ހަތަރު ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ނެދަލޭންޑްސްގެ ލެޖެންޑަރީ މިޑްފީލްޑަރު ކްލަރެންސް ސީޑޯފް އިސްލާމް ދީން ގަބޫލުކުރިކަން އިއުލާން ކޮށްފިއެވެ.

ކުރިން އޭސީ މިލާން، ރެއާލް މެޑްރިޑްގެ އިތުރުން އަޔެކްސްއަށްވެސް ކުޅުނު ސީޑޯފް އިސްލާމް ދީން ގަބޫލުކުރިކަން އިއުލާން ކުރީ އޭނާގެ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ސީޑޯފް ބުނެފައި ވަނީ މުސްލިމް އާއިލާއާ ގުޅުމުން ލިބެމުން އަންނަ އުފާވެރިކަމުގެ މެސެޖުތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން މުސްލިމުންގެ އާއިލާއާ ގުޅެވުނީތީ. އަހަންނަށް އިސްލާމް ދީނުގެ ރިވެތި އަސާސްތައް އުނގަންނައިދީ ދީނުގެ ކަންކަމަށް އެންމެ ބޮޑަށް އަހުލުވެރި ކޮށްދިނީ އަހަރެންގެ އަންހެނުން ސޯފިއާ. އަހަރެން މުސްލިމް ވި ނަމަވެސް މިހާރު ކިޔަމުން އަންނަ ނަން ބަދަލު ނުކުރަން ނިންމާފައިވާކަން އަންގަން. އެއީ އަހަރެންގެ މަންމައާއި ބައްޕަ ދިން ނަމަށް ވާތީ،" ސީޑޯފްގެ މެސެޖުގައިވެއެވެ.

ސީޑޯފްއަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ފެނުނު އެންމެ ކާމިޔާބު އެއް މިޑްފީލްޑަރެވެ. ހާއްސަކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސީޑޯފްގެ ނަމަކީ ރަން އަކުރުން ފަވާލެވިފައިވާ ނަމެކެވެ. އަޔެކްސްގެ އިތުރުން ރެއާލްއާއި އޭސީ މިލާނާއެކު ސީޑޯފް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިލާނާއެކު ސީޑޯފް ވަނީ ދެފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

ނެދަލޭންޑްސް ގައުމީ ޓީމަށް 87 މެޗު ކުޅުނު ސީޑޯފް ވަނީ ގައުމީ ޓީމާއެކު ތިން ޔޫރޯއެއްގައި ކުޅުމުގެ އިތުރުން ފްރާންސާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީވެސް ކުޅެފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި 700 އަށްވުރެ ގިނަ މެޗު ކެރިއަރުގައި ކުޅުމަށްފަހު ސީޑޯފް ވަނީ ކޯޗިންގައިވެސް ފެނިފައެވެ. އޭނާ ވަނީ އޭސީ މިލާންގެ އިތުރުން ކެމަރޫން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ސީޑޯފް ފާހަގަވެފައި ވަނީ މުސްލިމް އެތުލީޓެއް ކަމަށްވާ ޔޫއެފްސީ ޗެމްޕިއަން ތެރެއިން ހަބީބް ނުރްމަގޮމެޑޯވްއާ ގާތް އެތުލީޓެއްގެ ގޮތުގައެވެ. ސީޑޯފް ވަނީ ހަބީބާއެކު ހާއްސަ ތަމްރީނު ސެންޓަރެއްވެސް ހުޅުވާފައެވެ. ހާއްސަ ޓެކްނީކްތަކެއްގެ ތެރެއިން މާޝަލް އާޓްސްއާއި ފުޓުބޯޅައަށް އެލީޓް ފިޒިކަލް އެތުލީޓުން ތަމްރީނު ކުރުމަށް އުފެއްދި އެ އެކަޑެމީގެ ނަމަކީ "ސީޑޯފް ހަބީބް ޕާފޯމަންސް ކްލަބް"އެވެ.