ކުޅިވަރު

ޔޫކްރެއިނަށް ހިތްވަރުގެ މެސެޖުތައް ދޭތީ ޗައިނާގައި ޕްރިމިއާ ލީގު ދެއްކުން ހުއްޓާލަނީ

ޕްރިމިއާ ލީގުގެ މެޗުތަކުގައި ޔޫކްރެއިނަށް ސަޕޯޓްކޮށް މެސެޖުތައް ދޭތީ ޗައިނާގައި އެ މުބާރާތުގެ މެޗުތައް ނުދައްކާނެ ކަމަށް އަންގައިފިއެވެ.

ޗައިނާގައި މެޗުތައް ދެއްކުން ހުއްޓާލާނެކަން ޕްރިމިއާ ލީގުގެ މެޗުތައް ދެއްކުމަށް ރައިޓްސް ނަގާފައިވާ ކުންފުނިން ޕްރިމިއާ ލީގަށް އަންގާފައިވާ ކަން ބީބީސީން ވަނީ ޔަގީން ކޮށްދީފައެވެ. ޗައިނާގައި ޕްރިމިއާ ލީގު ދެއްކުމަށް ރައިޓްސް ގަނެފައިވާ ކުންފުންޏަކީ އައިކިއުއައިވައިއައިއެވެ. އެ ކުންފުނިން ޗައިނާގައި ލީގު ނުދައްކަން ނިންމާފައި ވަނީ ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.

ރަޝިއާގެ ގާތް ގައުމެއްގެ ގޮތުގައި ޗައިނާ ފާހަގަވެގެން ގޮސްފައިވާ އިރު، ރަޝިއާއިން ދެމުންދާ ހަމަލާތައް ކުށްވެރި ނުކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ނޭޓޯއާއި ޔޫރަޕުގެ އިތުރު ގައުމުތައް އަދި އެމެރިކާއިންވެސް ރަޝިއާގެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް، ރަޝިއާގެ ނަން ހަޑިކޮށްލުމަށް ބޮޑެތި ކެމްޕޭނުތައް ހިންގަމުންދާ އިރު، ފުޓުބޯޅައިގެ ތެރެއިން ވަރަށް ބޮޑަށް ރަޝިއާއަށް ފިއްތާލައިފައިވެއެވެ.

ޕްރިމިއާ ލީގުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިއާގެ އަމަލުތައް ލީގުން ކުށްވެރިކުރާ ކަމަށާއި ޔޫކްރެއިނަށް ހިތްވަރު ދިނުމުގެ ގޮތުން މެސެޖުތައް ދިނުން ބަލައިގަންނާނެ ކަމަށެވެ. އެ ބަޔާނާއެކު ކުލަބުތަކުން ވަނީ ޔޫކްރެއިނަށް ސަޕޯޓް ދިނުމުގެ ގޮތުން ހާއްސަ ކަންތައްތަކެއް ފަށައިފައެވެ. އެގޮތުން ކެޕްޓަން ބޭންޑް ޔޫކްރެއިންގެ ދިދައިގެ ކުލަތަކަށް ބަދަލުކުރުމުގެ އިތުރުން ސްޓޭޑިއަމްތަކުގެ ބޮޑެތި ސްކްރީންތަކުގައި ހާއްސަ މެސެޖުތައް ދައްކަން ވަނީ ފަށައިފައެވެ.

ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕުގެ އެހެން ލީގުތަކުގައިވެސް ޔޫކްރެއިނަށް ސަޕޯޓްކޮށް ހާއްސަ މެސެޖުތައް ދެމުން ގެންދާ އިރު، ކުޅިވަރު ސިޔާސީ ކުރަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.