ކުޅިވަރު

ޔޫއެފާ އާއި ފީފާ ގޮވައިގެން ރަޝިއާ ކޯޓަށް

ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އާއި ޔޫއެފާ ގޮވައިގެން ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ދާން ރަޝިއާގެ ފުޓުބޯޅަ އިދާރާއިން ނިންމައިފިއެވެ.

ޔޫއެފާ އާއި ފީފާ ގޮވައިގެން ކޯޓަށް ދާން ރަޝިއާގެ ފުޓުބޯޅަ އިދާރާއިން ނިންމާފައި ވަނީ އެގައުމުގެ ކްލަބުތަކާއި ގައުމީ ޓީމު ފުޓުބޯޅައިން ސަސްޕެންޑް ކުރި މައްސަލައިގައެވެ. ޔޫއެފާ އާއި ފީފާއިން ރަޝިއާގެ ފުޓުބޯޅައަށް ފިޔަވަޅު އަޅާފައި ވަނީ އެގައުމުން ޔޫކްރެއިން އަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުންނެވެ.

ރަޝިއާގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ފީފާ އާއި ޔޫއެފާއާ ދެކޮޅަށް ގާނޫނީ މައްސަލައެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި މައްސަލަ ހުށަހަޅާފައި ވަނީ ރަޝިއާގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކަށް މެޗުތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. ވަކިން ހާއްސަކޮށް ރަޝިއާއިން ބޭނުން ވަނީ އަންނަ މަހުގައި އޮންނަ ވޯލްޑް ކަޕް ޕްލޭ އޮފް މެޗުގައި ރަޝިއާގެ ފިރިހެން ޓީމަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް އެންމެ ފަހު ބުރުގައި ރަޝިއާ ހިމެނިފައިވަނީ ސްވިޑެން އާއި ޕޮލެންޑުގެ އިތުރުން ޗެކު ރިޕަބްލިކް ހިމެނޭ ބްރެކެޓް ގައެވެ. ރަޝިއާއިން އަންނަ މަހު ކުޅެން އޮތީ ޕޮލެންޑާ ދެކޮޅަށެވެ. ޔޫކްރެއިންއަށް ރަޝިއާއިން ދޭ ހަމަލާތަކާ މެދު ނުރުހުން ފާޅުކޮށް ޕޮލެންޑުން ވަނީ ރަޝިއާއާ ދެކޮޅަށް މެޗު ކުޅެން ބޭނުން ނުވާކަންވެސް ހާމަކޮށްފައެވެ. ރަޝިއާގެ އެ ބޮއިކޮޓްގައި އެ ބްރެކެޓްގައި ހިމެނޭ އަނެއް ދެޓީމުންވެސް ވަނީ ބައިވެރިވެފައެވެ.

ރަޝިއާގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ޔޫއެފާ އާއި ފީފާއިން ރަޝިއާއަށް ފިޔަވަޅުތައް އެޅީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށާއި ރަޝީއާ ޓީމުތައް ފުޓުބޯޅައިން ބޭރުކުރީ ދިފާއުގައި ބަހެއް ބުނުމަށްވެސް ފުރުސަތު ނުދީ ކަމަށެވެ. އޭގެ އިތުރުން ފީފާ އާއި ޔޫއެފާއިން ރަޝިއާގެ ފުޓުބޯޅަ ސަސްޕެންޑް ކުރުމުގެ ކުރިން އިތުރު "އޮޕްޝަނަކަށް" ނުބަލާ ކަމަށްވެސް ރަޝިއާއިން ފާހަގަކޮށްފައިވެއެވެ.