ރާއްޖޭގައި ތިބޭ ވަކިގައުމެއްގެ ސިފައިން ބޭރުކުރަން ގޮވާކަށް ނުޖެހޭ ކަމަށާއި، ރާއްޖެ އަމާންކަމާއެކު ކުރިއަށްދާން ބޭނުންވަނީ ވަކި ފަރާތަކަށް ނުޖެހޭ ފޮރިން ޕޮލިސީއެއް ކަމަށް މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީއޭއިން އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން، އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސިޔާމް ވިދާޅުވީ، ދުނިޔޭގެ އެހެންގައުމުތަކުގެ ސިފައިން އެގައުމެއްގައި ނެތް ގައުމެއް ނޯންނާނެ ކަމަށެވެ.
"ޖަރުމަނުވިލާތަކީ މުޅި ޔޫރަޕްގައި އޮތް އެންމެ ބޮޑު ގައުމު އެކަމަކު އެގައުމުގައިވެސް އެމެރިކާ ސިފައިން އެބަތިބި، ފްރާންސްގައިވެސް އެމެރިކާސިފައިން އެބަތިބި، މިއަދުގެ ދުނިޔެއަކީ ހުޅުވާލާފައޮތް ދުނިޔެއެއް، އެހެންވީމާ މި ދުނިޔޭގަ އެކަކު އަނެކަކަށް ވާގިވެރިވާން ޖެހޭނެ އެކަކު އަނެކަކަށް އެގްރީމެންޓްތައް ހުންނާނެ،"
ސިޔާމް ވިދާޅުވީ، ގޯސްކުރަންވީ، ރާއްޖޭގައި ވަކި ގައުމެއްގެ ސިފައިން ތިބުން ނޫން ކަމަށާއި، ބަލަން ޖެހެނީ އިންޑިއާ ސިފައިން އައިސް ތިބި އެގްރީމެންޓް ތަކަކީ ނުރައްކާތެރި އެގްރީމެންޓްތަކެއްތޯ، އާއި އޭގެން ލިބޭނެ ފައިދާ އާއި ގެއްލުން ކަމަށެވެ. ވަކި ގައުމެއް، ނުވަތަ ވަކި ގައުމެއްގެ ސިފައިން ފައިބާން ގޮވުމަކީ ސިޔާސީ ކަންތައްތައް ކުރިއަށްގެންދާ ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އިނޑިއާއެއް ނޫން އެމެރިކާ ސިފައިންވެސް މިތާ ތިބޭ، މިތާ ވަޒަންވެރިވެ ނޫޅުނެއްކަމަކު އެތައް އަހަރުތަކެއްވަންދެން ބަޑި ހިފައިގެން ބޮންވެސް ހިފައިގެންއުޅެނީ، އެހެންވީމަ ކީއްވެތޯ އެ ވާހަކަ ނުދައްކަނީ، އަޅުގަނޑުމެން ބަލަން ޖެހެނީ އިންޑިއާ ސިފައިން އައިސްތިބި އެގްރީމެންޓް ތަކަކީ އަހަރެމެންނަށް ނުރައްކާ އެގްރީމެންޓްތަކެއްތޯ، އަޅުގަނޑުމެނަށް އޭގެން ލިބެނީ ފައިދާތޯ ގެއްލުންތޯ، ނަމަވެސް ބައްލަވާ! ޕާލަމެންޓްގައި އިންނަ ރައީސަކު ހަމަ ޗައިނާއަށް އެބަ އެއްޗެހި ގޮވާ، ޗައިނާއަކީ މުޅި ދުނިޔޭގެ އެންމެބޮޑު އިގްތިސާދު، ޗައިނާއަށް ކިހިނެއްތޯ އަޅުގަނޑުމެން އެއްޗެހި ކިޔާނީ، އެއްބަޔަކު ޗައިނާ ބޭރު ކުރަންވީ، އަނެއްބަޔަކު އަނެއް ގައުމެއް ބޭރުކުރަންވީ، މީކީ އުސޫލެއްނޫން، އެއީ ސިޔާސީ ކަންތައްތަކެއް ނޫން،"
ސިޔާމު ވިދާޅުވީ އެއްވެސް ބަޔަކު ގައުމުތަކާ ދިމާކުރަން ނުޖެހޭ ކަމަށާއި، ސިޔާސީ މީހުން މިހާރު އެއަށްވުރެ ބޮޑުވެ، ތަސައްރަފު ފުދެން ޖެހޭ ކަމަށެވެ. ކޮންމެ ގައުމަކަށްވެސް ފައިދާ ވާނީ އެހެން ގައުމުތަކާ އޮންނަ ގުޅުންތަކާއި، ގާތްކަމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އިންޑިއާއީ ޗައިނާއާ ދެގައުމުން ރާއްޖެއަށް ލިބެމުން އަންނަ އެހީތައް ފާހަގަކުރައްވައި ރާއްޖެއަކީ އެތަނުން އެއްވެސް ގައުމަކާ ދުރުގައި އޮވެވޭނެ ގައުމެއް ނޫން ކަމަަށްވެސް ވިދާޅުވިއެވެ.
"އެއްވެސް ގައުމެއް ބޭރު ކޮށްލައިގެން އަޅުގަނޑުމެންނަކަށް ނޫޅެވޭނެ، ޗައިނާ ބޭރުކޮށްލައިގެންވެސް ނޫޅެވޭނެ، އިންޑިއާ ބޭރުކޮށްގެންވެސް ނޫޅެވޭނެ، ޖަރުމަނު ބޭރުކޮށްގެންވެސް ނޫޅެވޭނެ އެމެރިކާ ބޭރު ކޮށްގެންވެސް ނޫޅެވޭނެ، ކިހިނެއްތޯ އަޅުގަނޑުމެން އިންޑިއާ މިއަދު އައުޓް ކުރާނީ އެއީ މިހާރު އެންމެގިނަ ޓޫރިސްޓުން އަންނަ ގައުމު، އަދި އެތައް ބިލިޔަން ޑޮލަރެއް ރާއްޖެއަށްވަނީ ދީފަ، ކިހިނެއްތޯ ޗައިނާ އައުޓް ކުރާނީ މީގެ ދެއަހަރު ކުރިން އެއީ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ގައުމު، އެގައުމުންވެސް އެތައް ބިލިޔަން ޑޮލަރެއް ރާއްޖެއަށް ވަނީ ދީފަ،"
ސިޔާމު ވިދާޅުވީ އެތަނުން އެއްވެސް ބަޔަކު ބާލައިގެން ދިވެހި އެންމެ ރައްޔިތަކަށްވެސް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި ލިބޭނީ ގެއްލުން ކަމަށެވެ.
އެމްޑީއޭއަކީ ހުރިހާ ގައުމަކާވެސް އެއްގޮތަކަށް ގުޅުން ގެންގުޅެން ބޭނުންވާ ޕާޓީއެއް ކަމަށާއި، މަގުސަދަކީ ހުރިހާ ގައުމުތަކަކީވެސް ރައްޓެހިންނަށް ހެދުން ކަމަށާއި، އަވައްޓެރި ކޮންމެ ގައުމަކީވެސް އަޅުގަނޑުމެންގެ މީހުން ކަމަށް ބެލުން ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.
އެމްޑީއޭގެ އުސޫލަކީ، ވަކި ފަރާތަކަށް ނުޖެހޭ ފޮރިން ޕޮލިސީއެއް ގެންގުޅުން ކަމަށާއި، އެންމެ އަމާންކަމާއެކީ ރައްޖެ ކުރިއަށްދާނެ ގޮތަކީ އެއީ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު