ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު ލ. އަތޮޅާއި އދ. އަތޮޅު އަދި ބ. އަތޮޅުގެ މެޗުތައް ލ. ގަމާއި އިސްދޫގެ އިތުރުން ބ. ތުޅާދޫއާއި އދ. ދަނގެތިން ކާމިޔާބުކޮށްފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭވެސް ހަ މަ މެޗު ކުޅެފައިވާ އިރު، ފުރަތަމަ ގަޑީގައި ކުޅުނު ރ. އަތޮޅުގެ މެޗުން އެ އަތޮޅުގެ ޗެމްޕިއަން ވަނީ ޔަގީންވެފައެވެ. ރ. އަތޮޅުގައި ރޭ ކުޅުނު މެޗުގައި އިނގުރައިދޫ ބަލިކޮށް އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ދުވާފަރުންނެވެ.

އެގަޑީގައި ދެން ކުޅުނީ ބ. ތުޅާދުއާއި ހިތާދޫ ވާދަކުރި މެޗެވެ. އެ މެޗު 4-1 އިން ތުޅާދޫ ކާމިޔާބު ކުރި އިރު، އެ މެޗަކީ ލީގު ބުރުގައި ތުޅާދޫ ކުޅުނު ފަހު މެޗެވެ. ބ. އަތޮޅުން މުބާރާތުގައި ތިން ޓީމު ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ ޗެމްޕިއަން ކަމަށް އަދި ތިން ޓީމަށްވެސް ފުރުސަތު އެބަ އޮތެވެ. އަތޮޅު ބުރުގެ ފަހު މެޗުގައި އޭދަފުށިން ހިތާދޫއާ ދެކޮޅަށް ނުކުންނަ އިރު، ޗެމްޕިއަންކަމުގެ ފުރުސަތު އެންމެ ބޮޑުކޮށް އޮތީ އޭދަފުއްޓަށެވެ.

އޭދަފުއްޓާއި ތުޅާދޫއަށް ތިން ޕޮއިންޓް ލިބިފައި އޮތް އިރު، އޭދަފުށި އޮތީ ފައިދާ ހަތަރު ގޯލާވެސް އެކުގައެވެ. އެހެންކަމުން އަތޮޅު ޗެމްޕިއަންކަން ހޯދުމަށް ތުޅާދޫއާއި ހިތާދޫއަށް އޮތީ ހަނި ފުރުސަތެކެވެ.

ރޭ ތުޅާދޫގެ ގޯލުތައް ކްލަބު ގްރީން ސްޓްރީޓްސްގެ ފޯވަޑް އަންސަރު އިބްރާހީމް (އަންކޮ)އާއި މުހައްމަދު ތަސްނީމް (މޯޑު) އަދި އަހުމަދު ތަސްނީމް ޖަހައިދިން އިރު، އަންކޮ މެޗުގައި ދެ ގޯލު ޖެހިއެވެ. ހިތާދޫގެ ގޯލު ޖެހީ މުރުތަލާ އަދުނާނެވެ.

އދ. އަތޮޅުން ހަ ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، އެ އަތޮޅު މެޗުތައް ކުޅުނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ރޭ ކުޅެފައި ވަނީ އެ އަތޮޅުގެ ދެ ގުރޫޕުގެވެސް ފަހު މެޗުތަކެވެ. ގުރޫޕް އެކެއްގައި މާމިގިލުން ހަންޏާމީދުއާ ދެކޮޅަށް ކުޅުނު މެޗު 0-0އިން އެއްވަރު ވެގެން ނިމުނު އިރު، މާމިގިލިން ފައިނަލް ޔަގީން ކުރީ ފައިދާ ގޯލުގެ ފަރަގުންނެވެ. މާމިގިއްޔާއި ހަންޏާމީދޫއަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތް އިރު، މާމިގިއްޔަށް ވަނީ ފައިދާ ހަތަރު ގޯލު ލިބިފައެވެ. ހަންޏާމީދޫ އަތުގައި އޮތީ ފައިދާ އެންމެ ގޯލެކެވެ.

ރޭގެ މެޗަށް ދަނގެއްޗާއި ކުނބުރުދޫ ނުކުތްއިރުވެސް ގުރޫޕް ދެއަކުން އޮމަދޫ އޮތީ ފައިނަލް ޔަގީންކޮށްފައެވެ. ރޭ ދަނގެތިން ކުނބުރުދޫ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. އދ. އަތޮޅުގެ ފައިނަލުގައި މާމިގިއްޔާއި އޮމަދޫ ކުޅޭނީ މާދަމާއެވެ. އެ މެޗު އޮންނާނީ މާދަމާ ރޭ 8:15 ގައެވެ.

ލ. އަތޮޅުން މުބާރާތުގައި ހަތަރު ޓީމު ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ ޗެމްޕިއަންކަން ކަނޑައަޅާނީ ލީގު ބުރުންނެވެ. މިހާތަނަށް ކޮންމެ ޓީމަކުން ދެމެޗު ކުޅެފައިވާ އިރު، މިހާރު ޗެމްޕިއަން ކަމަށް ފުރުސަތު އޮތީ ދެ ޓީމަށެވެ. އެއީ ރޭ ކުޅުނު މެޗުގައި 1-0އިން މާމެންދޫ ބަލިކުރި އިސްދޫއަށާއި ރޭ ކުޅުނު މެޗުގައި 8-3 އިން ކަލައިދޫ ބަލިކުރި ގަމަށެވެ.

އެ އަތޮޅުގެ ޗެމްޕިއަންކަން ޔަގީންވާނީ އަތޮޅުގެ ފަހު މެޗުތަކުގެ ތެރެއިން ގަމާއި އިސްދޫ ވާދަކުރާ މެޗުންނެވެ. ފައިދާ ގޯލުގެ ބޮޑު ތަފާތެއް ގަން އަތުގައި އޮތުމުން ޗެމްޕިއަންކަމާ އެންމެ ގާތުގައި އޮތީ ގަމެވެ.

ރޭ އިސްދޫ މާމެންދޫ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަލީ މީސާގެވެ. ގަމުން ކަލައިދޫ ބަލިކުރި މެޗުގައި ގަމުން ޖެހި ގޯލުތައް، އަލީ ސާމިސް (ތޮއްޕެ)، އަހުމަދު ހަލީމް (އަންމަޑޭ)، ރަޒާން އަބްދުލް ސަމަދު، ހަސަން ފަވާޒް އަދި މޫސާ މުނާޒް އަލީ ޖަހައިދިން އިރު، ތޮއްޕެ ވަނީ ދެ ގޯލު ޖަހައިފައެވެ.

ކަލައިދޫގެ ގޯލުތައް ޖެހީ މުހައްމަދު ފަރީސްއާއި އަހުމަދު ފަރީސް އަދި އިބްރާހީމް ނާއިލްއެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ކ. އަތޮޅު ފައިނަލް މެޗާއި ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.

  • ކ. އަތޮޅު ފައިނަލް

20:15 ކާށިދޫ - ގާފަރު

  • ދ. އަތޮޅު

20:15 ކުޑަހުވަދޫ - ބަނޑިދޫ

  • ގއ. އަތޮޅު

21:15 މާމެންދޫ - ދާންދޫ (ގްރޫޕް 2)

21: ކޮލަމާފުށި - ދެއްވަދޫ (ގްރޫޕް 2)

22:15 ނިލަންދޫ - ގެމަނަފުށި (ގްރޫޕް 1)

22:15 ކޮނޑޭ - ކަނޑުހުޅުދޫ (ގްރޫޕް 1)