ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެ ކްލަބު ވިއްކާލަން ގަސްދުކުރާ ކަމަށް ބުނެފިއެވެ.
އަބްރަމޮވިޗް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަބަދުވެސް ނިންމުންތައް ނިންމަނީ ކްލަބުގެ ހެވާއި ލާބަ އާއި މަންފާއަށް ކަމަށާއި މިވަގުތު ކްލަބުގެ ސްޓާފުންނާއި ކުޅުންތެރިންނަށްވެސް އެންމެ ރަނގަޅު ގޮތަކީ ކްލަބު ވިއްކާލުން ކަމަށް ދެކޭ ކަމަށެވެ.
އަބްރަމޮވިޗްގެ ބަޔާނުގައި އިތުރަށް ބުނީ ކްލަބު ވިއްކާލައިގެން ލިބޭ ފައިދާ ޖަމާކުރާނީ ޔޫކްރެއިންއަށް އެހީ ދިނުމަށް ހަދާ ހާއްސަ ފައުންޑޭޝަނަކަށް ކަމަށެވެ.
އަބްރަމޮވިޗް އިތުރަށް ބުނީ އުންމީދަކީ ޗެލްސީގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަން އަދި އެއްފަހަރު ސްޓެންފާޑު ބްރިޖަށް ދެވުން ކަމަށެވެ.
އިނގިރޭސި ބައެއް ނޫސްތަކުން ބުނެފައި ވަނީ އަބްރަމޮވިޗަށް ޕްރެޝަރު ބޮޑުވެ، ޗެލްސީ ވިއްކާލުމަށް ބައެއް ބޮޑެތި ވިޔަފާރި ވެރިންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުމުރުން 86 އަހަރުގެ ސްވިސް ބިލިއަނަރު ހަންޖޯގު ވީސް ވެސް ހިމެނެއެވެ.
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ އިރު، އަބްރަމޮވިޗް ވެފައި ވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކުން އެންމެ ބޮޑަށް ޓާގެޓް ކުރި އެއް ފަރާތަށެވެ.
ސަބަބަކީ އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ވްލަޑީމިއީ ޕޫޓިންގެ އެންމެ ގާތް އެއް ވިޔަފާރިވެރިޔާ އަދި އެކުވެރިއާ ކަމަށްވާތީއެވެ. ރަޝިއާގެ މައްސަލައާ ގުޅިގެން އަބްރަމޮވިޗް އަތުން ޗެލްސީ އަތުލަންވެސް އީޔޫގެ ބައެއް މަޖިލިސް މެމްބަރުން ވަނީ މަޖިލީހުގައި ގޮވާލައިފައެވެ.
އެ ވާހަކަތަކާއެކު އަބްރަމޮވިޗް ވަނީ މީގެ ދެ ދުވަސްކުރިން އެ ކްލަބުގެ ހިންގުމާ ދުރަށް ގޮސް، ޗެލްސީގެ ހިންގުން ކްލަބުގެ ހިލޭ އެހީ ފައުންޑޭޝަނަށް ދޭ ގޮތަށް ނިންމައިފައެވެ. އެހެން ނަމަވެސް އެ ފައުންޑޭޝަންގެ ވެރިންގެ ފަރާތުން އެކަމަށް އަބްރަމޮވިޗަށް ފުރިހަމައަށް އެއްބާރުލުން ދިންތަން ފެނިގެން ގޮސްފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޗެލްސީއަށް އަބްރަމޮވިޗް ކިޔާފައިވާ އަގަކީ ތިން ބިލިއަން ޕައުންޑެވެ. އެ އަގަށް ބަލާ އިރު، ސްވިޒަލޭންޑްގެ ވީސްއަށް ޗެލްސީ ގަނެވިދާނެ ކަމަށް ބެލެވެއެވެ. އެންމެފަހުގެ ފޯބްސް ރިޕޯޓުތައް ދައްކާ ގޮތުން، ފިލަންތެރޮޕިސްޓް ވީސްގެ މިލްކިއްޔާތުގައި ފަސް ބިލިއަން ޕައުންޑް އެބަހުއްޓެވެ. ވީސްގެ މައިގަނޑު ހިއްސާއެއް އޮންނަނީ އެމެރިކާގެ ސިއްހީ ބައެއް ސާމާނު އުފައްދާ ސިންތުސް ކުންފުނީގައެވެ.
މީގެ 20 ވަރަކަށް އަހަރު ކުރިން 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަނެފައިވާ އިރު، އޭގެ ފަހުން އެ ކްލަބު ވެގެން ދިޔައީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބަށެވެ. އޭނާ ޗެލްސީ ގަތް ފަހުން ހޭދަވި 19 އަހަރުގެ ތެރޭގައި އެޓީމުން 21 ތަށި ހޯދާފައިވެއެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ އިތުރުން ދެ ޗެމްޕިއަންސް ލީގު ތަށްޓާއި ކްލަބު ވޯލްޑް ކަޕެއްވެސް ހިމެނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު