކެކެވެ. ފީފާގެ އާޓިކަލްގައި އެގައުމުތަކަށް މެޗުތަކުން ކުރި ފައިދާތައް ފާހަގަކޮށްފައިވާ އިރު، އެންމެ ތާރީހީ ކަމަކީ ސީޝެލްސްއާ ދެކޮޅަށް ސައުދީ ކުޅުނު މެޗަކީ، އެގައުމުގެ އަންހެން ޓީމުން ކުޅުނު ފުރަތަމަ ރަސްމީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަށް ވުމެވެ.

އެ މެޗަށް ބްރެޒިލްގެ ޕެލޭ ފަދަ ލެޖެންޑުންގެ ސަމާލުކަންވެސް ލިބިފައިވާ އިރު، ޕެލޭ ބުނެފައި ވަނީ ސައުދީ އަންހެން ޓީމުގެ ފުރަތަމަ ފީފާ މެޗަށް މަރުހަބާ ކިޔާ ކަމަށާއި، އެ މެޗަކީ އެގައުމުގެ ފުޓުބޯޅައަށް ތާރީހީ މެޗެއް ކަމަށެވެ. ޕެލޭގެ އެ މެސެޖަށް ސައުދީ ފުޓުބޯޅަ އިދާރާގެ ރައީސް ޔާސިރު މިސެހަލް ވަނީ ޝުކުރު އަދާކޮށްފައެވެ. ޔާސިރު ވިދާޅުވީ ޕެލޭއަކީ ފުޓުބޯޅައިގެ އިތުރުން އިންސާނިއްޔަތުކަމުގެ ނަމޫނާ "އައިކަން" އެއް ކަމަށާއި، ސައުދީ ފުޓުބޯޅައަށް ހޯދޭ ކުރިއެރުންތަކަށް އެފަދަ މީހުންގެ ތައުރީފު ލިބުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ސައުދީން "އެއިޓް އެސައިޑް" އަންހެން ފުޓުބޯޅަ ލީގެއްވެސް ފަށާފައިވާ އިރު، ސީޝެލްސްގެ މިސްރާބު ހުރީވެސް އެ ވިސްނުމަށެވެ.

"މިދިޔަ އަހަރު ސީޝެލްސްގެ އަންހެން ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަކީ 16 އަހަރަށްފަހު އަހަރެމެން ކުޅުނު ފުރަތަމަ މެޗު. އަހަރެމެން ބޭނުން ވަނީ ފިރިހެން ގައުމީ ޓީމުގެ މެޗުތަކާ އެއްވަރަށް އަންހެން ޓީމު ލައްވައި ވެސް މެޗުތައް ކުޅުން. ސީޝެލްސްގައި އަންހެން ޓީމަށް އަދިވެސް ބޮޑެތި ޗެލެންޖުތަކެއް އެބަހުރި. އެހެން ނަމަވެސް އެ ޗެލެންޖުތަކުން އަރައިގަނެ، ފުޓުބޯޅައިގެ ގިނަ ކަންތައްތަކެއް ރާވަން އެބަޖެހޭ،" ސީޝެލްސްގެ އަންހެން ފުޓުބޯޅަ ހެޑް، އަދި ގައުމީ އަންހެން ޓީމުގެ ކޯޗު އެންޖެލީނާ ޗުއާ ފީފާއަށް ބުނެފައިވެއެވެ.

މިވަގުތު ސީޝެލްސްގައި އަންހެން ފުޓުބޯޅައިގެ ތިން ކްލަބެއް އެބައޮތެވެ. އެއީ ދުރު ރާސްތާ ޕްލޭނަކަށް އެގައުމުން ކުރަމުން އަންނަ މަސައްކަތުގެ ފެށުމެވެ. ރާއްޖޭގެ ގައުމީ އަންހެން ޓީމު ކައިރީ، ރާއްޖޭގައި ސީޝެލްސްއިން ހޯދި 4-0 ގެ މޮޅަކީ، އެގައުމުގެ އަންހެން ފުޓުބޯޅަ ތާރީހުގެ ފުރަތަމަ މޮޅެވެ. އެއީ ޓީމަށް ލިބުނު ބޮޑު ހިތްވަރެއްކަން ޗުއާ ވަނީ ފާހަގަކޮށްފައެވެ.

ޗުއާގެ ވިސްނުމުގައި އޮތީ ސައުދީ ފަދައިން އެގައުމުގައިވެސް އަންހެން ފުޓުބޯޅަ ލީގެއް ތައާރަފު ކުރުމެވެ.

ތިން ގައުމެއްގެ އަންހެން ފުޓުބޯޅަ ޓީމަކުން ކުރަމުން އަންނަ މަސައްކަތަށް ފީފާއިން ހާއްސަ ސަމާލުކަމެއް ދީ، އެ ވާހަކަތައް މިއަދު ގެނެސްދީފައިވުން އެއީ އެ ތިން ގައުމުގައިވެސް އަންހެން ފުޓުބޯޅައަށް ކުރެވެމުން އަންނަ މަސައްކަތުގެ ކުރިއެރުންތައް ދައްކުވައިދިން ކަމެކެވެ. ހާއްސަކޮށް ފީފާއިން ވަނީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.