އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީވެސް މޮޅުވެއްޖެއެވެ.

ޗެލްސީން ރަށުން ބޭރުގައި ބާންލީ ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހަމް ބަލިކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާތަކާއެކު ލިވަޕޫލް ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. ސިޓީން 27 މެޗުން 66 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް އިރު، ލިވަޕޫލުން ވަނީ 27 މެޗުން 63 ޕޮއިންޓް ހަމަކޮށްފައެވެ.

ޗެލްސީން ރޭ ހޯދި ތިން ޕޮއިންޓާ އެކު އެޓީމަށް 26 މެޗުން 53 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން މިރޭ ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ.

ރޭގެ މެޗަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ކްލަބު ވިއްކާލަން އިއުލާން ކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އަބްރަމޮވިޗް ކްލަބު ވިއްކާލަން އިއުލާން ކުރީ އިނގިރޭސި ވިލާތުން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާ ހެދި ޕްރެޝަރު ބޮޑު ވެގެންނެވެ. އަބްރަމޮވިޗް ޗެލްސީ ވިއްކާލަން އިއުލާން ކުރި ކުރުން ކްލަބުގެ ސަޕޯޓަރުންނަށް މާޔޫސީ ހަބަރަކަށް ވެފައިވާ އިރު، ރޭގެ މެޗުގެ ކުރިން ޔޫކްރެއިނަށް ހާއްސަކޮށް ގެނައި ހަމަހިމޭން ކަމުގެ ވަގުތު ކޮޅުގައި ޗެލްސީ ސަޕޯޓަރުން ވަނީ އިބްރަމޮވިޗްގެ ނަމުން ސްޓޭޑިއަމްގައި އަޑު ހިއްޕާލައިފައެވެ.

މެޗުގައި ޗެލްސީގެ ހަތަރު ގޯލުވެސް ފެނުނީ ފަހު ހާފުގައެވެ. ޑޮމިނޭޓް ކޮށްގެން މެޗު ކުޅެމުންދިޔަ ޗެލްސީގެ ފުރަތަމަ ގޯލު ރީސް ޖޭމްސް ޖަހައިދިން އިރު، ދެން ފެނުނީ ދެ މިނެޓު ތެރޭގައި ކައި ހަވާޓްސް ޖެހި ދެ ގޯލެވެ. ޗެލްސީން ހަތަރު ވަނަ ގޯލު ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗެވެ.

ލިވަޕޫލުން ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ވެސްޓްހަމްގެ ޕަބްލޯ ފޯނާލްސްއާއި މެނުއަލް ލަންޒިނީގެ ހަމަލާތަކުން ވެސްޓް ހަމް ނުރައްކާ ކުރި ނަމަވެސް އޭގެ ފަހުން ލިވަޕޫލް ކޮންޓްރޯލް ނަގައި އެޓީމުގެ އެޓޭކިން ފުޓުބޯޅައެއް ކުޅުނެވެ. ލިވަޕޫލަށް ޖެނުއަރީގައި ގެންދިޔަ ލުއިސް ޑިއާޒް ރޭގެ މެޗުގައިވެސް މޮޅަށް ކުޅުނު އިރު، އެލެކްސެންޑްރާ އާނޯލްޑްގެ ބޯޅައަކުން ގޯލު ޖެހީ ސަޑިއޯ މާނޭއެވެ. މާނޭގެ ގޯލު ފެނުނީ 27 ވަނަ މިނެޓުގައެވެ.