ޚަބަރު

މަހުލޫފުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ކުރިމިނަލް ކޯޓުގެ ނިންމުމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ގައި ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓުގައި މި މައްސަަލަ ބެއްލެވި އެ ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ 33،000 ޑޮލަރު މަހުލޫފަށް ލިބުނުކަން ސާބިތު ކުރެވެން އޮތް ނަމަވެސް އެއީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެ ދައުވާ ކުރިއަށް ނުގެންދަން ނިންމުމަށްފަހު ދައުވާ ބާތިލުކުރެއްވީ ކަމަށްވެސް ވިދާޅުވިއެވެ.

ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ މަހުލޫފަށް ރިޝްވަތު ދިންކަމަށް އަދީބުގެ ބަޔާނުން އެނގެން އޮތް ނަމަވެސް މަހުލޫފަށް އެ ފައިސާ ދިނީ އެސްއޯއެފްގެ ވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) މެދުވެރިކޮށް ކަމަށްވެފައި، އެއީ ރިޝްވަތުގެ ފައިސާ ކަމަށް މޮހޯ އިންކާރު ކުރާ ކަމަށެވެ. އަދި މޮހޯގެ ބަޔާނުގައި އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދީބުގެ ބަޔާނަކީ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދިން ބަޔާނަކަށް ވާތީ އެއީ އެއްވެސް ބިރެއް ނެތި އަދި ފައިދާއެއް ހޯދުމުގެ އުއްމީދެއް ނެތި ދިން ބަޔާނެއްކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު އެ ބަޔާނަށް ބާރު ދޭ އިތުރު ހެއްކެއް ނެތް އިރު، އެ ފައިސާ ދިން ގޮތާއި ފައިސާތައް ދައުރުކުރި ގޮތާ ބެހޭ ތަފުސީލު އަދީބުގެ ބަޔާނުގައި ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ހެއްކެއްގެ ގޮތުގައި އަދީބާއި މަހުލޫފާ ދެމެދު ބަދަލުކުރި މެސެޖުތަކެއް ދައުލަތުން ހުށަހަޅާފައިވާތީ ގާޒީ ވިދާޅުވީ އެ މެސެޖުތަކުގައި ފައިސާއެއް ނުވަތަ ޗެކެއް ނުވަތަ ވޯޓެއް ދިނުމުގެ ވާހަކައެއްވެސް ނެތް ކަމަށެވެ. އެއީ އެސްއީޒެޑް ބިލުގެ ވޯޓު ނިމުނު ފަހުން ހިނގާފައިވާ މުއާމަލާތެއް ކަމަށާއި މެސެޖުތަކުގައި ހިމެނޭ ވާހަކަތަކުން ޝައްކެއް އުފެދުނަސް، އެއަށް ބާރުދޭ އިތުރު ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދައުލަތުން ހުށަހެޅި މަހްލޫފާއި އަދީބާ ދެމެދު ކޮށްފައިވާ ޓުވީޓުތަކާބެހޭ އެނަލިސިސް ރިޕޯޓާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ ޓުވީޓުތަކުގައި އޮތީ މަހްލޫފުގެ ގެއަށް އަދީބު ގޭންގެއް ފޮނުވި ކަމަށް ދައްކާފައިވާ ވާހަކަ އާއި މަހްލޫފް ޕީޕީއެމްގައި ބެހެއްޓުމާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކުގައި ފައިސާގެ ވާހަކަ އެއްވެސް ވަރަކަށް ދައްކާފައި ނެތް ކަމަށާއި އެހެންކަމުން އެ ދައުވާ އާއި ޓުވީޓުތަކާ ނުގުޅުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަހުގީގާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ މުޅި ތަހުގީގު ބިނާވެފައި އޮތީ މަހްލޫފު ހުށަހެޅި ދިފާއީ ހެކިތައް ނަފީ ކުރުމަށް ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގެއްގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތުހުމަތު ކުރެވޭ ކުށުގެ ހެކި ހޯދުމަށް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅުމާއި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް، ހަމަ އެދުވަހު ޕީޖީ އޮފީހުން ބުންޏެވެ.