އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީކް ކެމްޕޭނަށް އައްޑޫ ސިޓީގެ ހުޅުމީދޫއަށް ވަޑައިގަތުމުން ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ކެމްޕޭނަށް ފައްޔާޒު އައްޑޫއަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. ފައްޔާޒުއާއެކު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަޑައިގެންނެވިއެވެ.
ފައްޔާޒު މިއަދު ވަނީ މީދޫ އަދި ހުޅުމީދޫ ގެތަކަށް ވަޑައިގެން ޑޯޓުޑޯ ޖައްސަވައިފައެވެ. ޑޯޓުޑޯގައި ފައްޔާޒު ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ސަބަބާއި ޕާޓީއަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް މެމްބަރުންނާ ހިއްސާ ކުރުއްވައިފައެވެ.
ޑޯޓުޑޯ ހަރަކާތުގައި ފައްޔާޒާއެކު އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރޮޒެއިނާވެސް ވަނީ އޭނާގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ.
މީގެ އިތުރުން ރޮޒެއިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ވަނީ ޑޯޓުޑޯގައި ފައްޔާޒާއެކު ބައިވެރިވެވަޑައިގެންފައެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް އަންނަނީ އައްޑޫގައި ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. އިންތި އާއި އޭނާގެ ކެމްޕޭނު ޓީމު އައްޑޫއަށް ވަޑައިގެންނެވީ އިއްޔެއެވެ. އިންތި ވެސް ވަނީ މިއަދު އޭނާގެ ކެމްޕޭން ޓީމާއެކު އައްޑޫގެ ފޭދޫއަށް ވަޑައިގެން ޑޯޓުޑޯ ކުރިއަށް ގެންދަވައިފައެވެ. އަދި ޕޯސްޓަރު ހިއްޕުމުގެ ހަރަކާތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން އިންތި ވަނީ ފޭދޫގައި އެމްޑީޕީގެ އެންމެ އިސް ފަރާތްތަކާވެސް ބައްދަލު ކުރައްވައިފައެވެ. އިންތިއާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އެޕްރީލް މަހުގެ 16 ގައި ބާއްވާއިރު، އެ އިންތިހާބުގެ ވާދެވެރިކަން ވަނީ ތަޅުމުގެ ތެރެއަށް ވެސް ވަދެފައެވެ. އިމްތިޔާޒުގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ފައްޔާޒުގެ ޓީމުން ދަނީ ސަރުކާރު ކުންފުނިތަކުގެ ބިރު ދައްކައި އިމްތިޔާޒަށް ވޯޓު ނުލުމަށް އަންގަމުންނެވެ. އަދި އިމްތިޔާޒަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ. ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.
ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
އިންތިހާބުގެ ފޯރި ގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންގެންދާ އިރު، އޭގެ އެންމެ ކުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ގެންދަވަނީ ތުހުމަތުތަކަކާއެކު ނުސީދާކޮށް ރައީސް ސޯލިހަށްވެސް ބައެއް ބަސްތައް އަމާޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު އެއްވެސް ރައްދެއް ދެއްވައިފައެއް ނުވެއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުގެ ތެރެއިން، ފާޅުގައި މިހާތަނަށް ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި މެންބަރުންގެ ތެރޭގައި އަސްލަމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދާއި، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިން އާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ގަމު ދާއިރާ މެންބަރު މުހައްމަދު ވިސާމު ހިމެނިވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު