އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީ، މެންޗެސްޓާ ސިޓީން 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކައިރީ ހޯދި މޮޅާއެކު ސިޓީން ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. މިހާތަނަށް ކުޅުނު 28 މެޗުން ސިޓީއަށް 69 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 27 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ.

މިރޭ ލީގުގައި އާސެނަލްއިން ކުޅުނު މެޗުގައި 3-2 އިން ވޮޓްފޯޑު ބަލިކޮށްފައިވާ އިރު، އެޓީމު ވަނީ ގަދަ ހަތަރަކަށް އަރައިފައެވެ. އާސެނަލްއަށް 25 މެޗުން 48 ޕޮއިންޓް ލިބިފައި އޮތް އިރު، މިހާރު ފަސްވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައި ވަނީ 28 މެޗުން 47 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 26 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތީ އެޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިފެންޑަރު ރަފޭލް ވަރާންވެސް ނުލައެވެ. ރޮނާލްޑޯ އާއި ވަރާންވެސް މެޗަށް ނުނުކުތީ އަނިޔާގެ ސަބަބުންނެވެ. ރޮނާލްޑޯއަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެފައި ވަނީ މެޗުގެ ގަޑިއިރެއްހާ އިރު ކުރިންނެވެ. ބެލެވޭ ގޮތުގައި ރޮނާލްޑޯއަށް އަނިޔާވީ ހަފުތާ ތެރޭގައި ކުރި ތަމްރީނު ތަކުގައެވެ.

ސިޓީ އާއި ޔުނައިޓެޑުން ކުޅުނު ފޯރިގަދަ ޑާބީގެ ތަރިންނަކީ ކެވިން ޑިބްރޭނާ އާއި ރިޔާދު މަހަރޭޒްއެވެ. އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ހައި ޓެމްޕޯއެއްގައި ފެށި މެޗުގެ ފަސްވަނަ މިނެޓުގައި ޑިބްރޭނާ ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އަރިމަތިން ބެނާޑޯ ސިލްވާ ވަދެ ނެގި ހުރަސް ޑިބްރޭނާ ގޯލަށް ވައްދާލީ ތިރި ތިރީންނެވެ.

މެޗުގައި ޔުނައިޓެޑުން ވަރަށް ބޮޑަށް ޑިފެންސިވްކޮށް ކުޅެން ގަސްކުރިތަން ފެނިފައިވާ އިރު، ކައުންޓާ އެޓޭކުގައި ނުރައްކާ ކުރަންވެސް ވިސްނިއެވެ. ނަތީޖާއެއްގެ ގޮތުގައި ކައުންޓާ އެޓޭކްގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ކުރިއަށް ދިޔަ ބޯޅައަކަށް ބާރު ދުވެލީގައި މަސައްކަތްކޮށް، ސިޓީގެ ދެ ޑިފެންޑަރުން ނައްޓާލައި ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހީ ޖޭޑަން ސަންޗޯއެވެ.

އެ ގޯލަށްފަހުވެސް މާ ގިނައިރަކު ޔުނައިޓެޑަށް ސިޓީއެއް ނުހިފެހެއްޓުނެވެ. ޑިބްރޭނާގެ ދެވަނަ ގޯލާއެކު ސިޓީން ލީޑު ފުޅާކޮށް މެޗުގެ ކޮންޓްރޯލް ނެގިއެވެ.

ދެވަނަ ހާފަށް ނުކެވެސް ފުލުފުލުގައި އެޓޭކް ކުރި ސިޓީން 68 ވަނަ މިނެޓުގައި ތިންވަނަ ގޯލެއް ޖެހިއެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އޭރިއާ ބޭރުން ގޯލުގެ ކަނަށް ވައްދާލައި، މަހަރޭޒް ޖެހީ ހިތްގައިމު ގޯލެކެވެ. މަހަރޭޒްގެ ދެވަނަ ގޯލާއެކު 4-1 އަކަށް ނަތީޖާ ބަދަލުކޮށްލީ މެޗު ނިމިނިމި އޮއްވައެވެ.

މިރޭ އާސެނަލްއިން ލީގުގައި ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މާޓިން އޮޑެގާޑާއި ބުކަޔޯ ސަކާގެ އިތުރުން ގެބްރިއަލް މާޓިނެލީއެވެ. ވޮޓްފޯޑުގެ ދެ ގޯލު ޖަހައިދިނީ ޖުއާން ހެނާންޑޭޒް އާއި މޫސާ ސިސޯކޯއެވެ.